ޝުއާއުالله އާއި ނަރީޝް
ނަރީޝް އާއި ޝުއާއުالله މިހާރު ތިބީ ޔާމީންގެ ދިފާއުގައި ހެކިބަސް ދޭގޮތަކަށް ނޫން
ޖުނާން އަޙުމަދު 28 އޭޕްރީލް 2025 (ހޯމަ)   13:20
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނާ މައްސަލައިގައި ޔާމީންގެ ދިފާއުގައި ހެކި ބަސް ނުދޭނެކަން ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަޙުމަދު ނަރީޝް އާއި އެފްއެސްއެމް (ފިއުލް ސަޕްލައި މޯލްޑިވްސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ކްރިމިނަލް ކޯޓަށް މިއަދު އަންގައިފި އެވެ.

ފުއްގިރި ކުއްޔަށް ދޫކުރީ ރައީސް ޔާމީންގެ ވެރިކަމުގައި ޓޫރިޒަމްގެ ބޭނުންތަކަށެވެ. އެ މައްސަލައިގައި ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވީ ނަރީޝް އާއި ޝުއާއުالله އެ މައްސަލައިގައި ހެކި ބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ އިއްޔެ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ޔާމީންގެ ދިފާއުގައި ނަރީޝް އާއި ޝުއާއުالله ގެ އިތުރުން ކްރިކު ރިޒާ އާއި އަބްދުالله ރަޝީދު ކިޔާ މީހެއް ވެސް ހެކިންގެ ގޮތުގައި ހުށަހަޅާފައި ވެއެވެ. ނަމަވެސް ބަލިހާލަތު ހުރި ގޮތުން ކަމަށް ބުނެ ކްރިކު ރިޒާ މިއަދު ޝަރީއަތަށް ހާޒިރު ނުވުމުން މިއަދުގެ އަޑުއެހުމަށް ހާޒިރުވެފައި ވަނީ ޢަބްދުالله ރަޝީދު އެކަންޏެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަކީ ދިފާއީ ހެކިންގެ ހެކި ބަސް ނަގަން ބޭއްވި އަޑުއެހުމެއް ނަމަވެސް މިއަދު އެއްވެސް ހެއްކެއްގެ ހެކި ބަސް ނަގާފައެއް ނުވެއެވެ. ސަބަބަކީ ޔާމީންގެ ދިފާއުގައި ހުށަހަޅާފައިވާ ހެއްކެއް ކަމުގައިވާ އަޙުމަދު ކްރިކު ރިޒާގެ މައްސަލަ ފައިލްކުރަން ނިންމުމާ ގުޅިގެން ފާހަގަކުރި ކަންކަމާ އެއް މަޖިލީހެއްގައި ތިބެގެން ދިފާއީ ހެކި ނަގަން ޔާމީން ބޭނުންވެލެއްވުމުން ނެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 26 ގައެވެ. އެ ދުވަހު ކްރިކު ރިޒާ އާއި ޢަބްދުالله ރަޝީދުގެ ހެކި ބަސް ނަގާ ގޮތަށް ހަމަޖެހިފައި ވާއިރު، އެއަށް ފަހު ދެން އަޑުއެހުމެއް އޮންނާނީ ޖޫން 17 ގައެވެ. އެ ދުވަހު އޮންނަނީ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.

ނަރީޝް އާއި ޝުއާއުالله އަކީ ކުރީ ސަރުކާރުގެ ދުވަސްވަރު ޔާމީންގެ ދިފާއުގައި އެންމެ ގަދައަށް ވާހަކަދެއްކެވި ދެ މީހުން ކަމަށް ވާއިރު، ނަރީޝްއަކީ އާރަށް މައްސަލައިގައި ޔާމީންގެ ދިފާއުގައި ހެކި ދިން މީހެކެވެ. އެހެން ނަމަވެސް މި މައްސަލައިގައި ހެކިބަސް ނުދިނުމަށް އެ ދެމިޙުން ވެސް މިހާރުވަނީ ލަންކާއަށް ފުރާފައި ކަމަށް ވެސް މީޑިއާގައި މައުލޫމާތުތައް ފެތުރެމުން ދެއެވެ.

ކޮމެންޓް