ވެލިދޫން ފިޔެސްއަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 3:45 ހާއިރު އެވެ. ނިކަގަހުން ވެއްޓިފައިވަނީ އެންމެ މަތިން ވަރަށްބޮޑު ދެ ގޮފިގަނޑު ކަމަށް އެމީހާ މައުލޫމާތު ދިނެވެ.
ވެލިދޫ ކައުންސިލް ރައީސް އާތިފް ހުސައިން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އަދި މިއަދު މެންދުރުފަހު ވެލިދޫ އަށް ޖެހުނު ގަދަ ވައިގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެގޮތުން އެރަށުގައި އަމިއްލަ ފަރާތަކުން ރާވަމުންދިޔަ އޮޑިހަރުގެއެއް ވެއްޓުމާއި ގެއެއްގެ ފުރާޅު އެއްލައިލުމާއި ގަސްރުށް ވެއްޓުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެލިދޫގައި ރާވަމުންދިޔަ އޮޑިހަރުގެ މިއަދު ވެއްޓިފައި
ރައީސް އާތިފް ވިދާޅުވިގޮތުގައި ވެލިދޫ މަލަމަތިން ފާޅުކޮށް ބޮޑުކޮށް ފެންނަން ހުންނަ ބޮޑު ނިކަގަހުން ބޮޑު ބައެއް މިއަދު ވެއްޓުމުން މިހާރު މަލަމަތިން އެ ގަސް ފެންނާކަށް ނުހުރެއެވެ.
ވެލިދޫ ބޮޑު ނިކަގަހަކީ 500 އަށްވުރެ ގިނަ އަހަރުވީ ގަހެއް ކަމަށް ރެކޯޑް ކުރެވިފައިވާ ގަހެކެވެ. އަދި އެއީ ރާއްޖޭގެ ހުރި ތިން ވަނަ އަށް އެންމެ ބޮޑު ނިކަގަސްކަމަށްވެއެވެ.
ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ އެވެ. ހއ. އަތޮޅުން ފެށިގެން ވ.އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާއިރު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނަޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.