މިކަމަށް ގޮވާލާ އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އިނގިރޭސިވިލާތާއިއެކު އެއްބަސްވެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ސަރުކާރުން ފެށި މަޝްވަރާތަކުގެ ވާހަކަ، މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި ހިމަނާފައި ނުވާކަމީ ކަންބޮޑުވާކަމެއް ކަމަށެވެ.
"ރައީސް ސާލިޙްގެ ސަރުކާރުގައި މަސްވެރިންނާ މަސްވެރި ސިނާއަތުގެ މުސްތަގުބަލު ރަނގަޅު ކުރުމަށް ފެށި އެންމެ މުހިންމު އެއް މަސައްކަތަކ އިނގިރޭސވިލާތަށް ރާއްޖެއިން އެކްސްޕޯޓުކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތެވެ. މިގޮތުން ކުރެވުނު މަސައްކަތުން 2020 ވަނައަހަރު ޑިޔުޓީ %24 އިން %20 އަށް ކުޑަވެގެން ދިޔައެވެ. އަދި ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދަން ދެ ގައުމުން އެއްބަސްވެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މިގޮތުން ފުރަތަމަ މަޝްވަރާތައް ނިމި، އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ މި އެފްޓިއޭ އާއި ގުޅޭގޮތުން އެ ގައުމުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް 8 ޖޫން 2023 ގައި ހުޅުވާލާފައެވެ. ދައުރު ނިމުނުއިރު މަސައްކަތް ތާވަލުކުރެވިފައިވަނީ 2025 ގައި މި އެގްރިމެންޓް ތަންފީޒު ކުރުމަށެވެ." އެމްޑީޕީގެ ނޫސްބަޔާނުގައި ވެއެވެ.
އަދި އެމްޑީޕީން ދެކެނީ މި އެގްރިމެންޓަކީ މަސްވެރި ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ވަސީލަތަކަށް ވެގެންދާނެ ކަމަށާ، ދިވެހިރާއްޖޭން ވެލިއުއެޑް ކުރެވިގެން އެންމެ ގިނައިން އެސްއޯޓު ކުރަނީ ދަޅުމަސް ކަމަށްވާއިރު، މީގެން %50 އަށް ވުރެ ގިނައިން އެކްސްއޯޓު ކުރެވެނީ އިނގިރޭސވިލާތަށް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
"އިނގިރޭސި ވިލާތުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ އިމްޕޯޓު ޑިއުޓީ %0 އަށް ބަދަލުވެގެން ދިއުމަކީ ދިވެހި މަސްވެރި ސނާއަތަށް ލިބޭ ބޮޑު ކުރިއެރުމެއްކަން ޔަގީނެވެ. މަސްވެރިން އަތުން ގަންނަ މަހުގެ އަގު މަތިވެގެންދާނެ ކަމެކެވެ. މި އުންމީދުގައި ރައްޔިތުން ތިބިހިނދު، މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް-ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި އެފްޓީއޭގެ ވާހަކަ ހިމަނާފައި ނުވާކަން ވަނީ ހާމަވެފައެވެ. މިއީ އެމްޑީޕީ އިން ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ. މި ޑައަލޮގުގައި އެފްޓީއޭގެ ވާހަކަ އުނިކޮށްފައިވާ ސަބަބު ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށް ދިނުމަށް ގޮވާލަމެވެ." އެމްޑީޕީގެ ނޫސްބަޔާނުގައި ވެއެވެ.
އަދި އެމްޑީޕީގެ މި ނޫސްބަޔާން ހިއްސާކުރައްވަމުން އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަމަކީ ޚުދް އެމަނިކުފާނު ވެސް ނުހަނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމަށް ވިދާޅުވެފައެވެ.