އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް.-- ފޮޓޯ: އެމްޑީޕީ
އިރާނަށް ހަމަލާ ދިނުން ފައްޔާޒް ކުށްވެރިކޮށްފި
ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަ ނުލިބި، ދުނިޔެއަށް ސުލްހަ ނުލިބޭނެ - ފައްޔާޒް
ޖުނާން އަޙުމަދު 22 ޖޫން 2025 (އާދީއްތަ)   17:11
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތައް ރާއްޖޭގެ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއީލް، ކުށްވެރިކުރައްވައިފި އެވެ.

އިރާނުގެ ބާރު ކަނޑުވާލަން އިޒްރޭލުން ހަމަލާތައް ދޭން ފެށީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އިޒްރޭލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ސައިޓުތަކަށެވެ. ނަމަވެސް އާންމުން އުޅޭ ސަރަހައްދުތަކަށާއި، ދައުލަތުގެ ޓީވީ ސްޓޭޝަނަށް ވެސް އިޒްރޭލުން ހަމަލާދީފައިވެ އެވެ. އިރާނުންވެސް ދަނީ އިޒްރޭލަށް ރައްދު ހަމަލާ ދެމުންނެވެ. އެންމެފަހުން ރޭ ފަތިހު އެމެރިކާއިން ވަނީ މި ހަނގުރާމައިގެ ތެރެއަށް ވަދެ އިރާނަށް ހަމަލާދީފައެވެ.

މިކަމަށް އިޝާރާތް ކުރައްވައި ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް އުސޫލެއްނެތި، ބާރުގެ ބޭނުންކުރުމުން ލިބެނީ ސުލްހަވެރިކަމެއް ނޫން ކަމަށާއި، ލިބެނީ ހަމައެކަނި އަޅުވެތިކަން ކަމަށެވެ.

އަދި އ.ދ (ޔުނައިޓެޑް ނޭޝަންސް) އަކީ މިހާރު ސުލްހަ ދެމެހެއްޓުމަށް މަސައްކަތްކުރާ ބައެއް ނޫން ކަމަށާއި، އެއީ ބާރުވެރިކަން ހޯދުމަށް ބޭނުންކުރާ ވަސީލަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބާރުގަދަ ދައުލަތްތަކުންނާއި އެމީހުންގެ އެކުވެރިން ކުރާ ނަސްލުނައްތާލުމުގެ އަމަލުތަކާއި ހަނގުރާމައިގެ ކުށްތައް އެ އ.ދ އިން އަންނަނީ ފޮރުވަމުން." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ހާމަކުރައްވާފައި ވާގޮތުގައި، މުސްލިމުން އެމީހުންގެ ދީނީ މަޒުހަބުތަކާއި ބެހޭގޮތުން ހިޔާލު ތަފާތުވެ، އެކަކު އަނެކަކާ ދެބަސްވާން ތިއްބައި، މުސްލިމް އުންމަތް އަނދާ ހުލިވަމުންދަ ކަމަށެވެ. މިގޮތުން އިރާގް، ލީބިޔާ، ސީރިޔާ އަދި ލުބްނާނު ފަދަ ގައުމުތައް ވަނީ ހަލާކުކޮށްލާފައި ކަމަށާއި، އީރާން މިހާރު ނުރައްކަލުގެ ތެރޭގައި އޮތްއިރު، ދެން ނަޒަރު ހުއްޓޭނީ ތުރުކީއަށް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އަދި މުޅި ދުނިޔެއިންވެސް ނަސްލުނައްތާލުމުގެ އަމަލުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވްކޮށް ދެކެމުންދާކަންވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ.

މިކަންކަމަށް ހައްލެއް ހޯދޭނީ އ.ދ ގައި ސަލާން ޖަހައިގެން ނޫން ކަމަށާއި، އޭގެ ބަދަލުގައި ދީނާއި، އުސޫލުތަކާއި، އަގީދާ އެއްގޮތް ގައުމުތަކާ ދެމެދު ގުޅުންތައް ބިނާކޮށްގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

”އެމެރިކާ އަދި ޒަޔަނިސްޓުން އިރާނަށާއި އިރާނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަ ނުލިބި، ދުނިޔެއަށް ސުލްހަ ނުލިބޭނެ.“ ފައްޔާޒް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
ހަސަން
1 week ago
ފައްޔާޒު ނޫނީ އެމެރިކާއާއި އިސްރާއީލްގެ ހަމަލާ ކުށްވެރި ކޮށްލަން ކެރުނު ލީޑަރަކު ނެތް. ސާބަސް ޗެއާ ފަޔާ.