ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް - ފޮޓޯ: ޕީއެންއެފް
އިގްތިޞާދީ ނަޒަރަކުން ބަލާނަމަ، ރާއްޖެ މި އޮތީ ބަނގުރޫޓުވެ ނިމިފައި
މަރްޔަމް މުޙައްމަދު 13 ޖޫން 2025 (ހުކުރު)   10:01
އިގްތިޞާދީ ނަޒަރަކުން މިހާރު ފެންނަން ހުރި ހިސާބުތަކަށް ބަލައިފިނަމަ، ރާއްޖެ މިހާރު މި އޮތީ ބަނގުރޫޓުވެފައި ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ރޭގެ ފްރޮންޓްއޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ފިޗުން ރާއްޖެއާ ގުޅޭގޮތުން ދެމެހެއްޓި ރޭޓިން އެގޮތަށް ދަމަހައްޓާފައި ވުމުން އެކަމުން ދޭހަކޮށްދެނީ، މާލީ ގޮތުން ސަރުކާރުގެ އަމަލުތައް އިސްލާހުނުކުރާނަމަ ދެ އަހަރުގެ ތެރޭ ރާއްޖެ ބަނގުރޫޓުވެދާނެ ކަމުގެ ބިރު އޮތްކަން ކަމަށެވެ.

އިގްތިސޯދުގައި ބޭންކްރަޕްސީ ނުވަތަ އިންޓަނޭޝަނަލް އިކޮނޮމިކްސްގައި ބޭންކްރަޕްސީގެ މާނައަށް ބަލާކަމަށް ވާނަމަ ރާއްޖެ މި އޮތީ ބޭންކްރަޕްޓު ވެފައިކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ، ރާއްޖެއަކީ ބޭންކްރަޕްޓުވެފައިވާ ގައުމެކޭ ބުނުމުގެ ޖާގަ އޮތް ސަބަބަކީ، ބޭރަށް ދައްކަން އޮންނަ ދަރަނި ނުދެއްކޭ މިންވަރަށް ރާއްޖޭގެ ރިޒާވް ދަށްވެފައި ހުރުން ކަމަށެވެ.

ކަން މިހެން އޮތްއިރު އިގްތިސޯދީ ގޮތުން މާ ބޮޑެތި ކަންކަން އޮޅުންނުފިލާ މީހުން، ރައީސް މުއިއްޒަށް ތައުރީފް ކުރުމުގެ ގޮތުން، ހާލަތުގެ އަސްލު ފޮރުވޭ ވާހަކަ ދެއްކުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ފިޗުން ރާއްޖެއަށް ކުރިން ދިން 'ސީސީ' ރޭޓިން ރިވިއުކުރުމަށް ފަހު، އެ ރޭޓިން ދަމަހައްޓަން އިއްޔެ ނިންމާފައި ވާއިރު، 'ސީސީ' ރޭޓިންއަކީ ދަރަނި ނުދެއްކި ބަނގުރޫޓުވެދާނެކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިންއެކެވެ. އެއަށް ވުރެ ދަށަށް ދެން އިންނަ ރޭޓިންއަކީ 'ސީ' ރޭޓިންއެވެ. އެއީ، ބަނގުރޫޓުވާނެކަން ޔަގީންވުމުން ދޭ ރޭޓިންއެކެވެ. ރާއްޖެއަށް ދީފައި އޮތް 'ސީސީ' ރޭޓިންއަކީ ދަރަނި ނުދެއްކުމުގެ ބިރު އޮތުމުން ދޭ ރޭޓިންއެއް ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް