މަޝްހޫރު ލަވަކިޔުންތެރިޔާ އަދުހަމް ކެނދިކުޅުދޫ ޝޯވ ގައި، ޓޫ އޮފް އަސް ގެ މި ޝޯވ އަށް ވަރަށްބޮޑު ތަރުހީބެއް ލިބުނު.-- ފޮޓޯ: ބައްޓި | ޓޫ އޮފް އަސް
"ޓޫ އޮފް އަސް" މާލޭން ބޭރުގައި ދިން ފުރަތަމަ ޝޯވ ކެނދިކުޅުދޫގައި ބާއްވައިފި
ފިޔެސް 7 ޖޫން 2025 (ހޮނިހިރު)   11:43
ރާއްޖޭގެ މިވަގުތު އެންމެ މަޝްހޫރު ބޭންޑް 'ޓޫ އޮފް އަސް' އިން މާލޭން ބޭރުގައި ދިން ފުރަތަމަ ޝޯވ ނ. ކެނދިކުޅުދޫގައި ބާއްވައިފި އެވެ.

ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑު ސަރަހައްދުގައި މި ޝޯވ ބޭއްވީ ޝޯވ އަށް ޚާއްސަކޮށް 'އިވެންޓް މޯލްޑިވްސް' އިން އެޅި ސްޓޭޖްގައެވެ. ޝޯވ ފެށުމުގެ ގޮތުން 'އިވެންޓް މޯލްޑިވްސް'ގެ ފަރާތުން ވަނީ ލައިޓް ޝޯވ އެއްވެސް ހުށަހަޅައިދީފަ އެވެ.

ޝޯވ ފެށުމުގެ ގޮތުން ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވީ، އެ ޝޯ އެހާ ފުރިހަމަ ގޮތެއްގައި އެ ބޭއްވެނީ އިވެންޓް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ސާމިހް މުހައްމަދު (ސާންބެ) ގެ ފުރިހަމަ އެހީތެރިކަމާއި ރޭވުންތެރިކަމުގެ ދަށުން ކަމަށެވެ. އެހެންވެ އެކަމަށް ޓަކައި ކައުންސިލް ރައީސް ސާންބެ އަށް ވަރަށްބޮޑަށް ޝުކުރު އަދާކުރިއެވެ.

your imageކެނދިކުޅުދޫ ކައުންސިލް ރައީސާއި ސާންބެ؛ ފުރިހަމަ ޝޯވ އެއްގެ ގޮތުގައި ކެނދިކުޅުދޫ ރައްޔިތުން ބަލައިގަނޭ.-- ފޮޓޯ: އަޙްމަދު ފިރްޔާލް 

ދާދި ފަހުން އިންޑިއާގެ ރިއަލިޓީ ޝޯވ 'ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް' ގައި ވާދަކޮށް އެ މުބާރާތުން ސެކަންޑް ރަނަރަޕް ހޯދި ދިވެހި ބޭންޑް 'ޓޫ އޮފް އަސް' އެ ކާމިޔާބާއެކު ގިނަ ބައެއްގެ މެދުގައި މަގުބޫލް ވެފައެވެ. މިއީ އެ ކާމިޔާބަށްފަހު އެ ބޭންޑުން ޝޯވ ދޭންފެށި ފަހުން މާލޭން ބޭރުގައި ބޭއްވި ފުރަތަމަ ޝޯވ އެވެ. އެކަން ވަނީ ރޭ އެ ބޭންޑުން ލަވަކިޔަން ފެށުމުގެ ކުރިން ބޭންޑްގެ ލީޑަރު އަދި ލަވަކިޔުންތެރިޔާ އަހްމަދު އަދުހަމް ފާހަގަކޮށްފައެވެ.

ކެނދިކުޅުދޫގައި މި ޝޯވ ވަރަށް ފޯރިގަދަކޮށް ކުރިއަށްދިޔައިރު ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންވެސް ބައިވެރިވިއެވެ. ކައިރި ރަށްތަކުގެ މީހުންނާއި ކައިރި ރިސޯޓްތަކުގެ މުވައްޒަފުންވެސް ޝޯވ ބަލަން ޒިޔާރަތްކުރިއެވެ.

ހުއްޓައިނުލާ ތިން ގަޑިއިރަށްވުރެ ގިނަ ވަގުތު 'ޓޫ އޮފް އަސް' އިން ޝޯވ ކުރިއަށް ގެންދިޔައިރު އެ ބޭންޑްގެ އަމިއްލަ ލަވަތަކާއެކު ދިވެހި، ހިންދީ އަދި އިނގިރޭސި ލަވަތައް ހުށަހަޅައިދިނެވެ. ޝޯވ ބަލަންދިޔަ ގިނަ ބައެއްގެ ތަރުހީބު އެ ބޭންޑަށް ލިބިގެން ދިޔައެވެ. އަދި ޝޯވ ގެ ފުރިހަމަކަން އެ ރަށުގެ މީހުންނަށް ޒިޔާރަތްކުރި މީހުންގެ ފަރާތުންވެސް ފާހަގަކުރިއެވެ.

މި ބޮޑު އީދުގެ ހުރިހާ ރޭތަކެއްގައިވެސް 'ޓޫ އޮފް އަސް' އިން އެކި ރަށް ތަކުގައި ޝޯވ ކުރިއަށް ގެންދާނެ އެވެ. މިރޭ ބ. ދަރަވަންދޫގައި އަދި މާދަމާރޭ ނ. ވެލިދޫގައި ޝޯވ ބާއްވާއިރު ޅ. ހިންނަވަރާއި ބ. ކަމަދޫ އަދި ދެ ރިސޯޓް ކަމަށްވާ އަނަންތާރާ ކިހަވަކުގައާއި އަވާނި މޯލްޑިވްސްގައި މި ބޭންޑުން ޝޯވ ދިނުމަށް ހަމަޖެހިފައި ވެއެވެ.

'ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް' އިން ހޯދި ކާމިޔާބަށްފަހު 'ޓޫ އޮފް އަސް' ވެފައިވަނީ ގިނަ ބަޔަކަށް ވަރަށް މަގުބޫލު ބޭންޑަކަށެވެ. އޭގެ ފަހުން މާލޭ އޮލިމްޕަހުގައި ދެ ޝޯވ އަދި ހުޅުމާލޭ ސެންޓްރަލްޕާކްގައި ވެސް އެ ބޭންޑުން ވަނީ ވަރަށް ފޯރިގަދަ ޝޯވ އެއް ބާއްވާފައެވެ.

ކޮމެންޓް