މިއުޅެނީ ރައީސްކަން ނުލިބިގެންނެއް ނޫން – ރައީސް ޔާމީން
ސަޕޯޓަރުން އިންތިޒާމުކުރި ބާބަކިއު އެއްގައި ޔާމީން ބައިވެރިވެވަޑައިގަންނަވައިފި
މަރްޔަމް މުޙައްމަދު 14 ޖޫން 2025 (ހޮނިހިރު)   14:00
އިދިކޮޅުގައި ހުރެގެން ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ދަނީ ރާއްޖޭގެ ރައީސްކަން ނުލިބިގެން ނޫން ކަމަށާއި މިހާރު ރާއްޖޭގައި ހިނގަމުންދާ ބޭއިންސާފުތައް ކަމުނުދާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ހުޅުމާލޭ ދެވަނަ ފޭސް ބާބަކިއު ސަރަހައްދުގައި ބާބަކިއު އާ އެކު އޮތް މި އެއްވުމުގައި ޔާމީނަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ.

އެ ސަރަހަށްދަށް އެއްވެފައިތިބި އާންމުންނާ މުޚާތަބުކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނާކީ ރާއްޖެއާ ރާއްޖޭގެ ހައްގުތަކުގައާ ރާއްޖެއަށް ގެއްލެމުންދާ ކަންކަމުގައި ވަކާލާތުކޮށް އަޑުއުފުލާ މިވަގުތު އިދިކޮޅުގަ ހުރި އެންމެ ވަރުގަދައަށް މަސައްކަތްކުރާ އެކަކު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުން އިދިކޮޅުގައި ހުންނަވައިގެން އަޑުއުފުއްލަވަނީ ރާއްޖޭގައި މިހާރު ހިނގާ ބޭއިންސާފުތައް ކަމުނުދާތީ އެވެ. ރާއްޖެ ހަލާކުވެގެންދާ ތަން ބަލަހައްޓައިގެން ހުންނަވަން ބޭނުންފުޅު ނުވާތީ އެވެ. އަދި ގައުމު ހިންގަންޖެހޭ ގޮތް ރައީސް މުއިއްޒަށް އެނގިވަޑައި ނުގެންނެވުމުގެ ހިތްދަތިކަމާއި އުނދަގޫ އިހުސާސް ކުރަން ޖެހެނީ ރައްޔިތުން ކަމަށް ވާތީ އެވެ.

"މިކަންކަން އަޅުގަނޑުމެން ބޭނުންވާގޮތަށް ވެގެން ދިޔައިމަ، ކޮންމެހެން އަޅުގަނޑަށް މާއްދީ ފައިދާތަކެއް ވަނީކީވެސް ނޫން. އަދި ތެދުތެދަށް ދަންނަވަންޏާ އަޅުގަނޑު މިއުޅެނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ނުލިބިގެންނެއް ވެސް ނޫން." ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ މައްޗަށް އޮތް ސިޔާސީ ދައުވާތަކާ އެކު ވެސް މިއަދު ވެސް ހުންނެވީ މިނިވަނެއްގެ ގޮތުގައި ކަމަށާއި، އެކަމަކު އެ މަނިކުފާނު ދައްކަވާ ގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ވާހަކަދައްކަވަން ކެރިވަޑައިގަންނަވާނެ ދެވަނަ ސިޔާސީ ލީޑަރަކު ނުހުންނަވާނެ ކަމަށެވެ.

"އައްސަވާ އަޅުގަނޑު ކުރެން މިހުރީ ޖަވާބުދޭން ތައްޔާރަށް ކޮންމެ ސުވާލެއް ވެސް ކުރެވޭނެ. ހަމައެކަނި ޝަރީއަތުގެ މަޖިލީހަކު ނޫން އަޅުގަނޑަށް ޖަވާބުދާރީ ވެވޭނީ. ޝަރީއަތުގެ މަޖިލީހުގައި ޖަވާބުދާރީވުމަށް ވުރެ އަޅުގަނޑަށް މާ މުހިންމު ރައްޔިތުންގެ ދަރުބާރުގައި، ރައްޔިތުންގެ އިތުބާރު އޮތްތޯ ބަލަން" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، މިވަގުތު ރާއްޖޭގައި ހިނގަމުންދާ ނާއިންސާފުތަކާ ދެކޮޅަށް އަޑުއުފުއްލަވަން އެ މަނިކުފާނު ނުކުމެ ހުންނެވި ޕާޓީއަކީ ކުޑަ ޕާޓީއެއް ކަމަށެވެ. އެކަމަކު އެ ޕާޓީއަށް އޮތް ތާއީދު ކުޑަނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެ މަސައްކަތުގައި ނުކުމެ ހުންނެވީ އެކަނި ނޫންކަން ވެސް އެ ތަނަށް ޖަމާވެފައިވާ މީހުންގެ އަދަދުން އެނގިވަޑައިގެން ހިނގައްޖެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޑޮލަރުގެ ރޭޓު މަތިވެގެން ދިއުމާއި ޑޮލަރު ގަންނަން ނުލިބުމާއި މުދާ އަގުބޮޑުވެގެން ދިއުން ފަދަ ކަންކަމުގެ އުނދަގޫ ރައްޔިތުން ތަހަންމަލު ކުރަމުން ދާއިރު، ދައުލަތުގެ އިސްވެރިން އުޅުއްވަނީ ތިން ހަތަރު ފްލެޓު ބައްލަވައިގެން ކަމަށް ޔާމީން ވިދާޅުވި އެވެ.

އެކަންކަން އެ މަގުން ކުރާ ތަން ބަލަން ރައްޔިތުން ތިބެން ނުޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި އުޅެން ބޭނުންވެގެން ނުވާނެ ކަމަށާއި އަރާމާއި ލައްޒަތުގައި އުޅެންޖެހޭނީ ހަމައެކަނި ވެރިން ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ނޭދެވޭ އަދި ބޭއިންސާފުތަކާ ދެކޮޅަށް މަގުމައްޗަށް ނުކުމެ އަޑު އުފުލަން ބޭނުންނުވިޔަސް، ގައުމު ދެކެވާ ލޯބި އަންނަ ރިޔާސީ އިންތިހާބުގައި ދޭ ވޯޓުން ކޮންމެ ރައްޔިތަކު ވެސް ދައްކައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕީއެންއެފްގެ ޖަލްސާތައް އާންމުގޮތެއްގައި ބާއްވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގޭގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ. ސިލްސިލާކޮށް ބާއްވާ އެ ޕާޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވިނަމަވެސް، ރައީސް ޔާމީން މިފަހުން އާންމު ތަންތަނަށް ނުކުމެ ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ނުހައްދަވައެވެ.

ކޮމެންޓް