ޓްރަމްޕް އޭނާގެ "ޓްރޫތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދެ ގައުމުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތައް ނިންމުމަށްފަހު، 6 ގަޑިއިރު ތެރޭގައި ހަނގުރާމަ މުޅިން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ.
"މި ހަނގުރާމައަކީ އަހަރުތަކަކަށް ދިގުދެމިގެން، މެދު އިރުމަތީ ސަރަހައްދު މުޅިން ހަލާކުވެގެން ހިނގައިދާނެ ހަނގުރާމައެއް. ނަމަވެސް އެކަން ނުވެ، ދެ ގައުމުން ވެސް ހިކުމަތްތެރިކަމާއެކު މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރަން." ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، އިރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ، ޓްރަމްޕްގެ ވާހަކައަށް ރައްދު ދެއްވައި ސޯޝަލްމީޑިއާގައި ވިދާޅުވީ "އަދި މި ވަގުތާ ހަމައަށް، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ނެތް،" ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ޓްރަމްޕް ވިދާޅުވި ވަގުތުގެ ފަހުން "އިޒްރޭލުން ހަމަލާ ނުދޭ ނަމަ، އީރާނުން ވެސް ރައްދު ދިނުމުގެ ނިޔަތެއް ނެތް" ކަމަށެވެ.
ރައީސް ޓްރަމްޕް ހަނގުރާމަ ހުއްޓާލިކަން އިއުލާންކުރުމާ ހަމައަށް އިޒްރޭލުން އައީ ބާރުގަގަދަ ހަމަލާތައް އިރާންގެ ތެހެރާނަށް ދެމުންނެވެ. އިޒްރޭލުން ވަނީ ރޭ ފަތިހު 4:00 ގައި އިރާނަށް ހަމަލާ ދިނުން ހުއްޓާލާފައެވެ. މިއީ ޖޫން 13 ގައި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާތަކެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ފުރަތަމަ އިރާނުން 12 ގަޑިއިރަށް ހަނގުރާމަ ހުއްޓާލުމަށްފަހު، ދެން އިޒްރޭލުން 12 ގަޑިއިރަށް ހަނގުރާމަ ހުއްޓާލާނެއެވެ. އަދި މި 24 ގަޑިއިރު ފުރިހަމަވުމުން ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް އަންނާނެއެވެ.
އެހެންނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އެއްބަސްވުމެއް ނެތުމާއެކު، މިލިޓަރީ އޮޕަރޭޝަންތައް މުޅިން ހުއްޓާލުމާ މެދު ރަސްމީ ނިންމުމެއް ނިންމާނީ ފަހުން ކަމަށް އަރަގްޗީ ވިދާޅުވިއެވެ.
އިޒްރޭލުން ދިން ފުރަތަމަ ހަމަލާގައި އިރާންގެ އެތައް ޖެނެރަލުންނެއް މަރުވެފައިވާއިރު، އިރާނުން ބުނާ ގޮތުގައި މިއީ އދ. ގެ ޗާޓަރާ ޚިލާފަށް ދިން ހަމަލާތަކެކެވެ. މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ވަނީ އިޒްރޭލަށް އެތައް ސަތޭކަ މިސައިލްތަކެއް ފޮނުވާލާ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މިއީ ފަހުގެ ތާރީހެއްގައި ޔަހޫދީންނަށް އަމާޒުކޮށް ދިން އެންމެ ވަރުގަދަ ހަމަލާ ތަކެވެ.
ޓްރަމްޕް މިއަދު ހަނގުރާމަ ހުއްޓާލިކަން އިއުލާންކުރިނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ހާލަތު ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން ބައިނަލްއަގްވާމީ މުޖުތަމައުގެ ފަރާތުން ފާޅުކުރަމުންދެއެވެ.
ސަބަބަކީ އެމެރިކާ އާއި އިޒްރޭލުން ބުނާބަހުގައި އިތުބާރު ނެތުމާއި އަހުދަށް ކަމޭނުހިތުމެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފާއިތުވި ހަފްތާގައި އިޒްރޭލާއެކު ހަނގުރާމައިގައި ބައިވެރިވާނެކަމުގެ ނިންމުމެއް ދެ ހަފްތާގެ ތެރޭގައި ނިންމާނެ ކަމަށް ވިދާޅުވެ، އޭގެ ދެ ދުވަސް ފަހުން ވަނީ އިރާނަށް ކުއްލިއަކަށް ހަމަލާދީފައެވެ.
މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި މައްސަލައިގެ ހަގީގަތް ސާފުވާނީ އިޒްރޭލާއި އިރާނުގެ ފަރާތުން ރަސްމީ ބަޔާނެއް ނެރުމުންނެވެ. މިހާތަނަށް ދެ ގައުމުންކުރެ އެއްވެސް ގައުމަކުން ހަނގުރާމަ ހުއްޓާލުމާ ގުޅޭ ރަސްމީ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.