އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް، އަދި އެފްއެސްއެމްގެ ކުރީގެ އެމްޑީ
ތެލުން ވައްކަންކޮށް އެފައިސާ ލޯންޑާ ކުރާ މައްސަލައެއް
އެފްއެސްއެމް ގައި ވައްކަން ކުރާކަމުގެ ވާހަކަތައް މީޑިއާގައި މީގެ ކުރިން އާންމުވެފައިވޭ
ފިޔެސް 2 ޑިސެމްބަރ 2024 (ހޯމަ)   08:53
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެއިން ލިބުނު ފައިސާ ލޯންޑާކުރި ކަމަށް ޝައްކު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، މި މައުލޫމާތު އާންމުކުރީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިކަމުގެ ތަހުގީގުގެ ތެރެއިން ފުލުހުންގެ ހާއްސަ ޓީމުތަކުން މިހާތަނަށް 10 މީހުންނާއި ދެ ގެއަކާއި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ވެސް ހޯދާފައިވާ ކަމަށް އިހުސާން ލިޔުއްވާފައިވެއެވެ.

"މި ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ. މިފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާ ނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް." އެފްއެސްއެމްގެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު އާންމުކުރެއްވި ޕޯސްޓްގައި މިނިސްޓަރ އިހުސާން އިތުރަށް ވިދާޅުވެފައިވެއެވެ.

އެފްއެސްއެމް ގައި ތެލުން ވައްކަންކުރުން ކުރިއަށްދާކަމަށާއި އެކަމުގައި އެންމެ އިސްކޮށް ހުންނެވީ ކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ސުހައިލް ކަމަށް މީގެ 4 މަހެއްހާ ދުވަސްކުރިން މީޑިއާގައި ވަރަށް ބޮޑަށް ދެކެވުނެވެ. އެކަމަކު އެކަމަށް ސަރުކާރުން އެއްވެސް ވަރަކަށް ސަމާލުކަމެއް ދީފައެއް ނުވެއެވެ. އަދި މި ސަރުކާރަށް ސަނާކިޔާ މީޑިއާތަކުން ވަނީ އެއީ ދޮގެއްކަމަށާއި އެމްޑީގެ އަބުރު ކަތިލަން ކުރާ ކަމެއް ކަމަށް ބުނެ ކޮރަޕްޝަން ފޮރުވަން މަސައްކަތްކޮށްފައެވެ. އެންމެފަހުން މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އެމްޑީގެ މަގާމުން ސުހައިލް އިސްތިއުފާ ދިނެވެ.

ކޮމެންޓް