ރައުދު އަހުމަދު ޒިލާލު 21، ގ.އެރިއަދޫ
ރައުދުގެ މައްޗަށްކުރީ މަހަކާއި ހަދުވަހުގެ ހުކުމެއް އަންނަ ދައުވާއެއް
ބަންދުގައި 34 ދުވަސް ހޭދަކޮށްފައިވުމުން ކުށް ސާބިތުވި ނަމަވެސް ދެން ބަންދުގައި ހޭދަކުރަންޖެހޭނީ މަދު ދުވަސްކޮޅެއް
ޖުނާން އަޙުމަދު 10 ޖޫން 2025 (އަންގާރަ)   10:17
މާލޭގެ އުސް އިމާރާތަކުން އެޕްރީލް 18 ވަނަ ދުވަހު ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް 21، ގެ މައްޗަށް ދައުވާއުފުލައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ރައުދުގެ މައްޗަށް ދައުވާއުފުލީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. މިހާތަނަށް ރައުދު ވަނީ ޖަލު ބަންދުގައި 34 ދުވަސް ހޭދަކޮށްފަ އެވެ. އެހެންކަމުން، އޭނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ބަންދުގައި ހޭދަކުރަންޖެހޭނީ ދެ ދުވަހެވެ.

ރައުދުގެ މައްޗަށް ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ފުލުހުންނާއި ހެކިންގެ ބަޔާނުގެ އިތުރުން ފޮޓޯ ރިޕޯޓާއި ސީން އޮފް ކްރައިމްސް އޮފިސާސް ރިޕޯޓު އަދި އިތުރު ބައެއް ހެއްކާއި ގަރީނާ އެވެ.

އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ.ފެންޓެނޯއީގެއިން ހ.މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން ފުރަތަމަ ރައުދު ހައްޔަރު ކުރަން ނެރުނު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާއާ ވަނީ ސުވާލުކޮށްފަ އެވެ. އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް އޭރު ޕޮޒިޓިވް ވެފައި ވެއެވެ.

ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. ރައުދު ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ ޔުމްނު ވައްޓާލުމުގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރި އެވެ.

އެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން ރައުދު ހައްޔަރުކޮށް އޭނާ ދޫކޮށްލާފައި ވެ އެވެ. އޭނާ އެންމެ ފަހުން ބަންދުން ދޫކޮށްލީ ޕީޖީ އޮފީހުން އެގޮތަށް އިރުޝާދުދީ ފުލުހުންނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

ޔުމްނު ވެއްޓުމުގެ ކުރިން އެ ރޭ ޔުމްނު އާއި ރައުދުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނާ މީހުންނަކީ އާއިޝަތު ލަޔާލީ އިގުބާލު، ގ.ނޯތުބްރީޒް އާއި އިޒުދިޔާން މުހައްމަދު މައުމޫން، މއ.މާންދޫގެދެކުނުގެ އާއި ޔޫސުފް އަހުމަދު އަކްރަމް، މއ.މާންދޫގޭދެކުނުގެ، އާއި ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ.މީނާޒު، އާއި އާމިނަތު ޖުނެއިނާ ޖަމްޝީދު، މ.ތިލަފަޅު، އާއި ހުސެއިން ހަމީސް އަލީ، ނ.ވެލިދޫ، އަލި، އާއި އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް އެވެ.

އެކަމަކު މިހާތަނަށް އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ރައުދު އެކަންޏެވެ. ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ދޭން ވެސް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅިގެން ފުލުހުން ކުރާ ތަހުގީގުގެ މާބޮޑު ތަފްސީލެއް ވެސް ހާމައެއް ނުކުރެ އެވެ. އެމީހުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެމީހަކު ވެސް ހިމެނެއެވެ.

އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީން އާއި އޭނާގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، އެ ތަންތަނުން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުންނަށް ނުލިބުނެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ.

ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ. އެ ކޮމިޝަނުން ރައުދު އާ ވަނީ ސުވާލު ވެސް ކޮށްފައިވެއެވެ.

ކޮމެންޓް