2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވެގެން އައިއިރު ރައީސް ޔާމީން ހުންނެވީ ރިޝްވަތާއި މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރެއްވުމަށް ޖަލުގައެވެ. 2022 ޑިސެމްބަރު 25 ގައި ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް އޮތީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެހެންނަމަވެސް އިސްތިއުނާފު އަޑުއެހުންތައް ލަސްކުރީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުވާލަން ގަސްތުގައި ރާވައިގެން ކަމަށް ތުހުމަތު ކުރެއެވެ.
ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އިސްތިއުނާފު އަޑުއެހުންތައް އެކި ގޮތްގޮތުން ލަސްކުރީ ފަނޑިޔާރު ސަލީމް ކަމަށާ، އޭނާ އެކަން ކުރީ ޕީޕީއެމްގެ އިސްވެރިންގެ އެދުމުގެ މަތިން އެ މަނިކުފާނުގެ ކެންޑިޑަސީ ގެއްލުވައިލަން ކަމަށެވެ.
ހައިކޯޓުގައި ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ އޭރު ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ސަލީމެވެ. މައްސަލަ ކުރިއަށް ދަނިކޮށް ސަލީމް ވަރަށް ދިގު ޗުއްޓީއެއް ނެންގެވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ފަނޑިޔާރު ސަލީމް ސުޕްރީމް ކޯޓަށް ހަމަޖައްސަން އެ އުޅެނީ އެ ދުވަހު، އެ މަނިކުފާނުގެ އަޑުއެހުންތައް ލަސްކުރުމަށް ޕީޕީއެމްގެ އިސްވެރީންނަށް އެހީތެރިވުމުން ކަމަށެވެ.
އޭރު އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ދިޔަ ގޮތާއި ކެންސަލް ވަމުން ދިޔަ ގޮތްވެސް ރޭ ޔާމީން ވިދާޅުވިއެވެ. އޭރު އެގޮތަށް ކަންހިނގާދިޔަ އޭރު ޕީޕީއެމް ހިންގެވުމުގައި އިސްކޮށް ތިއްބެވި އަދި މިހާރު ސަރުކާރުގެ އިސް މަގާމުގައި ތަކުގައި ތިއްބެވި ބޭފުޅުންގެ ރޭވުމުގެ ތެރެއިން ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.
"ދެން ހަމަ ސީދާ ސަލީމަށް ގުޅީ ކޮން ވަޒީރެއްކަން ވެސް އެނގޭ. އެއަށްވުރެ މަތިން ދެން ސަލީމާ ގުޅީ ކާކުކަން ވެސް އަޅުގަނޑަށް އެނގޭ. އަދި، ސަލީމާ ގުޅި ބައެއް އެހެން މީހުންގެ ނަންތައް ވެސް އަޅުގަނޑުގެ އަތުގައި އެބަހުރި އެނގޭތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ. "އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ ޝަރީއަތުގެ ތެރެއަށް މި ބޭބޭފުޅުން އަތްބާނާފައި ހުރީ ވަކިވަރަކަށް ނޫނޭ. އެހެންވީމާ އަޅުގަނޑު ވެސް އެ ވާހަކަތައް ދައްކާ ހިސާބަށް ދިޔައީމާ ދައްކާނަމޭ. އެކަމަކު ވެސް މި ދެންނެވީ މި ހުންނަނީ އިއްތިފާގެއް ނޫނޭ،"
ޔާމީން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިހުގައި ތިއްބަވާ ބޭފުޅުންގެ އަރިހުން އެ މަނިކުފާނަށް މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ. ރައީސް މުއިއްޒުގެ ގާތް ބައެއް ބޭފުޅުން ސީދާ ސަލީމާ ގުޅުއްވިއިއިރު، އެތާ ކައިރީ އެ ވަގުތު އިންނެވި ބޭފުޅަކު ފުރަތަމަ އެ ވާހަކަ އެ މަނިކުފާނަށް ކިޔައިދެއްވި ކަމަށް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑާ ހަމައަށް އާދޭ އެނގޭތޯ އެ ވާހަކަ. އެހެންވީމާ އެއްގޮތަކަށް ވެސް ގަބޫލުނުކުރައްވާ ތި ދައްކަވާ ވާހަކަ މީހުންނަށް އަޑުނީވޭނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ތެރޭ ތިއްބަވާ ބޭފުޅުންގެ ތެރެއިން އެންމެ ނާގާބިލު ބޭފުޅަކީ ސަލީމުކަމަށް ޔާމީން ވިދާޅުވިއެވެ. އަދި، އެ މަނިކުފާނުގެ ކެންޑިޑަސީއަށް ހުރަސްއެޅީ ވެސް ސަލީމް ކަމަށް ތުހުމަތުކުރެއްވިއެވެ.
"ސަލީމަކީ ކޮންތާކުން ހޯދި މީހެއްތޯ؟ އެކަމަކު އޭނާގެ ހަމައެކަނި ޝަރުތަކީ ރައީސް ޔާމީންގެ ކެންޑިޑަސީ ގެއްލޭ ވަރަށް ޝަރީއަތް ލަސްކޮށްލާފައި، ފުރައިގެން ގޮސް، ދޮޅު މަސްކޮށްލުން. އެންމެ ފުރަތަމަ އޭނާ ފުރުވާލީ އެމްޑީޕީގެ އިސް ސަފުން. އޭގެ ފަހުން ހުރިހާ ކަމެއް ކޮށްދިނީ ޕީޕީއެމްގެ އިސް މީހުން،" ޔާމީން ވިދާޅުވިއެވެ.
ސްޕްރީމް ކޯޓުން ހުސްކޮށްފައިވާ ދެ ފަނޑިޔާރުންގެ މަގާމުގެތެރެއިން އެއް މަގާމަށް ސަލީމް އައްޔަނުކުރުމަށް ޖޭއެސްސީން ކަނޑައަޅައި މިހާރު ވަނީ ރައީސް މުއިއްޒަށް ފޮނުވާފައެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމަށް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވުމުން މަޖިލީހުން ފާސްކުރުމުންނެވެ.