އޭއައި އިން އުފައްދާފައިވާ ފޮޓޯއެއް.--
އޭޝިޔާގެ ބޮޑު ސްކޭމް ނެޓްވޯކެއް ދިވެހި ފުލުހުންގެ އެހީއާއެކު ހުއްޓުވައިފި
މި ސްކޭމާ ގުޅިގެން 1،800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު 33،000 އެކައުންޓް ވަނީ ފްރީޒްކޮށްފައި
މަރްޔަމް މުޙައްމަދު 4 ޖޫން 2025 (ބުދަ)   09:39
އޭޝިޔާ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި އޮންލައިން ސްކޭމްތައް ހިންގި ފުޅާ ނެޓްވޯކެއް ދިވެހި ފުލުހުންގެ ވެސް އެހީތެރިކަމާއެކު ހުއްޓުވައި، 1،800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއީ ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ މުއާމަލާތް ހިމެނޭ ބޮޑު ސްކޭމެކެވެ. 

މި ސްކޭމް ކާމިޔާބުކަމާއެކު ހުއްޓުވީ ރާއްޖޭގެ އިތުރުން ހޮންކޮންގާއި ސިންގަޕޫރާއި ދެކުނު ކޮރެއާ އާއި ތައިލެންޑާއި މެލޭޝިޔާ އަދި މަކާއޯގެ ފުލުހުންގެ އިދާރާގެ ބައިވެރިވުމާއެކު ކަމަށް، މި އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވި ހޮންކޮންގް ފުލުހުން ބުނެފައިވެ އެވެ.

މިދިޔަ އޭޕްރީލް މަހުން ފެށިގެން އެއް މަސް ދުވަހަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 9،000 އަށް ވުރެ ގިނަ ސްކޭމާ ގުޅޭ ރިޕޯޓުތައް މި ގައުމުތައް ގުޅިގެން ވަނީ ތަހުގީގުކޮށްފަ އެވެ.

އެ ނެޓްވޯކު ހުއްޓުވައި، މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ގާތްގަނޑަކަށް 33،000 އެކައުންޓު ފްރީޒްކޮށްފައިވެއެވެ. މައްސަލައާ ގުޅިގެން ޖުމްލަ 1،858 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ އުމުރުން 14 އަހަރުން ފެށިގެން 81 އަހަރާ ދެމެދުގެ މީހުން ކަމަށް ހޮންކޮންގް ފުލުހުން ބުންޏެވެ.

މި ނެޓްވޯކުން ސްކޭމް ހިންގާފައިވަނީ އޮންލައިން ޝޮޕިން އާއި ފޯނުން އޮޅުވާލައިގެންނާއި އޮންލައިން ޝޮޕިން އާއި އިންވެސްޓްމަންޓާއި ވަޒީފާ ހޯދައިދިނުމުގެ ނަމުގައި އޮޅުވާލައިގެން ހިންގި މުއާމަލާތްތައް މެދުވެރިކޮށެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް