ކުޅުދުއްފުށީ އެއާޕޯޓަށް ދަތުރުކުރި ފްލައިޓުގެ ރޫޓު ދައްކުވައިދޭ ޗާޓެއް - ފޮޓޯ: އޭވިއޭޓާޒް މޯލްޑިވްސް
މޫސުން ގޯސްވެ ކުޅުދުއްފުއްޓަށް ނުޖެއްސިގެން ފްލައިޓެއް އެނބުރި މާލެ އަތުވެއްޖެ
މަރްޔަމް މުޙައްމަދު 15 ޖޫން 2025 (އާދީއްތަ)   14:10
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކޮށް ކުޅުދުއްފުށި ސިޓީގެ އެއާޕޯޓަށް ޖައްސަން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއް، މޫސުން މާބޮޑަށް ގޯސްވުމުގެ ސަބަބުން ކުޅުދުއްފުއްޓަށް ނުޖެއްސިގެން އެނބުރި މާލެއަތުވެއްޖެ އެވެ.

މޯލްޑިވިއަންގެ ފްލައިޓު  "ކިއު 2442" ވެލާނާ އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް ދާން ފުރާފައި ވަނީ މިއަދު ހެނދުނު 8:34 ގަ އި ކަމަށާ، ހެނދުނު 9:20 ގައި ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން އޮތް އެ ބޯޓު ކުޅުދުއްފުށީ އެއާޕޯޓުގައި ނުޖެއްސިގެން ވަރަށް ގިނައިރު މަތީގައި އުދުހެން ޖެހުނު ކަމަށް ވެސް އޭވިއޭޓާޒް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.

މާލެ އައުމުގެ ކުރިން މި ބޯޓު ނ. މާފަރު އެއާޕޯޓަށް ޖައްސަން މަސައްކަތް ކުރި ކަމަށާ، މާފަރަށް ވެސް ނުޖެއްސުނީ ވައިގަދަވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

ވައިގެމަގުން މާލެއިން ކުޅުދުއްފުޓަށް އާންމުކޮށް ދަތުރުކުރެވޭ ދިގުމިނަކީ 40 މިނެޓު ނުވަތަ 45 މިނެޓު ކަމަށް ވާއިރު، އޭޓީއާރު 72-600 މަރުކާގެ އެ ބޯޓު އެނބުރި މާލެ އައިސްފައި ވަނީ ދެ ގަޑިއިރެއްހާއިރު ވައިގެމަތީގައި އޮތުމަށް ފަހު މިއަދު ހެނދުނު 11 ޖަހާކަށް ހާއިރު ކަމަށް ވެސް އޭވިއޭޓާޒް މޯލްޑިވްސް އިން ހާމަކުރެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާ ވައިގަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލު މިވަގުތު ނެރެފައި ވާއިރު، މި ސަމާލު މިއަދު ހަވީދު 04:00 އާ ހަމައަށް ވަނީ ދަމަހައްޓާފައެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާއިރު، ގަނޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި އެ ވަގުތުތަކުގައި އާންމުގޮތެއްގައި ހުންނާނެކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ކޮމެންޓް