އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު ވިދާޅުވީ އިރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އަމާޒުކޮށް ބޮން އަޅާ މަތިންދާ ބޯޓުތަކުން ދިން ހަމަލާތައް "ވަރަށް ކާމިޔާބު" ކަމަށެވެ. އެމެރިކާއިން ރޭ ފަތިހު ހަމަލާ ދިނީ އިރާނުގައި ހުރި 3 ނިއުކްލިއާ މަރުކަޒަކަށެވެ.
އިރާނުގެ ތިން ނިއުކްލިއާ މަރުކަޒު ކަމުގައިވާ ފޯރޑޯ، ނަޓަންޒް އަދި އިސްފަހާން ނިއުކްލިއަ މަރުކަޒަށް އެމެރިކާއިން ހަމަލާ ދީފައިވާކަން އިއުލާންކުރައްވައި ޓްރަމްޕް ވިދާޅުވީ ހަމަލާ ދިނުމުގައި ބައިވެރިވި ހުރިހާ ޖެޓުތައް ރައްކާތެރިކަމާއެކު އިރާނުގެ ވައިގެ ސަރަހައްދުން ނިކުމެފައިވާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާ ފިޔަވައި މި ވަރުގެ ހަމަލާއެއް ދެވޭނެ އިތުރު އެއްވެސް އަސްކަރިއްޔާއެއް ދުނިޔޭގައި ނުހުންނާނެ ކަމަށެވެ. އަދި މިއީ ސުލްހައިގެ ފެށުން ކަމަށް އޭނާ ވަނީ ސިފަ ކުރައްވައިފައެވެ.
އިރާނުގެ ބާރު ކަނޑުވާލަން އިޒްރޭލުން ހަމަލާތައް ދޭން ފެށީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އިޒްރޭލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ސައިޓުތަކަށެވެ. ނަމަވެސް އާންމުން އުޅޭ ސަރަހައްދުތަކަށާއި، ދައުލަތުގެ ޓީވީ ސްޓޭޝަނަށް ވެސް އިޒްރޭލުން ހަމަލާދީފައިވެ އެވެ.
އެ ހަމަލާތަކުގައި މިހާތަނަށް 500 އެއްހާ މީހުން މަރުވެ، 3000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އިރާނުން ބުނެފައިވެ އެވެ.
އިރާނަށް ހަމަލާތައް ދިނުމަށްފަހު ޓްރަމްޕް ވަނީ އެމެރިކާ ސިފައިންނަށް އައްސަރިބަހާއި ސާބަސް ދަންނަވައިފަ އެވެ. އަދި މިއީ "އެމެރިކާ އެކުވެރި ގައުމު ތަކަށާއި، އިސްރާއީލަށާއި، އަދި މުޅި ދުނިޔެ އަށް ތާރީޚީ ވަގުތެއް" ކަމުގައެވެ.
އީރާނުގެ ސަރުކާރުގެ ޕަބްލިކް ބްރޯޑްކާސްޓަރ، އައިއާރްއެންއޭ ނިއުސް އެޖެންސީން ބުނެފައިވަނީ: "މި ތިން ނިއުކްލިއަރ ސައިޓުގައި ރޭޑިއޭޝަން ފެތުރޭ ފަދަ އެއްވެސް މާއްދާއެއް ނެތް." ކަމަށެވެ.
މި ބަޔާނުން ދޭހަވަނީ މި ތަންތަނަށް ބޮން އެޅުމުގެ ކުރިން އެންރިޗްކޮށްފައިވާ ޔުރޭނިއަމް އެތަނުން ނަގާފައިވާ ވުން ކަމަށް އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވެއެވެ.
އެމެރިކާގެ ކޮންގްރެސްގެ ހުއްދައެއް ނެތި އިރާނަށް ހަމަލާ ދިނުމާ ދެކޮޅަށް ވަކާލާތު ކުރައްވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރ ތޯމަސް މެސީ ވިދާޅުވެފައިވަނީ މި ހަމަލާތަކަކީ އެމެރިކާގެ ގާނޫނު އަސާސީއާ ޚިލާފަށް ޓްރަމްޕް ހިންގެވި އަމަލެއް ކަމަށެވެ. އެއީ ހަނގުރާމައާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރު ގާނޫނު އަސާސީން ދީފައިވަނީ ގާނޫނު ހަދާ މަޖިލީހަށް ކަމަށްވާތީ އެވެ.
އެހެންނަމަވެސް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މައިކް ޖޯންސަން، ވަނީ ޓްރަމްޕްގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ އިރާނާ ދެކޮޅަށް ޓްރަމްޕް ދެއްވި ހަމަލާތަކުން ދައްކުވައިދެނީ "އެމެރިކާ ފަސްޓް" ސިޔާސަތަށް އޭނާގެ ވަފާތެރިކަން ކަމަށެވެ.
ފަހަކަށް އައިސް ކުރެވުނު ބައެއް ސާވޭތަކުން ދައްކާގޮތުގައި އެމެރިކާގެ ވޯޓު ދޭ މީހުންގެ ބޮޑު އަގުލަބިއްޔަތަކުން ގަބޫލު ކުރަނީ އިޒްރޭލް-އިރާން ހަނގުރާމައިގައި އެމެރިކާ ބައިވެރިވެގެން ނުވާނެ ކަމަށެވެ.
ގަލްފް ސަރަޙައްދުގައި ގާތްގަނޑަކަށް 40،000 އެމެރިކާ ސިފައިން ތިބެއެވެ. އެމެރިކާ އިން އިރާނަށް ހަމަލާ އެއް ދީފިނަމަ ސަރަހައްދުގައި ހުރި އެމެރިކާގެ ޓާގެޓް ތަކަށް ހަމަލާ ދިނުމަކީ ހުއްދަވާނެ ކަމެއް ކަމަށް އިރާނުން ބުނެފައި ވުމާއެކު މިހާރު ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިން ތިބޭނީ ވަރަށް ބޮޑަށް ސަމާލުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔަމަނުގެ ހޫތީން، އިއްޔެ އިންޒާރު ދީފައިވަނީ އެމެރިކާ އިން އިރާނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރި ވެއްޖެނަމަ، ރަތް ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ އުޅަނދުތަކަށް އަލުން ހަމަލާދޭން ފަށާނެ ކަމަށެވެ.