ސްކޫލެއްގެ ކްލާސްރޫމްތެރެ
މެލޭޝިއާގައި ކިޔަވާ ބޭރު ދަރިވަރުން އަތުން 6 ޕަސެންޓްގެ ޓެކްސްއެއް ނަގަނީ
މަރްޔަމް މުޙައްމަދު 26 ޖޫން 2025 (ބުރާސްފަތި)   21:25
މެލޭޝިއާގައި ކިޔަވާ ހުރިހާ ބޭރު ދަރިވަރުން އަތުން %6 ގެ ޓެކްސްއެއް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަގަން ނިންމައިފި އެވެ.

މެލޭޝިއާގެ ފިނޭންސް މިނިސްޓްރީ އާ ހަވާލީ ބައިނަލްއަގްވާމީ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި %6 ގެ ޓެކްސްއެއް ނަގަން ނިންމާފައި ވަނީ އެ ގައުމުގައި ހިންގާ ޕްރައިވެޓް ޕްރީ ސްކޫލްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވާސިޓީތަކުގެ އިތުރުން ލެންގުއޭޖް ސެންޓާތަކުންނެވެ.

މެލޭޝިއާގައި އަމަލުކުރާ ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ) ގަވާއިދަށް ބަދަލު ގެނެސް، އެ ޓެކްސް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަމަޖެއްސީ ބޭރު ދަރިވަރުން އަތުން އަހަރެއްގެ މައްޗަށް 60،000 މެލޭޝިއާ ރިންގިޓު ނަގާ އެޑިއުކޭޝަންގެ ހިދުމަތް ދޭ ތަންތަނަށެވެ.

މި ހިނގާ ޖޫން މަހުގެ ކުރީކޮޅު މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން ވަނީ އެ ގައުމުގެ ފިސްކަލް ހާލަތު ރަނގަޅުކޮށް އާމްދަނީ އިތުރު ކުރަން ޓެކްސް ބޭސް ފުޅާ ކުރާނެ ކަމަށް ބުނެފަ އެވެ.

އިތުރަށް އެ މިނިސްޓްރީން ބުނީ މި ޓެކްސް އަކީ އަމިއްލަ މުއައްސަސާތަކަށް އަމާޒުކޮށްގެން ނަގާ ޓެކްސްއެއް ކަމަށާއި މެލޭޝިއާގެ ރައްޔިތުން މި ޓެކުހުން އިސްތިސްނާވާނެ ކަމަށެވެ.

މެލޭޝިއާގެ އަމާޒަކީ މި އަހަރު އެ ގައުމުގައި ކިޔަވާ ބޭރު ދަރިވަރުންގެ އަދަދު 250،000 އަށް އެރުވުމެވެ. ނަމަވެސް އެ ގައުމުން ބޭރު ދަރިވަރުންގެ އަތުން ޓެކްސްއެއް ނަގަން އުޅުމާއެކު، މެލޭޝިއާއިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ބުރޫއަރާނެކަމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ބުނަމުންނެވެ.

މެލޭޝިއާ އަކީ ގިނަ އަދަދަކަށް ދިވެހި ދަރިވަރުން ވެސް ކިޔަވަމުންދާ ގައުމެކެވެ. އެ ގައުމުން މި ގެނައި ބަދަލާ ގުޅިގެން ރާއްޖޭގެ ދަރިވަރުންނަށް އަސަރު ކުރާނެ ކަމަށްބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާ ގުޅޭގޮތުން ރާއްޖޭގެ އެއްވެސް ރަސްމީ އިދާރާއަކުން އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.

ކޮމެންޓް