
ކުޅުދުއްފުށީ ތަރިޖެހިގެ އަކީ، ބެލެވޭ ގޮތުގައި 100 އަށް ވުރެ ގިނަ އަހަރުވެފައިވާ، މުޅި ރާއްޖެ އިން ވެސް ވަރަށް މަދުން ފެންނާނެފަދަ އާސާރީ ގެއެކެވެ.
އެ ގެ މިހާރު ވެސް ހުރީ އިހުގައި ހުރި ގޮތަށް އެއްވެސް ބަދަލެއް ނުގެނެހެ އެވެ. އެކަން އެގޮތަށް ދެމެހެއްޓީ، ކޮންމެހެން އެ ގެ ޒަމާނީ ކުރެވޭނެ ގޮތެއް ވެސް ނެތިގެން ނޫން ކަމަށާ، ގަސްތުގައި ބަދަލެއް ނުގެނެސް ބެހެއްޓީ އެތަނުގެ މުހިންމުކަން ފަހުގެ ޖީލުތަކަށް މުހިންމުވާނެ ކަމަށް ވިސްނާފައި ކަމަށް އެ ގޭގެ މައުލޫމާތު ހިއްސާކުރި މީހަކު ބުންޏެވެ.
ހދ.ކުޅުދުއްފުށީ ތަރިޖެހިގެ - ފޮޓޯ: މި-ހާޒް
އެހެންކަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމާފައި ވަނީ، ތަރިޖެހިގޭގެ ބަދަލުގައި އެ ގޭގެ ވެރިންނަށް އެރަށުގެ އެހެން ދިމާލަކުން ބިމެއް ދިނުމަށް ފަހު، މިހާރު ހުރި މުސްކުޅި ގެ ހިމާޔަތް ކުރުމަށެވެ.
އެ ކައުންސިލުން އެގޮތަށް ނިންމީ، އެރަށުގެ ހަނި ޖާގަތަކުގައި ހުރި ގޯތިތައް ހުސްކޮށް، އެ ގޯތިތައް އެހެން ތަންތަނަށް ބަދަލުކުރުމުގެ ސިޔާސަތުގެ ތެރެއިން ކަމަށާ، ވަރަށް ހަނި ގޮތަކަށް އެކި ގޯތިތަކުގެ މެދަށްވާ ގޮތަށް ހުރި ތަރިޖެހިގެ ބަދަލުކުރަން ނިންމާފައިވަނީ ކުޅުދުއްފުށީ "އިސްރަށްވެހިންގެ ޕާކު" ގެ އިރުމަތިން އޮތް ހުސް ބިމަށް ކަމަށް ވެސް ފިޔެސްއަށް ކުޅުދުއްފުށިން މައުލޫމާތު ދިން މީހަކު ބުންޏެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، ސަގާފަތާއި ތަރިކަ އަންނަން އޮތް ޖީލުތަކަށް ފެންނާނެ ގޮތަށް އެ ގެ ހިމާޔަތް ކުރަން މިދިޔަ ބުދަ ދުވަހު ބޭއްވި އާންމު ބައްދަލުވުމުގައި ވާހަކަދެއްކެވި ހުރިހާ ކައުންސިލަރުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.
އެތަނުގެ މުހިންމުކަމާއި އަންނަ އޮތް ޖީލަށް ދިވެހިން އުޅުނު ސާދާ ދިރިއުޅުން އެ ގެއިން ފެންނާނެ ކަމާއި އަދި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި އެތަން މިހާރެކޭ އެއްގޮތަށް ދެއްކޭނެކަން މެންބަރުން ފާހަގަކުރެއްވި ކަމަށް ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުންޏެވެ.
ހދ.ކުޅުދުއްފުށީ ތަރިޖެހިގެ - ފޮޓޯ: މި-ހާޒް
ގާތްގަނޑަކަށް މީގެ ގަރުނެއް ކުރިން ބިނާކޮށްފައިވާ ތަރިޖެހިގެ އަކީ ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ސަމާލުކަން، އަދި އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެހެނިހެން ވެސް ދަތުރުވެރިންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ ގެއެކެވެ.
ރާއްޖެއިން މިހާރު މަދުން ނޫނީ ނުފެންނާނެ ފަދަ، ކުރިން ދިވެހީންގެ ދިރިއުޅުމުގައި އާންމުކޮށް ގެންގުޅުނު ބައެއް އާލަތް ތަކާއި ދިވެހިންގެ އިހުގެ ދިރިއުޅުން ފެންނަ ތަރިޖެހި ގެއަކީ ކުޅުދުއްފުށީގެ ތާރީހާއި ދިރިއުޅުން ބުނެދޭން ރައްކާކުރެވިދާނެ އަގުހުރި ތަރިކައެއް ކަމަށް އެ ރަށުގެ ގިނަބަޔަކު އެއްބަސް ވެއެވެ.
ތަރިޖެހިގޭގައި ދިރިއުޅެނީ، މިހާރު އުމުރުން 90 އަހަރު ވުމާ ގާތްވެފައިވާ އެރަށު އަލީ މުހައްމަދު (އަލިބެ) އެވެ. އަލިބެ އެކަނިމާއެކަނި އެގޭގައި ދިރިއުޅެމުންދާއިރު، އެއީ އަލިބެގެ މައިންބަފައިންގެ މުސްކުޅިގެ ކަމަށް ވެއެވެ.




