ސައުދުﷲ، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލަކަށް އުޅުއްވި ދުވަސްވަރު - ފޮޓޯ: ޏ.އަތޮޅު ތައުލީމީ މަރުކަޒް
އެޑިއުކޭޝަނަށް ސުޕްރިންޓެންޑެންޓެއް އައްޔަންކޮށްފި
މި މަގާމަށް 45،000 ރުފިޔާއަށް ވުރެން ބޮޑު މުސާރައެއް ވަނީ ކަނޑައަޅާފައި
ޖުނާން އަޙުމަދު 22 ޖޫން 2025 (އާދީއްތަ)   15:31
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އިސްމާއިލް ސައުދުﷲ ހަމަޖައްސައިފި އެވެ.

އެޑިއުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް ސައުދުﷲ ހަމަޖައްސާފައި މިވަނީ ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުން ކަމަށާ، އޭނާ އެ ވަޒީފާއަށް ނިކުންވަން ފެށްޓެވީ މިއަދު ކަމަށް އެޑިއުކޭޝަނުން މިއަދު މީޑިއާއަށް ހާމަކޮށްފައި ވާއިރު، ސުޕްރިންޓެންޑެންޓްގެ މަގާމަށް މީހަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހު އެވެ.

ސައުދުﷲ އެ މަގާމަށް ހަމަޖައްސާފައި މިވަނީ، ނަތީޖާ ރަނގަޅުކުރުމުގެ ގޮތުން ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ބޮޑު ބަދަލެއް ގެންނައުމަށް ކަނޑައަޅާފައިވާ ކަމަށާ، ތައުލީމީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މަގާމުގެ އަސާސީ މުސާރައަކީ 19،278ރ. ކަމަށް ކަނޑައަޅާފައި ވާއިރު، އެ މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 11،041ރ. ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޓެނުއާޝިޕް އެލަވަންސްގެ ގޮތުގައި މަހަކު 6،000ރ. ލިބޭނެއިރު، ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކު 299ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ސައުދުﷲ އަކީ ޏ. ފުވައްމުލަކަށް ނިސްބަތްވާ ބޭފުޅަކަށް ވާއިރު، އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމު ވެސް އޭނާ މީގެކުރިން ވަނީ އަދާ ކުރައްވާފައެވެ.

ކޮމެންޓް