ފަހިޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ފިޔެސް
މި ސަރުކާރުގެ ދޯހަޅިކަމުން، އިތުރު 6،000 މީހަކު ފްލެޓުން މަހުރޫމްވެއްޖެ
ކުރީސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓުގެ އިތުރުން ވެސް 6،000 ފްލެޓަށް އޭރު ފައިސާ ހަމަޖެއްސި
މުޙައްމަދު ޤާސިމް 30 މޭ 2025 (ހުކުރު)   17:53
ފާއިތުވި އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ފަހި ދިރިއުޅުން ސިޔާސަތުގެ ދަށުން އަޅަމުން ގެންދިޔަ 4،000 ފްލެޓުގެ އިތުރުން ވެސް އިތުރު 6،000 ފްލެޓެއްގެ ފައިސާ ހަމަޖެހި ކޮންޓްރެކްޓަރާއެކު ސޮއިކޮށްފައި ވީނަމަވެސް މި ސަރުކާރުގެ ދޯހަޅިކަމުން، އެ 6،000 ފްލެޓު ލިބެންވާ ހައްގުވެރިން މިވަނީ ފްލެޓުލިބުމުން މަހުރޫމް ވެފައިކަމަށް، ފަހިޔޫނިއަންގެ ފަރާތުން ފްލެޓްތަކުގެ ހައްގުވެރިންގެ ދިފާއުގައި ޤާނޫނީ މަސައްކަތްކުރައްވާ މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ފްލެޓުތަކުގެ ހައްގުވެރިންގެ ދިފާއުގައި ފަހިޔޫނިއަން އިން ކުރަމުންއަންނަ މަސައްކަތުގެ އަދާހަމަ ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން އިއްޔެ މާގިރިހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ޢަލީ ޙުސެއިން ވިދާޅުވީ، ކުރީ ސަރުކާރުން ހަވާލުކުރި 4،000 ފްލެޓުގެ އިތުރުން ވެސް އިތުރު 6،000 ފްލެޓެއްގެ އަމަލީ މަސައްކަތް އެ ވެރިކަން ނިމުނު އިރު އޮތީ ފެށުމަށް ތައްޔާރުވެފައި ކަމަށެވެ.

އެގޮތުން 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު، އިންޑިއާގެ އެންބީސީސީ ކިޔާ ކުންފުންޏަކާ ހަވާލުކޮށް 2،000 ފްލެޓެއްގެ މަޝްރޫއެއް އޭރުގެ ސަރުކާރުން އިއުލާންކުރި ކަމަށާ، އޭގެ އިތުރުން ވެސް، އިންޑިއާގެ ކޭޕީއައިއެލް ކިޔާ ކުންފުންޏަކާ އެކު 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 3 ވަނަ ދުވަހު 4،000 ފްލެޓެއް އެޅުމުގެ މަޝްރޫއުގައި ވެސް ސޮއިކޮށްފައިވާ ކަން ޢަލީ ޙުސެއިން ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެ ދެ ޕްރޮޖެކްޓުގައި، ޖުމްލަ 6،000 ފްލެޓު ހިމެނޭއިރު، ކުރީސަރުކާރުގެ އެ މަޝްރޫއަށް އިހުތިރާމްކޮށް އެއާ އެއްގޮތަށް، މި ސަރުކާރުން މިއަދާހަމައަށް އަމަލު ކުރިނަމަ، އެ ފްލެޓުތަކަކީ ވެސް ހަގީގަތުގައި މިއަދު ކޮޅަށްޖަހާ ނިމިފައި ހުންނަން ޖެހޭ ފްލެޓުތަކެއް ކަމަށް ވިދާޅުވެ، ޢަލީ ޙުސެއިން ވިދާޅުވީ، އެ ފްލެޓުތައް އެޅުމަށް ބޭނުންވާ ފައިސާއަކީ އޭރު ހަމަޖެހި ނިމިފައިހުރި އެއްޗެއް ކަމަށް ޚުދް ރައީސް މުއިއްޒު އެމަނިކުފާނު އެންމެފަހުން ބޭއްވެވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވާކަމަށެވެ.

އެގޮތުން އިންޑިއާއިން ދީފައިވާ ކްރެޑިޓްލައިންގައި 15 ބިލިއަނަށްވުރެ ގިނަ ފައިސާ ހުރިކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް މުއިއްޒު އިއުތިރާފްވެ ވަޑައިގެންފައި ވާއިރު އެ ކްރެޑިޓްލައިންގެ އެއްބަސްވުމުގައި 2،000 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާއިން ވަނީ ހިމަނާފައި ކަމަށްވެސް ޢަލީ ޙުސެއިން ވިދާޅުވިއެވެ.

އެހެންކަމުން އޭރުވެސް ފައިސާ ހަމަޖެހި އެ މަސައްކަތްތައް ކޮންޓްރެކްޓަރާ ހަވާލުކުރެވިފައި ވީއިރު، އެ 6000 ފްލެޓް މިއަދާ ހަމައަށް އައި އިރު މި ސަރުކާރުން ކޮޅަށްޖެހިފައި ހުރިނަމަ، ކުރީ ސަރުކާރުގެ ފްލެޓް ސްކީމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 59 ޕްއިންޓް ލިބުނު ފަރާތްތަކަށް ވެސް ހަގީގަތުގައި ފްލެޓް ލިބުނީސް ކަމަށް ޢަލީ ޙުސެއިން ވިދާޅުވިއެވެ.

ދިވެހި އެތައް ރައްޔިތުންނަކަށް ކުރީ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތްތަކަށް މި ސަރުކާރުން ގޮންޖަހާ ކުރި ކަންކަމުގެ ސަބަބުންނާއި، މި ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުން، އަދި އެ ފްލެޓުތަކުގެ ހައްގުވެރިންގެ އަތުން ފްލެޓުތައް ނިގުޅައިގަތުމަށްޓަކައި، ދޮގުހެދުމާއި މަކަރުހެދުމާއި އޮޅުވާލުމުގެ ތެރެއިން، އެކަން ކުރަމުން އައީ ކުރީ ސަރުކާރުން އެކަށައަޅާފައިވާ އުސޫލުތައް ވެސް ބަދަލުކޮށް، އުސޫލާއި ހަމަތަކުގެ ބޭރުން ކަމަށް ވިދާޅުވެ ޢަލީ ޙުސެއިން ވިދާޅުވީ، އެކަންކަމުގެ ސަބަބުން ދިވެހި އެތަކެއް ރައްޔިތުންނަށް ވަމުންދާ ގެއްލުން މިއަދު ފެންނަމުން އެބަދާކަމަށެވެ.

ޢަލީ ހުސެއިންގެ ވާހަކަ ނިންމަވާލެއްވީ، އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެ 6000 ފްލެޓު ވެސް މި ސަރުކާރުން މިއަދު ކޮޅަށްޖެހިފައި ހުރި ނަމަ، ގެދޮރުވެރިޔާ ސްކީމުގެ މިހާރުގެ 4000 ފްލެޓުގެ އިތުރުން ވެސް 6000 މީހަކަށް އޮންނާނީ ފްލެޓު ލިބޭނެކަން ކަށަވަރުވެ ޔަގީން ވެފައި ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުންނެވެ. އަދި އެކަން ނުހިނގާ މިވަނީ މި ސަރުކާރުގެ ފެއިލިއާގެ ސަބަބުންނާއި، މި ސަރުކާރުގެ ދޯހަޅިކަމުގެ ސަބަބުން ކަމަށް ވެސް ޢަލީ ޙުސެއިން ވިދާޅުވިއެވެ.

ފަހި ޔޫނިއަންގެ މި ނިއުސްކޮންފަރެންސަށް ފަހު ހައުސިން މިނިސްޓްރީން އިއްޔެ ކުއްލިއަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު މުއްތަލިބް ވިދާޅުވީ 4،000 ފްލެޓާއި ގުޅޭ ދާއިމީ އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ. އަދި ފްލެޓުތައް ދޭނީ ކުރީ ސަރުކާރުން 2023ވަނަ އަހަރު ނެރެފައިވާ ލިސްޓަށް ކަމަށާ، ފްލެޓުތައް ދޭނީ ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނި ކުރުމަށްފަހުގައި ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.

ފަހި ޔޫނިއަން އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ، ހައުސިން މިނިސްޓްރީން ކުއްލިއަކަށް ތެޅިގަނެގެން މި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ވަރަށް ބޮޑު ގުޅުމެއް އެބައޮތްކަމަށް ގިނަބަޔަކު ފާހަގަ ކުރެއެވެ.

ފްލެޓުގެ ކަންކަމުގައި މި ސަރުކާރުން އޮޅުވާލުމަށް ކުރަމުންއައި ގިނަ ކަންތައްތަކެއް ހާމަކުރައްވަމުން ފަހި ޔޫނިއަން އިން ކުރިއަށްގެންދިޔަ އެ ބައްދަލުވުމަށްފަހު ހައުސިން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި، ފްލެޓު ހަވާލުކުރުމާ ބެހޭ ކަންކަމުގައި މި ސަރުކާރުން ގެންގުޅުނު ސިޔާސަތުތަށް ވަރަށް ބޮޑަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެ، އެކަމުގައި އިތުރު ލުއިތަކެއް ދެއްވިކަމަށް ވެސް ވިދާޅުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް