މި މައްސަލާގައި އަކްރަމް އާއި އާރިފްގެ އިތުރުން ދެން ދައުވާ ކޮށްދޭން އެދިފައިވަނީ، ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއަރ އެގްޒެކެޓިވްގެ މަގާމުގައި ހުރި ލިރުގާމް ވަހީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުރި އަޙްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
އޭސީސީން ބުނީ އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙުޤީޤުކުރަމުން ގެންދާ ފުލެޓް ކޮރަޕްޝަންގެ މައްސަލައިގައި ހޯދާފައިވާ ހެކިޤަރީނާއިން އެ 4 މީހުން ފުލެޓް ބެހުމުގައި ވަކި ބަޔަކަށް ނާޖައިޒް މަންފާވާ ގޮތަށް އަމަލުކޮށްފައިވާ ކަން އެނގޭ ކަމަށެވެ. އެހެންކަމުން، އެމީހުންނަށް ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
ހަތަރު މީހުންގެ މައްޗަށް ކުރަނީ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.
މީގެ އިތުރުން، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މި ހަތަރު މީހުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ވެސް ފުލުހުންނާ ގުޅިގެން ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ޖޫން 10 ގައި ދައުވާ ކުރަން ފޮނުވި ހަތަރު މީހުން ދިރިއުޅޭ ގެތައް ބަލައި ފާސްކޮށް އެ މީހުންގެ ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު އޭސީސީން އަތުލި އެވެ. އަދި އެމީހުން ފުރުން މަނާކޮށް ކޯޓު އަމުރު ނެރުނެވެ.
އެ މީހުންގެ މައްޗަށް ފްލެޓު ލިސްޓާ ގުޅުވައި ދައުވާ އުފުލާފައިވާއިރު މި ސަރުކާރުން މިހާރު ފްލެޓު ދޭން ނިންމާފައި ވަނީ ކުރީ ސަރުކާރުން އެކުލަވާލި ލިސްޓަކަށެވެ. ދޮޅު އަހަރު ވަންދެން ފްލެޓު ލިސްޓު އެކި މަރުހަލާގައި ތާށި ކުރުމަށްފަހު ސަރުކާރުން އެގޮތަށް ނިންމިކަން ހާމަކުރީ ފާއިތުވި މެއި މަހުގެ 29 ވަނަ ދުވަހު، ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޢަބްދުﷲ މުއްތަލިބު ބޭއްވި ނޫސްކޮންފަރެންސެއްގައެވެ.