ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި އިންވެސްޓްމެންޓް ފޯރަމަށް އިޝާރާތް ކުރައްވަމުން ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ސިންގަޕޫރަށް ގޮސް ފޮރިން އިންވެސްޓަރުން ހޯދަން އުޅުމަކީ ބަސަރާއަށް ކަދުރު ވިއްކުން ކަހަލަ ކަމެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ސިންގަޕޫރަކީ "ނުލާހިކު އެފިޝެންޓް ނުލާހިކު ކޮމްޕެޓެޓިވް މާކެޓެއް" ކަމަށާއި ސިންގަޕޫރަކީ ރާއްޖޭގެ އިންވެސްޓްމަންޓް ވެއްޓަށް ވަރަށް ފަރިތަ ބައެއް ކަމަށެވެ.
"ރާއްޖެ މި އޮތީ އިންވެސްޓްމަންޓަށް އެޓްރެކްޓް ކުރެވޭ ހާލަތުގައެއް ނޫން. ފުރަތަމަ އަޅުގަނޑުމެންގެ އެތެރެ ރަނގަޅުކޮށްފައި، އައިބަކާ ނުލައި މި ކަހަލަ ވާހަކަ ދެއްކޭ ވަރަށް އަޅުގަނޑުމެންގެ އިގުތިސޯދު ހަރުދަނާވީމަ ދެން ނުކުމޭ މީހުން ހޯދަން،" ޔާމީން ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންގެ ސިސްޓަމް މިއޮތީ އައިސީޔޫގައި. ސިސްޓަމް އައިސީޔޫގައި އޮއްވައި މި ބުނަނީ އަންނާށޭ ކޭކު އަޅާފައި އައިސިން އޭގެ މަތީގައި އަޅައިދޭން."
މި ސަރުކާރުން މީގެކުރިން ވެސް އިންވެސްޓްމަންޓް ފޯރަމް ބޭއްވިކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެކަންކަމުން އެއްވެސް އެދެވޭ ނަތީޖާއެއް ނުފެންނަކަމަށެވެ.
"އެއް އިންވެސްޓްމަންޓް ފޯރަމް ބާއްވައިފި އެޔަކުންނެއް ނުލިބުނު އިންވެސްޓަރުންނެއް. އައީ ވައްތަރެއްގެ ފަގުނޑި ދެ ކަތީބުން. ދެން އައީ ޝާހީ އާއިލާގެ މީހެއް. 8.8 ބިލިޔަންގެ ވާހަކަ ދެއްކި. ލާރިއެއް ނުލިބޭ. ދެން މިދިޔައީ ސިންގަޕޫރަށް. ސިންގަޕޫރަށް ގޮސް މިވާހަކަ އެއް ނުދައްކާނެ ކިރިޔާވެސް އިގްތިސޯދީ ކަމެއްގެ ހިޔާލު ހުންނަ މީހެއް. ފިޗް ރޭޓިން ސީ މައިނަސް ގައި އުޅޭއިރަކު ނުދާނެ އިނގޭތޯ." ރައީސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަތުގަ ގާނޫނުތައް ހުރި ވާހަކަތައް ދައްކައިގެން އަދި މިތަނަކަށް މީހުންނެއް ނާންނާނެ. މީގެ އެންބޮޑު މައްސަލައަކީ ގާނޫނުގެ އެޕްލިކޭޝަން. މިހާރު މިއޮތް ސަރުކާރަކަށް، ސަރުކާރުގެ ފިސްކަލް ޕޮލިސީއަކަށް ބޭރުމީހުން ތާއީދެއްނުކުރޭ."
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އޮތީ "އަރަމުން އަރަމުން އަރަމުންދާ ޑެފިސިޓް" ކަމަށާ، ބޭރުގެ ދަރަނި އެހާބޮޑު ވުމަކީވެސް އިންވެސްޓަރުން ރާއްޖެއަށް ނާންނާނެ ސަބަބެއް ކަމަށެވެ.