ސްކޫލް ދަރިވަރުންތަކެއް
ފޮތްތައް ހަމަނުވުމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކުރަންފަށައިފި
މޫސުން ރަނގަޅުނަމަ، ސްކޫލު ހުޅުވުމުގެ ކުރީން ހުރިހާ ހިސާބަކަށް ފޮތްތައް ހަމައަށް ލިބޭނެ - އެޑިއުކޭޝަން މިނިސްޓްރީ
ޖުނާން އަޙުމަދު 2 އޭޕްރީލް 2025 (ބުދަ)   15:00
އަންނަ ހަފްތާގައި ސްކޫލު ހުޅުވެން ވާއިރު ވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވުމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކުރަންފަށައިފިއެވެ.

ނިމުނު ދިރާސީ އަހަރަށްފަހު ބޮޑު ޗުއްޓީއާ ދަރިވަރުން ކުރިމަތިލީ ނިމިދިޔަ ރޯދަ މަހާ ދިމާކޮށެވެ. އަދި ހަމަ އެއާއެކު އައު ދިރާސާ އަހަރު މި ފެށެނީ ވެސް ރޯދަމަސް ނިމި މާގިނަދުވަސްތަކެއް ނުވެ، އަންނަ ހަފުތާގެ ހޯމަ ދުވަހުއެވެ.

އެހެންކަމުން ސްކޫލް ފެށެން މިހާރު ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ދަރިވަރުންގެ ފޮތްތައް ހަމަނުވުމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި އާއި، ސްކޫލްތަކުގެ އެކިއެކި ކްލާސްތަކުގެ ގުރޫޕުތަކުގައި ވެސް ބެލެނިވެރިން ކުރަމުން އަންނައިރު، އެންމެ ގިނަ ބެލެނިވެރިންގެ ޝަކުވާއެއް ކަމަށް ފާހަގަވަނީ، ފޮތް ލިސްޓުގައި ހަމަނުވާ ފޮތްތަކުގެ ތެރޭގައި ދަރިވަރުންގެ ޓެކްސްޓް ފޮތްތަށް ވެސް ހިމެނޭއިރު އެ ފޮތްތަކަށް ސެލޯފިން ލައްވައި، ނަން ކަރުދާސްކޮޅުތައް ހަދާ ތައްޔާރުކުރުމަށް މިހާރު ވަރަށް ވަގުތު ކުޑަތަންވެފައި ވާކަމުގެ ޝަކުވާއެވެ.

"އަޅުގަނޑުމެން މި ރޯދަމަސް ނިންމާ ޝައްވާލުމަހުގެ ހަ ރޯދަ ވެސް ގިނަ ބެލެނިވެރިން ހިފަމުންދާއިރު، ކޮންމެ ކަމަކަށް ވެސް ވަގުތު ވަރަށް މުހިންމު، އެހެންވީމަ ފޮތްތައް ތައްޔާރު ކުރެވޭނީ ވެސް ވަގުތު އޮއްވާ އެ ފޮތްތައް ހަމަވެގެން." ކްލާސް ވައިބާ ގްރޫޕެއްގައި ބެލެނިވެރިޔަކު ބުނެފައި ވެއެވެ.

މިކަމާގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ މީޑިއާއަށް ހާމަކޮށްފައި ވަނީ، ދަރިވަރުން ކިޔެވުމަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލު ހުޅުވުމުގެ ކުރީން ސުކޫލުތަކާ ހަވާލުކުރާނެ ކަމަށާ، މާލެ ސަރަހައްދުގެ ސްކޫލުތަކަށް މާދަމާ ފޮތްތައް ބަހަން ފަށާނެ ކަމަށެވެ.

އަދި ދެ ދުވަހެއްގެ ތެރޭގައި އެ މަސައްކަތްތައް މުޅިން ނިމޭނެ ކަމަށާ، އަތޮޅުތެރޭގެ ސްކޫލުތަކަށް ލޯންޗުތަކުގައި ފޮތްތައް ބެހުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނައިރު، ކުރިއަށް މިއޮތް ދުވަސްތަކުގައި މޫސުން ރަނގަޅުނަމަ، ސްކޫލު ހުޅުވުމުގެ ކުރީން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ފޮތްތައް ހަމައަށް ލިބޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރިއެވެ.

އަންނަ ހަފުތާގައި ފެށޭ ދިރާސީ އާ އަހަރު  ނިމޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައެވެ. އެހެން ނަމަވެސް ދިރާސީ އަހަރު ޖަނަވަރީ މަހު ފަށާ ގޮތަށް ބަދަލު ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވުމާއެކު، ދެން އައު ދިރާސީ އަހަރު ފެށެނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 27 ގައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް