މަހްފޫޒް، އެމްޑީޕީގެ ނޫސްކޮންފަރެންސެއްގައި. އޭނާއަށް އިންޒާރުދިން މައްސަލަ ތަހުގީގުކުރާ ކަމަށް ފުލުހުން ބުނޭ.-- ފޮޓޯ: އެމްޑީޕީ
މަހްފޫޒަށް އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަނީ
މަހްފޫޒަށް ކުރިންވެސް ވަޅިން ހަމަލާދީ ވަރަށްބޮޑަށް ޒަޚަމް ކޮށްލާފައިވޭ
ޖުނާން އަޙުމަދު 4 ޖޫން 2025 (ބުދަ)   10:27
ގާނޫނީ ވަކީލު މަހްފޫޒް ސައީދަށް، "ވަޅިއެއް ޖަހަންވީތޯ" އަހައި އިންޒާރުދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މަހްފޫޒަށް އިންޒާރު ދީފައި ވަނީ އެކްސްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައެވެ. "ޖާނަލިސްޓް ގާސިމް" ކިޔާ އެކައުންޓަކުން މަހްފޫޒް ޓެގްކޮށް "ވަޅިއެއް ޖަހަންވީތޯ" އެހުމުން، އެ އިންޒާރަށް ރިޕްލައި ކުރައްވައި މަހްފޫޒް ވިދާޅުވެފައިވަނީ އެފަދަ ކަމެއްގައި އޭނާގެ މަޝްވަރާއަކަށް ދުރާލައި އެދުނީތީ އުފާކުރައްވާ ކަމަށާ، އެހެން ނަމަވެސް އޭނާ ގަޔަށް ވަޅި ޖަހަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން އެ ފަދަ އެއްވެސް ކަމެއް އެއްގޮތަކަށް ވެސް ނުކުރުމަށް ވަނީ މަހްފޫޒް ވަނީ ލިޔުއްވާފައެވެ. 

މިކަމާ ގުޅިގެން ރޭ ފުލުހުންގެ މީޑިއާ ގްރޫޕްގައި ބުނީ "ގާނޫނީވަކީލް މަހްފޫޒް ސައީދަށް އިންޒާރު ދީފައިވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން" ކަމަށެވެ.

މަހްފޫޒަށް އެކްސްގައި މީހަކު އިންޒާރު ދިނުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ، އެކަން ކުށްވެރިކުރައްވައި އެކްސްގައި ޕޯސްޓުކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ، މީހުންގެ ނަފުސަށް ގެއްލުން ދޭނެކަމަށް، އޮންލައިންކޮށް ނުވަތަ އެ ނޫން ގޮތަކުން ވެސް ގޮތަކަށް ގޮވައިލައި، އިންޒާރުދީ ހަދައިގެން ނުވާނެކަމަށެވެ. އަދި ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަ ބަލައި އަވަހަށް ފިޔަވަޅު އެޅުމަށްވެސް ޝާހިދު ގޮވައިލައްވާފައި ވެއެވެ.

ފައްޔާޒް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ، މިފަދަ އިންޒާރުތަކަކީ ލުއިކޮށް ދޫކޮށްލަން ވާނެ ކަންކަމެއް ނޫންކަމަށެވެ.

"ޕޮލިހުން މުޒާހަރާކުރާ މީހުންގެ މައްސަލަ ބަލާވަރަށްވުރެ މުހިންމު ކަމެއް ދީގެން މިފަދަ މައްސަލަތައް ބަލައި ފިޔަވަޅުއަޅަން ޖެހޭނެ ކަމަށް ދެކެން" ފައްޔާޒުގެ ޕޯސްޓުގައި ވެއެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނޭ މަހުފޫޒަކީ ނުރައްކާތެރި ވަޅީގެ ހަމަލާއެއްގައި ވަރަށްބޮޑަށް ޒަޚަމްވި ފަރާތެކެވެ. 2015 ސެޕްޓެމްބަރު 4 ވަނަ ދުވަހު ހަވީރު އޭނާއަށް ހަމަލާ ދިނީ މާލޭ މަގުމަތިންނެވެ. އެފަހަރު އޭނާގެ ބޮލުގެ އަރިމައްޗަށް ޖެހި ވަޅި ހުރީ ދެ އިންޗި ފުންމިނަށް ވަދެފައެވެ. އެ ވަޅި ނަގާފައިވަނީ ތިން ގަޑިއިރުގެ އޮޕަރޭޝަނަކުންނެވެ. ވަޅި ހެރުމުގެ ސަބަބުން ލިބުނު ސީރިއަސް ޒަޚަމްތަކަށް އައިޖީއެމް ހޮސްޕިޓަލުންނާއި ސްރީލަންކާގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދެވިއެވެ.

މަހްފޫޒަށް ހަމަލާ ދިން މައްސަލައިގައި 3 މީހަކު ހައްޔަރުކޮށް ދައުވާކުރިނަމަވެސް އެމީހުންގެ މައްޗަށް މައްސަލަ ސާބިތެއް ނުވެއެވެ. 2022 ޑިސެމްބަރު 8 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ، މަހްފޫޒަށް ހަމަލާދިނީ ކޮންބައެއްކަން ދައުލަތަށް ސާބިތު ކޮށްދެވިފައިނުވާ ކަމަށެވެ.

ކޮމެންޓް