މީޑިއާއަށް މައުލޫމާތުދެއްވަމުން ރޭ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުން ކުއްލިކުއްލިއަށް ހަރަކާތްތައް ބާއްވަން ނިންމައި ބެލެނިވެރިންނަށް އެންގުމުގެ ސަގާފަތް ބަދަލުކުރުމަށް މިހާރުގެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށާ، އެ ސަގާފަތް މުޅިން ދޫކޮށް ތަރުތީބު މަގުން ހަރަކާތްތައް ގެންދިއުމުގެ ސަގާފާތެއް އާލާކުރުމަށް ވެސް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ތައުލީމީ ނިޒާމުގެ ތެރެއިން ކުޅިވަރު ކުޅުމާއި ދުޅަހެޔޮ ވުމަށް ޓަކައި ބޭނުންވާ ހަރަކާތްތައް ހިންގަން ވާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދީނީ އަދި އަދަބީ ހަރަކާތްތައް ވެސް އެގޮތުގެމަތިން ކުރިއަށް ގެންދަން ވާނެ ކަމަށާ، ނަމަވެސް ދަރިވަރުންގެ ކިޔެވުމަށް އަސަރު ކުރާ ވަރަށް ހަރަކާތްތައް ގިނަކޮށްގެން ވެސް ނުވާނެ ކަމަށެވެ.
މިނިސްޓްރީން ނަމޫނާ ކަލެންޑަރެއް ތައްޔާރުކޮށް ސްކޫލްތަކަށް ފޮނުވަން ހަމަޖެހިފައިވާ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ސަޖެސްޓެޑް އެކްޓިވިޓީ ކަލެންޑަރު މިއަދު ފޮނުވާނެ ކަމަށެވެ.
ސްކޫލުން ބާއްވާ ހަރަކާތްތަކާއި ހަރަކާތްތައް ބާއްވަން ހަމަޖެހިފައިވާ ދުވަސްތައް ދަރިވަރުންނާއި ބެލެނިވެރިންނަށް ކުރިއާލާ އެނގެން އޮންނަން ވާނެ ކަމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް މިހާރު ވެސް އިރުޝާދު ދެއްވާފައިވާނޭ ކަމަށް ވެސް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
ބައެއް ސްކޫލްތަކުގައި ކުދިންގެ ކިޔެވުމަށް އަސަރުކުރާ ވަރަށް، ކުދިންނަށް ބުރަވާ ވަރަށް އިތުރު ހަރަކާތްތައް ބާއްވާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑުވުމުގެ ސަބަބުން، ސްކޫލްތަކުގައި އިތުރު ހަރަކާތްތައް ގެންދާނެ ގޮތުގެ ކަލަންޑަރެއް ސްކޫލްތަކަށް ހަމަޖެއްސުމަށް، މާލޭގައި މިދިޔަ ޖެނުއަރީ މަހު މަސައްކަތު ބައްދަލުވުމެއް ބާއްވާފައިވާ ކަން ފާހަގަކޮށްލެވެއެވެ. އަދި ކުދިންނަށް ބުރަ ނުވާނެ ގޮތަށް ހަރަކާތްތައް ގެންދަން ސްކޫލްތަކުގެ މެނޭޖުމަންޓަށް، އެ މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވަނީ ގޮވާލައްވާފައެވެ.