އެ މިނިސްޓްރީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ގިނަ ބައެއްގެ ނަން ލިސްޓުން އުނިވެފައިވަނީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަން ސާބިތުކުރެވެން ނެތުމުން ކަމަށްވާއިރު، ގިނަބަޔަކަށް ފްލެޓު ދިނުމަށްޓަކައި، އެކަން ކަށަވަރުކުރުމަށް ބަލަމުން އައި މިންގަނޑު ވެސް މި ސަރުކާރުން މިހާރު ވާނީ ލުއިކޮށްދީފައި ކަމަށެވެ.
އެހެންކަމުން މިހާރު ބަލަނީ، ފްލެޓުތަކަށް އިއުލާން ކުރި ތާރީހުން ފެށިގެން 15 އަހަރުގެ މުއްދަތުގެ ކުރިން މާލެއަށް ބަދަލުވިކަން އެނގެން އޮވެމެ، އެއަށްފަހު އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރިކަން ލިޔެކިޔުމުން އެނގެން ނެތް މީހުންނަކީ މާލޭގައި ދިރިއުޅުނު މީހުންގެ ގޮތުގައި ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
އެގޮތަށް އެކަން ބަލަން ނިންމި މައިގަނޑު ސަބަބަކީ ދިވެހިރާއްޖޭގެ ކަންކަން އޮންނަ ގޮތުން މާލެއަށް ހިޖުރަކުރުމަށްފަހު އަނބުރާ ރަށަށް ދިޔުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމަކަށް ވާތީ ކަމަށާ، މިކަމުގައި މިހާރު އެންމެބޮޑަށް ބަލަނީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކަންކަން ކުރިއަށްގެންދިޔުމަށް ކަމަށް ވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
މި މަރުހަލާގައި ވެސް އަމަލުކުރުމުގައި އޭސީސީ (އެންޓި ކޮރަޕްޝަން ކޮމިޝަން) އިން އެ ވުޒާރާއަށް އަންގާފައިވާ އެންގުންތަކާއި އުސޫލުތަކަށް ރިއާޔަތްކުރައްވާނެ ކަމަށް ވިދާޅުވެ މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެގޮތުން ސައްހަ ނޫން ލިޔުމެއް ނުވަތަ މައުމޫލާތެއް ހުށަހާޅާފައިވާކަން ސާބިތުވާން އޮވެއްޖެ ނަމަ އެ ހާލަތުގައި އެ މީހެއްގެ ފްލެޓު އަތުލާ، ލިސްޓުން ނަން އުނިކުރެވޭނެ ކަމަށެވެ.
އަދި އެގޮތަށް އުނިކުރެވޭނީ އެ ފަރާތަކަށް ރަސްމީ ލިޔުމަކުން އެކަން އަންގާ، އެޕީލް (ޝަރުއީގޮތުން ކަޑައްތުކުރަންޖެހޭ މައުހަލާ) އަށް ވެސް ފުރުސަތު ދިނުމަށް ފަހުގައި ކަމަށް ވިދާޅުވެ މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ކުރީ ސަރުކާރުން އާންމުކުރި ލިސްޓުގައި ދެމަފިރިން ހިމެނިފައިވާނަމަ ފްލެޓު ލިބޭނީ ކޮންމެވެސް އެކަކަށް ކަމަށާ، ބިންވެރިޔާ ސްކީމުގެ ދަށުން އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާނަމަ އެ މީހަކަށް ފްލެޓު ލިބޭނީ އެ ގޯތި ދޫކޮށްލަން އެއްބަސްވުމުން ކަމަށެވެ.
ހައުސިން މިނިސްޓްރީން މިއަދު މި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ކުރިން، ފްލެޓުތަކުގެ ހައްގުވެރިންނަށްޓަކައި ފަހިޔޫނިއަންގެ ފަރާތުން ކުރަމުންއަންނަ ކަންކަމުގެ އަދާހަމަ ރައްޔިތުންނަށް ހާމަކޮށްދިނުމަށް މިއަދު މާގިރިހޮޓަލުގައި ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛް ޢަލީ ޙުސެއިން ވިދާޅުވީ، ފްލެޓުތައް ހަވާލުކުރުމުގައި މި ސަރުކާރުން ވެސް އަމަލުކުރަމުން އަންނަނީ، ކުރީ ސަރުކާރުން އެކުލަވާލި އުސޫލުތަކަށް ރިއާޔަތްކޮށްގެން ކަމަށް ބުނި ނަމަވެސް، އެ އުސޫލުތަކަށް މި ސަރުކާރުން އަމަލުކުރާނަމަ އެ 4000 ފްލެޓު މިހާރު އޭގެ ހައްގުވެރިންނާ ހަވާލުވެސް ކޮށް ނިމިފައި އޮންނަންޖެހޭ ކަމަށެވެ.
ސަރުކާރުން މިކަމުގައި ހައްދާވާ މަކާރާއި އޮޅުވާލުމުގެ އެތައް ކަންތައްތަކެއް ފާހަގަކުރައްވަމުން ކުރިއަށްގެންދެވި މި ނޫސްވެރިންގެ ބައްދަލުވުމުގައި، ޢަލީ ޙުސެއިންގެ ވާހަކަ ނިންމަވާލެއްވީ، ފްލެޓުގެ ހައްގުވެރިންނަށް ގެއްލިގެންދާ ހައްގުތަށް ހޯދައިދިނުމަށް ޝަރުއީގޮތުން އެ ޔޫނިއަންގެ ފަރާތުން ކުރަންޖެހޭ ކަންކަމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް މިހާރު ހަމަޖައްސަމުން އަންނަކަމަށާ، އެއަށްފަހު ޝަރުއީގޮތުން ކުރިއަށްދާން ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު ހޯދައިދީ އެ ބޭފުޅުންނާއެކު އެ މަރުހަލާ ފައްޓަވާނެކަމަށް ވިދާޅުވަމުންނެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މި 4،000 ފްލެޓު މަޝްރޫއުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް ކަނޑައެޅި 4،000 މީހުންގެ ތެރެއިން 2180 މީހުން ޝަރުތު ހަމަނުވާކަމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.
ފްލެޓު ލިސްޓަށް ޝަކުވާއަށް ހުޅުވާލި މުއްދަތުގައި، ޕޯޓަލް މެދުވެރިކޮށް 5،236 ޝަކުވާ ހުށަހަޅާފައިވާ އިރު، 2،840 ޝަކުވާ އީމެއިލް މެދުވެރިކޮށް ވަނީ ހުށަހަޅާފައެވެ. އަދި ސިޓީ މެދުވެރިކޮށް ވެސް 526 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް ހައުސިން މިނިސްޓްރީން މީގެކުރިން ބުންޏެވެ.