ދޮންބިލެތް މިހެން ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ޕާޓީ ރަޖިސްޓަރީކުރުމަށް ހުއްދަދިންތާ 20 އަހަރު، ފުރުމާގުޅިގެން ރާއްޖެޓީވީން ރޭ ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ދޮންބިލެތް ވިދާޅުވީ، ރާއްޖޭގައި ސިޔާސީޕާޓި އުފެދިގެން އައި އައުމުގައި އެންމެ ފުރަތަމަ އުފެދުނު ދެ ޕާޓީ ނުވަތަ ދެ ފިކުރުގައި ހުރި ތަފާތުތަކަކީ، ފުރަތަމަ ޕާޓީ އެމްޑީޕީ (ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ) އަކީ ދިވެހި ރާއްޖޭގައި ޑިމޮކްރަޓިކް ވެރިކަމެއް ތައާރަފުކޮށް އެކަން ދިރުވާ، ރާއްޖޭގައި އިސްލާހީ މަސައްކަތްތަކެއް ކުރުމަށް އައިޕާޓީއެއް ނަމަވެސް އޭރުގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ހެއްދެވި ޑީއާރުޕީ (ދިވެހި ރައްޔިތުންގެ ޕާޓީ) އުފެދިގެން އައީ ޚުދުމުހުތާރު ވެރިކަމެއް ހިމާޔަތްކުރުމަށް ކަމަށެވެ.
އޭރު ރާއްޖޭގައި އޮތީ ސަލާންޖެހުމުގެ ސަގާފަތެއް ގާއިމްކޮށްފައި ކަމަށާ، ބޭސްފަރުވާއަށް ވެސް ރައްޔިތުން ޖެހުނީ ސަލާންޖަހަން ކަމަށް ވިދާޅުވެ، ދޮންބިލެތް ވިދާޅުވީ ރާއްޖޭންބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދެކޮޅުޓިކެޓަށް އެދި ތީމުގޭދޮށުގައި ވެސް ފިސާރި ދިގު ކިއޫ ހެދި ޒަމާނެއް ރާއްޖެއަށް އައި ކަމަށެވެ.
އަދި އޭރުގެ ސަރުކާރަށް ނިސްބަތްވާ މަތީފަންތީގެ ބޭފުޅެއްގެ ދަރިއަކަށް މެނުވީ މަތީ ތައުލީމް ހާސިލްކުރެވޭނެ ފުރުސަތު ވެސް ނޯންނަކަން ފާހަގަ ކުރައްވަމުން ދޮންބިލެތް ވިދާޅުވީ، އޭރު ކަން ހުރި މަގާ ދެކޮޅަށް، އެމްޑީޕީ އުފެދިގެން އައީ ރާއްޖޭގައި އޭރުއޮތް ވެރިކަން ހިންގުމުގެ ނިޒާމު ކަމުނުގޮސް އެކަމުގައި ރައްޔިތުން ވަރަށް ބޮޑަށް ފޫހިވެ، އެކަންކަން ބަދަލުކުރާނެ ވެރިއަކަށް ބޭނުންވެފައި ވަނިކޮށް ކަމަށެވެ.
"އޭރުގެ އެއް މިސާލެއް ސަލްޓަންޕާކު ފަދަ ހިތްފަސޭހަ ޕާކެއްގައި ކަށިނަރުދަމާފައި އެތަނަށް ވަނުންމަނާކޮށް ހަމައެކަނި ހުކުރުދުވަހު ހަވީރު އެކަނި މީހަކަށް ވަދެވެނީ. އެހެން އެކަން އޮއްވާ އެމްޑީޕީ ވެރިކަމަށް އައިސް އެ ކަށިނަރުތައް ކޮށާލާ އެތަން އާންމުންނަށް މުޅިން ހުޅުވާލުމުން ވެސް އެތައް ބަޔަކު އެކަމާ އުފާވެ އޭރު ހައިރާންވެގެން ވެސް އުޅުނު. އެއީ ވެސް ޑިމޮކްރަސީއަށް ރާއްޖެ ބޭނުންވެފައި އޮތް މިންވަރު ހާމަކޮށްދިންކަމެއް." ދޮންބިލެތް ވިދާޅުވިއެވެ.
އަދި ޑިމޮކްރަސީގެ އެ ވެރިކަން އައުމަށްފަހު ގައުމަށް އަންނަމުންދިޔަ ހެޔޮބަދަލްތަކާއި ތަރައްގީގެ ކުރިއެރުންތައް، އޭރު ނިމިގެންދިޔަ ޚުދުމުހުތާރު ވެރިކަމުގެ ބައިވެރިންނަށް ބަލައި ނުގަނެވި، ހަމަޖަމު ވެސް ނުވިކަން ފާހަގަކުރައްވަމުން ދޮންބިލެތް ވިދާޅުވީ، ނަމަވެސް މިހާރު އަޅުގަނޑުމެން ވިސްނާލަންވީ އަޅުގަނޑުމެނަށް މިއަދު ހުއްޓި މި ތިބެވެނީ ކިހާހިސާބެއްގައިތޯ؟ ކަމެވެ.
"މިއަދު އަޅުގަނޑުމެނާ ހިސާބަށް އައިސްފައިވާ ހަރުދަނާ ފެންހިފޭ އެއްޗަކަށް މިއޮތީ ދެފުށް ފެންނަ އިންތިހާބީ ނިޒާމެއް އެކަނި، އެހެން ނަމަވެސް އެ ނިޒާމަށް ވެސް ބުރޫއަރާފަދަ ކަންތައްތަކެއް މިހާރު ވެސް ހިނގަމުން އަންނަ އައުމަކީ އެކަމާ ކަންބޮޑުވާކަމެއް." ދޮންބިލެތް ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމްގައި ސިޔާސީ ޕާޓީ ރާއްޖޭގައި އުފެއްދުމުގެ ހިޔާލާ މަސައްކަތްތަކަކީ ވަރަށް ގިނަބޭފުޅުން އެކަމުގައި ހިމެނިގެން ކުރިއަށްގޮސް ކާމިޔާބުކޮށްފައިވާ މަސައްކަތްތަކެއް ކަން ފާހަގަކުރައްވަމުން، ދޮންބިލެތް ވިދާޅުވީ އަދިވެސް އުންމީދު ކުރަމުން އަންނަނީ އެއަށްވުރެ މާ އުޖާލާ މާދަމާއެއް މި ގައުމަށް ގެނެވޭނެ ކަމަށް ކަމަށާ، އިރާދަ ކުރެއްވިއްޔާ އެމަގުން ކަންކަން ގެންދިޔުމަށް އެބޭފުޅާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓައި ނުލައްވާނެ ކަމަށެވެ.