ޕީއެންސީ އޮފީހުގައި މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަނީ
ވަގުފޯމެއްގެ ސަބަބުން މަހުލޫފްގެ ބައްޕަވެސް ޕީއެންސީއަށް
ބައްޕަގެ އިތުރުން މަހުލޫފްގެ ކޮއްކޮއެއްވެސް ވަނީ ވަގަށް ޕީއެންސީއަށް ވައްދާފައި
ޖުނާން އަޙުމަދު 14 ޖެނުއަރީ 2025 (އަންގާރަ)   09:41
އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ވަގުފޯމެއްގެ ސަބަބުން ކުރީގެ ޔޫތު މިނިސްޓަރ އަޙުމަދު މަހްލޫފްގެ ބައްޕަ އާއި ކޮއްކޮއެއް ވެސް ޕީއެންސީ އަށް ވަގަށް ވައްދާފައިވާކަން ފަޅާއަރައިފިއެވެ.

މަހުލޫފް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އޭނާގެ ބައްޕަ އާއި ކޮއްކޮއެއް އޮޅުވާލައިގެން ޕީއެންސީ އަށް ވައްދާފައި ވުމުން އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ބަޔަކު ހިންގާފައިވާ އަމަލެއް ކަމަށެވެ.

އަދި (ޕީއެންސީ) އަށް މެންބަރުން ތިޔަ އިތުރުކުރައްވަނީ ވަރަށް އާދަޔާހިލާފު ގޮތަކަށް ކަމަށް ވިދާޅުވެ މަހުލޫފް ވިދާޅުވެފައި ވަނީ ޕާޓީ އަށް އެއްލައްކަ މެންބަރުން ހަމަކުރަން ޕާޓީގެ ރައީސް ވިދާޅުވުމުން ރައްޔިތުންގެ ސިއްރު މައުލޫމާތު ނަހަމަގޮތުގައި ބޭނުން ކޮށްގެން އެއެއް މިއެއް ނުބަލާ ޕީއެންސީ އަށް ވަގަށް ރައްޔިތުން ވެއްދި ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ދޮގު ހެކި ދީގެންނާއި، ސޮއިން ވައްކަން ކޮށްގެން އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ ގިނަ ބަޔަކު ޕީއެންސީ އަށް ވައްދާފައިވާ ކަން މިފަހަކުން ފަޅާއަރަން ފަށާފައި ވާއިރު، އެމްޑީޕީ ގައި އިސްކޮށް ހަރަކާތްތެރިވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރުންގެ އިތުރުން، އެމްޑީޕީގެ އާއްމު މެންބަރުންގެ ގިނަބަޔަކު ވެސް އޭގެ ތެރޭގައި ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

މިހާރު ވެސް ގިނަ ބަޔަކު މީސް މީޑިއާގައި އެކަމުގެ ނުރުހުން ފާޅު ކުރަމުން ދަނިކޮށް، މަހުލޫފްގެ ބައްޕަ އާއި ކޮއްކޮއެއް ވެސް ވަގަށް ޕީއެންސީ އަށް ވައްދާފައި ވާކަން ފަޅާއަރާފައި ވާއިރު، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެބޭފުޅާއަށް ވެސް އެނގުމެއް ނެތި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވައްދާފައި ވާކަން އެންމެފަހުން އިއްޔެ ވެސް ވަނީ ފަޅާއަރާފައެވެ. އަދި އެކަންކަމުގެ ނުރުހުން ފާޅުކޮށް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން އިއްޔެ ވަނީ އިލެކްޝަން ކޮމިޝަނަށް ހާޒިރުވެ ޝަކުވާ އާއިގެން އެތަނުގެ ވެރިންނާ ބައްދަލު ކުރައްވާފައެވެ.

ކޮމެންޓް