އެމްޑީޕީ ލީޑަޝިޕްގެ ބައެއް ބޭފުޅުން
ހެއްކެއް ނުދައްކައި ދައުވާ ކުރަނީ މުއިއްޒު އަންގައިގެން – އެމްޑީޕީ
މަރްޔަމް މުޙައްމަދު 3 ޖޫން 2025 (އަންގާރަ)   23:41
މިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އެކުލަވައިލުމުގައި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމުގެ އެއްވެސް ހެއްކެއް ނުދައްކައި، ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށާ އެކަން އެގޮތަށް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށް އެމްޑީޕީން ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ މައްސަލައިގައި ދައުވާ އުފުލީ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ހައުސިން މިނިސްޓްރީގެ ކުރީގެ ދެ ސިނީއާ އެގްޒެކެޓިވް މުހައްމަދު އާރިފް އާއި ލިރުގާމް ވަހީދު އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމް އަށެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަތައް ފޮނުވީ އެއްވެސް ހެއްކެއް ނުދައްކައި، ސިޔާސީ މަގުސަދެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް ކަމަށެވެ.

"ސިޔާސީ ނުފޫޒުގައި ފިތި ބާރުވެފައި ތިބި އޭސީސީން އަމަލު ކުރަމުން ދަނީ ސީދާ ރައީސް މުއިއްޒުގެ އޯޑަރަށް. މި މައްސަލާގައި އޭސީސީން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ކަނޑައެޅިގެން ހިލާފަށް. އެމްޑީޕީއިން ދެކެނީ މި ތަހުގީގަކީ ފެށުނީއްސުރެ ވަކި އަތަކަށް ޖެހިފައިވާ ސިޔާސީ ތަހުގީގެއްގެ ގޮތުގައި،" އެމްޑީޕީން ބުންޏެވެ.

ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ބުނެ ދޮގު ތުހުމަތުތަކެއްކޮށް ދައުވާ އުފުލަން ނިންމާފައިވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ފްލެޓު ދިނުމަށް ނިންމާފައިވަނީ ހަމަ މިދިޔަ ސަރުކާރުން ގެޒެޓުގައި ޝާއިއުކުރި ލިސްޓަށްކަން އެމްޑީޕީން ފާހަގަކުރި އެވެ.

މީގެއިތުރުން އެމްޑީޕީން ބުނީ މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލު ކުރުމުން އަލުން އާ އަމުރެއް ބޭނުންކޮށްގެން އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ސަރުކާރަށް ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލައި އިދިކޮޅު ފަރާތްތަކަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށެވެ.

އެމްޑީޕީން ތުހުމަތުކުރަނީ އޭސީސީ މެދުވެރިކޮށް ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް އަސްލެއް ނެތް ހިޔާލީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާ ކުރަމުންދަނީ ފްލެޓުތައް ހަވާލު ކުރުން ލަސްކުރުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން އެ ދައުވާތަކަކީ ކުރިއަށް އޮތް އިންތިހާބުތަކާ ހަމައަށް ފްލެޓު ދިނުން ލަސްކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ފްލެޓުތައް ބޭނުން ކުރުމުގެ ނުބައި ނިޔަތުގައި ސަރުކާރުގެ ނުފޫޒުން އުފުލާ ދައުވާތަކެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ޒިންމާ މަތިކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ވަކިކޮށްފައިވުމަކީ މިކަމުގައި އިންސާފުވެރި ޝަރީއަތެއް އެއްވެސް ފަރާތަކަށް ނުލިބޭނެކަން އަންގުވައިދޭ ކަމެއް،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައި ވަނީ، ފަނޑިޔާރުގެ އާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ބާރުގައި އުމުރު ދުވަހު ހުންނެވޭނެ ކަމަށް ރައީސް މުއިއްޒު އުންމީދު ކުރެއްވި ނަމަވެސް، އިންސާފުގެ މަގުން ފެއަށް ޖެހި ފަސާދައިގެ މަގުން ހިނގަމުން މިދާ ސަރުކާރާ ދެކޮޅަށް ދިވެހި ރައްޔިތުން ކާމިޔާބު ހޯދާނެ ކަމަށެވެ.

ކޮމެންޓް