އީދުއުފާ ނ.ވެލިދޫ 1446 އީދުމަޅި ރޯކުރުން - ފޮޓޯ: ފިޔެސް
ވެލިދޫ އީދުއުފާ އީދުމަޅިން ފަށައިފި
އީދު މަޅީގެ އިތުރުން ވެސް މާލިބައްތެއްޔާއި، ރަންފޮށި ނެރުން ވެސް ހަމަ މިރޭ ވެލިދޫގައި ކުރިއަށް ގެންދިޔަ
މުޙައްމަދު ޤާސިމް 6 ޖޫން 2025 (ހުކުރު)   05:27
އީދުއުފާ ނ.ވެލިދޫ 1446ގެ ހާއްސަ ކުޅިވަރުތައް، އީދުމަޅި ޖެހުމުގެ ހަރަކާތުން މިރޭ ފަށައިފިއެވެ.

ވެލިދޫގެ ކުލަގަދަ އީދު ކުޅިވަރުތަކުގެ ފެށުން ކަމުގައިވާ، އީދު މަޅި ޖެހުމާ އެކު މާލިބައްތެލީގެ ހަރަކާތްތަކުން ރޭ އީދު ކުޅިވަރުތައް ފެށިގެން ދިޔައިރު، މި ކުޅިވަރު ތަކަކީ ވެލިދޫގެ ފަންނާއި ހުނަރުހުރި ހާއްސަ ޒުވާނުންތަކެއް އެކުލެވޭ ދެ ގްރޫޕް ކަމަށްވާ "ޓީކޭއެފް" އާއި "ބައޮކަލޯ" ގެ ފަރާތުން ގެނެސްދޭ ކުޅިވަރު ތަކެކެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446 އީދުމަޅި ރޯކުރުން - ފޮޓޯ: ފިޔެސް

ވެލިދޫ އީދުމަޅި ރޯކުރުމަކީ އީދު ލައިގަނެއްޖެކަން، އީދުވިލޭރޭ އިއުލާންކޮށް އީދުގެ ކުޅިވަރުތައް ފެށުމުގެ ގޮތުން ޒަމާނުއްސުރެ ކުރަމުން އަންނަ ސަގާފީ ހަރަކާތެއް.

your imageއީދުއުފާ ނ.ވެލިދޫ 1446 އީދުމަޅި ރޯކުރުން - ފޮޓޯ: ފިޔެސް

އީދު މަޅީގެ މި ހަރަކާތުގައި އީދު މަޅި ރޯކުރުމަށްފަހު ވެސް، ވަރަށް ކުޅަދާނަ ހުނަރުތަކެއް ދައްކުވައިދިން އަލިފާނުގެ ކުޅިވަރުތައް ވެލިދޫ ގޮނޑުދޮށުގައި ކުރިއަށް ގެންދިޔައެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446 އީދުމަޅި ރޯކުރުން - ފޮޓޯ: ފިޔެސް

މާލިބައްތެއްޔަކީ ރާއްޖޭގެ އެހެނިހެން ރަށްރަށާ ހިލާފަށް ވެލިދޫގައި ބޮޑުއީދަށް ހާއްސަކޮށް ތައްޔާރުކުރާ ވެލިދޫގެ މިދެންނެވި "ޓީކޭއެފް" ގެ އުފެއްދުންތެރި ހިޔާލާއެކު ހުށަހަޅައިދިން އައިޓަމެކެވެ. މާލި ބައްތެލީގައި ދައްކުވައިދިނީ މާލީގެ ތަފާތު ވައްތަރުތައް އެކުލެވޭނޭހެން ބައްތެއްޔެއްގައި ވެލިދޫއަށް ކުރި ހާއްސަ ދަތުރެކެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446، މާލިބައްތެލި - ފޮޓޯ: ފިޔެސް

މާލިތަށް ވެލިދޫއަށް ކުރި މި ދަތުރުގައި ވެލިދޫއަށް ބަނދަރުކުރުކޮށް، ރަދުންގެ އަރިހުން ރަށަށް ފޭބުމުގެ އިޒުނައަށް އެދި އެއަށްފަހު އިޒުނަ ލިބުމުން މާލިތައް ރަށުތެރޭގައި ވެސް ހިނގިއެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446، މާލިބައްތެލި - ފޮޓޯ: ފިޔެސް

މާލިބައްތެލީގައި ގިނަ ވައްތަރުތަކެއްގެ، އެކި ގިންތީގެ މާލި ހިމެނޭހެން ތަފާތު މާލިތަކެއް ފެނިގެންދެއެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446، މާލިބައްތެލި - ފޮޓޯ: ފިޔެސް

މާލިބައްތެލީގެ ހަރަކާތްތައް ބެލުމަށް އެ ސަރަހައްދަށް އެއްވެފައިވާ އާންމުންނަށް، މާލިތައް އެކި ކަހަލަ ވާހަކަތައް ބުނެދީ ތަފާތު ލަވައާއި ރައިވަރުތައް ކިޔައިދޭ އަޑު ވެސް އިވިގެން ދެއެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446، މާލިބައްތެލި - ފޮޓޯ: ފިޔެސް

މާލިބައްތެލީގެ ހަރަކާތަކީ ވެލިދޫގެ އެކި އުމުރުފުރާގެ ރައްޔިތުންގެ މެދުގައި ވަރަށް ވެސް މަގުބޫލު އީދުކުޅިވަރުގެ ހަރަކާތަކަށް މިހާރު ވެފައިވާ ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446، މާލިބައްތެލި - ފޮޓޯ: ފިޔެސް

އަދި ވެލިދޫގައި ކޮންމެ އީދެއްގައި ވެސް ކުރިއަށްގެންދާ މަޖާ ކުޅިވަރެއްކަމަށްވާ "ރަންފޮށި" އުފުލުން ވެސް ރޭ ވެލިދޫ އާރުޑީސީގެ ފަރާތުން ވެލިދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔައެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446 ރަންފޮށި އުފުލުން - ފޮޓޯ: ފިޔެސް

ރަންފޮށި އުފުލުމަކީ ވެސް ޒަމާނުއްސުރެ ވެލިދޫގައި ހިނގަމުން އަންނަ ސަގާފީ ކުޅިވަރު ހަރަކާތެކެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446 ރަންފޮށި އުފުލުން - ފޮޓޯ: ފިޔެސް

މި ހަރަކާތުގައި ދައްކުވައިދެނީ ރަނުގެ ފައިސާ ފޮތިތަކަކާއި ގަހަނާތައް އަޅާ ފުރާފައިވާ ބޮޑު ފޮއްޓެއް ތަންޑިޔަލުގައި ގިނަބަޔަކު އުފުލާ މަންޒަރެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446 ރަންފޮށި އުފުލުން - ފޮޓޯ: ފިޔެސް

ރަންފޮށި އުފުލުމުގެ އިތުރުން ވެސް ވަރަށް ފޯރިގަދަ ކުޅިވަރު ހަރަކާތްތަކެއް ވެލިދޫގައި މިފަހަރުގެ އީދުގައި ވެސް ހުށަހަޅައިދިނުމަށް ހަމަޖެހިފައި ވާއިރު، މުޅި ރާއްޖޭގެ ނިސްބަތުން ވެސް ނ. ވެލިދޫ އަކީ އީދު ކުޅިވަރު ވަރަށް ފޯރީގައި ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ރަށެއްކަން ގިނަބަޔަކު ފާހަގަކުރާ ރަށެކެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446 ރަންފޮށި އުފުލުން - ފޮޓޯ: ފިޔެސް

މީގެއިތުރުން ވެސް އީދު ދުވަހު ވެލިދޫ ރަސްމީ ބޯޅަދަނޑުގައި ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުމުން ދުވަސް ފެށުމަށް ހަމަޖެހިފައިވަނީ، ހަމަ އެ މައިދާނުގައި ވެލިދޫ ރައްޔިތުންނަށް ކައުންސިލުންދޭ ހާއްސަ އީދު ސަޔަކަށް ފަހުއެވެ. އަދި ހަމަ އެދުވަހު ހެނދުނު ވެލިދޫ ރައިވެރިޔާ ބީޗުގައި ފައިގަތަޅާ މުބާރާތް ފެށިގެންދާއިރު، ދުވަހުގެ ހަވީރު "ބުރުގާ ގަސް" ނެރުމާ، ގަހާއިއެކު ތަފާތު މާލީގެ ހަރާކާތްތައް ވެލިދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔުމަށް ވެސް ހަމަޖެހިފައި ވެއެވެ.


ކޮމެންޓް