ޔުމްނު ރާއްޖެއިން މެލޭޝިއާ އަށް ގެންދިޔަ މަންޒަރު - ފޮޓޯ: ސޯޝަލް މީޑިއާ
ޔުމްނު ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފި
އޭނާ އަދިވެސް އޮތީ ތަހުގީގަށް ބަޔާންދެވޭ ވަރަށްވުރެ ދެރަ ހާލަތެއްގައި - އާއިލާ
ޖުނާން އަޙުމަދު 17 ޖޫން 2025 (އަންގާރަ)   15:49
މާލޭގެ އުސް އިމާރާތަކުން، މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު 21އ. ފަރުވާއަށް ފަހު ހޮސްޕިޓަލުން މިހާރު ގެއަށް ދޫކޮށްލައިފިކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

އައިޖީއެމްއެޗުގައި ދުވަސްތަކެއް ވަންދެން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާއަށް މިދިޔަ އޭޕްރީލްމަހުގެ ފަހުކޮޅު ގެންގޮސްފައިވާ ޔުމްނުއާ ބެހޭގޮތުން އޭނާގެ އާއިލާއިން މިއަދު މީޑިއާއަށް މައުލޫމާތު ހާމަކުރި ނަމަވެސް ޔުމްނުގެ އާއިލާއިން ބުނީ ފަރުވާއަށް ފަހު މީގެ ހަފްތާއެއްހާ ދުވަސްކުރިން ޔުމްނު ހޮސްޕިޓަލުން ގެއަށް ބަދަލުކޮށްފައިވާކަމަށެވެ.

އަދި ޔުމްނުގެ ހާލު ރަނގަޅުވަމުން އައި ނަމަވެސް އޭނާ އަދިވެސް އޮތީ އެނދުގައިކަމަށާ، ޔުމްނު އަދިވެސް އޮތީ ތަހުގީގަށް ބަޔާންދެވޭ ވަރަށްވުރެ ދެރަ ހާލަތެއްގައި ކަމަށް ވެސް ޔުމްނުގެ އާއިލާއިން ބުނެއެވެ.

ހާދިސާހިނގިތާ 17 ދުވަސް ފަހުން ޔުމްނު ހޭ އަރާފައިވާއިރު، އޭނާއަށް މެލޭޝިއާގެ ދެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނެވެ.

އަދި ގިނަ ސާޖަރީތަކެއްވެސް އެމެޖެންސީކޮށް ހަދާފައި ވާއިރު، އޭގެތެރޭގައި ވަރަށް ކްރިޓިކަލް ސާޖަރީތައްވެސް ހިމެނޭކަމަށް ހޮސްޕިޓަލާ ހަވާލާދީ ޔުމްނުގެ އާއިލާއިން ބުނެއެވެ.

ޔުމްނުގެ ވެއްޓުނު މައްސަލާގައި ފުލުހުންގެ ތަހުގީގާއި މެދު އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން، އެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް ރައީސް މުއިއްޒު އުފެއްދެވިއެވެ. އެ ކޮމިޝަންގެ މަސައްކަތް ނިންމައި މިއަދު ކޮމިޝަންގެ ރިޕޯޓް ރައީސަށް ފޮނުވާފައި ވާއިރު، ރިޔާސީ ކޮމިޝަންގެ ރިޕޯޓް އެއްވެސް އުނި އިތުރެއްނެތި އާއްމުކުރުމަށް ވެސް ރައީސް މުއިއްޒު މިއަދު ކޮމިޝަނަށް އަންގަވާފައި ވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް