ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެންއެފް
ހަންކެޑެ އަށް ދަށް ފެންވަރުގެ ޕްރޮޑަކްޓެއް އައިސްގެން ނުވާނެ
ޓޫރިޒަމްގެ އެއްވެސް ކަމެއް އައްޑޫގައި ނެތްއިރު، ދިގު އިންތިޒާރަކަށް ފަހު އައްޑޫގައި މި ފަށަނީ ޓްރަޔަލް ޕްރޮޑަކްޓެއް - ޔާމީން
މަރްޔަމް މުޙައްމަދު 30 ޖޫން 2025 (ހޯމަ)   09:39
އައްޑޫ ސިޓީގައި ޓޫރިޒަމްގެ އެއްވެސް ކަމެއް ނެތްއިރު، ހަންކެޑެ އަށް ދަށް ފެންވަރުގެ ޕްރޮޑަކްޓެއް އައިސްގެން ނުވާނެ ކަމަށާ، އައްޑޫ އަށް ހައްގު މިންވަރަކީ އެއީ ނޫން ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ހަލާލް ޓޫރިޒަމަށް އައްޑޫ ހަންކެޑެ ހާއްސަކުރަން ނިންމި ނަމަވެސް، މީގެކުރިން، ފާއިތުވި 2024 ވަނަ އަހަރުގެ އޭޕްރީލް 16 ވަނަދުވަހު، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ ހަންކެނޑޭގައި ހަމަ މިސަރުކާރުން އަޅާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ޖުމްލަ 1،041 ކޮޓަރި ހިމެނޭ އެ ޕްރޮޖެކްޓް ފަށާފައި ވަނީ ޗައިނާގެ ސީއެންއީއީސީ (ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ) އާ ހަވާލުކޮށްގެންނެވެ. 25،000 ޓޫރިސްޓުންނަށް އަމާޒުކޮށް އޭރު ފެށުމަށް ތައްޔާރުވި ހަންކެނޑެ މަޝްރޫއަކީ 2،080 އެނދުގެ ބެޑް ކެޕޭސިޓީ ހިމެނޭ މަޝްރޫއެކެވެ.

ޕީއެންއެފްގެ ރޭގެ ފްރޮންޓް އޮފީސް ޖަލްސާގައި އައްޑޫ އަކީ ހާއްސަ އަޅާލުމެއް އަޅާލަންޖެހޭ ތަނެއް ކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އައްޑޫގައި ޓޫރިޒަމްގެ އެއްވެސް ކަމެއް ނެތްއިރު، ހަންކެޑެ އަށް މިފަދަ ދަށް ފެންވަރުގެ އެކްސްޕެރިމެންޓަލް ޕްރޮޑަކްޓެއް އައިސްގެން ނުވާނެ ކަމަށާ، އައްޑޫ އަށް ހައްގު މިންވަރަކީ އެއީ ނޫން ކަމަށެވެ.

އަދި މިހާ ދިގު އިންތިޒާރަކަށް ފަހު ވެސް ޓެސްޓު ނުކުރާ، ޓްރަޔަލް ޕްރޮޑަކްޓެއްގެ ތެރެއަށް އައްޑޫ ވައްޓާލި ވައްޓާލުމަކީ ވަރަށް ގޯސްކޮށް ކުރާ ކަމެއް ކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، މިގޮތަކަށް ޓެސްޓް އައުޓް ކުރާނެ ކަމެއް ނެތް ކަމަށާ، އައްޑޫގައި ފައިދާކުރަނިވި ގޮތަކަށް ކަމެއް ކުރެވޭތޯ ބަލަންވީ ކަމަށެވެ.

ޔާމީން ވަނީ ހަންކެޑެ އަށް ރާއްޖޭގައި މިހާރުވެސް ހިންގަމުންދާ ޓޫރިޒަމް ގެނައުމަށްފަހު އެހެން ތަނަކަށް ހަލާލް ޓޫރިޒަމް ތައާރަފްކުރަން ގޮވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން އައްޑޫ ރައްޔިތުންނާއި މަޝްވަރާ ވެސް ނުކޮށް މިފަދަ ނިންމުމެއް ނިންމުމަކީ ކަމުދާ ގޮތެއް ނޫން ކަމަށެވެ.

ރާއްޖޭގައި މިހާރު މިއޮތީ ހަރާމް ޓުއަރިޒަމްކަމަށް ދޭހަވާ މޭރުމުން ވިދާޅުވެ، ރާއްޖޭގައި ހަލާލް ޓޫރިޒަމް ތައާރަފު ކުރުމުގެ ޕްލޭން އާންމު ކުރާނެ ކަމަށާ، އެކަމަށްޓަކައި ހާއްސަ ރަށްތަކެއް ކަނޑައަޅާނެ ކަމަށް

ރައީސް މުއިއްޒު އެންމެފުރަތަމަ ހާމަކުރެއްވީ މިދިޔަ ހުކުރުދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި، ރާއްޖޭގެ ޓޫރިޒަމް މުޅި ދުނިޔޭގައި މަޝްހޫރުވެފައި ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތް ކުރިއަރުވައި ޓޫރިސްޓުން ރާއްޖޭގައި ކުރާ ތަޖުރިބާ އާއި އަދާކުރާ މެހެމާންދާރީގެ ނަމޫނާއެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއިން މިހާރު އަމާޒު ހިފާފައިވަނީ، ހަލާލް ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ވެސް ދުނިޔޭގެ މަގުބޫލުކަން ރާއްޖެއިން ހޯދުމަށް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް