ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން - ފޮޓޯ: މަޖިލިސް
މެންބަރު ސިނާންގެ ގޮނޑީގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި
މަރްޔަމް މުޙައްމަދު 24 ޖޫން 2025 (އަންގާރަ)   13:56
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިނާންގެ މައްޗަށް އޮތް ހުކުމަކާ އެއްގޮތަށް ދަރަންޏެއް ދަކަމުން ނުދާތީ ސިނާންގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ފުރަތަމަ ފަހަރަށް މާދަމާ އަށް ތާވަލުކޮށްފިއެވެ.

ސިނާންގެ މައްޗަށް ކޮށްފައިވާ މި ހުކުމަކީ އޭނާގެ އިތުރުން 3 މީހަކު ހިމެނޭ ގޮތަށް އެމްއައިބީ (މޯލްޑިވްސް އިސްލާމިކް ބޭންކް) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމެކެވެ. 

ސިނާނު އެ ފައިސާ ގަވާއިދުން ދައްކަމުން ނުދާތީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ގާލިބު ސަލީމް އެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އޭރު ހުކުމްކޮށްފައި ވަނީ އެ ފައިސާ 6 މަސް ދުވަސް ތެރޭ ކޮންމެ މަހަކަށް ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދު ނޫން އަދަދެއް ދެއްކުމަށެވެ.

އަދި ހުކުމާ އެއް ގޮތަށް ފައިސާ ނުދައްކައިފި ނަމަ އެ ލޯނާ ގުޅިގެން ރަހުނުކޮށްފައިވާ މުދާ ނެގުމުގެ ބާރު އެމްއައިބީއަށް ލިބިގެންވާ ކަމަށް ވެސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައި ވާއިރު، ރަހުނުގެ ގޮތުގައި ސިނާންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 'ރޯދި' ނަމަކަށް ކިޔާ ދޯންޏަކާއި، ގޯއްޗަކާއި، އެ ގޯތީގައިވާ އެންމެހާ އިމާރާތްތައް ހިމަނެއެވެ.

ސިނާންގެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަމަށްވާއިރު އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާނީ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

ޝުޖޫންގެ އިތުރުން ބެންޗުގައި ދެން ތިއްބަވާ ފަނޑިޔާރުންނަކީ، ޢަލީ ރަޝީދު ޙުސައިން އާއި، ޑރ. މުޙައްމަދު އިބްރާހީމް އާއި، ޙުސައިން ޝަހީދު، އަދި މުޙައްމަދު ސަލީމްއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާ ނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނުގައި ވާއިރު، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރު ސިނާން އާ ގުޅޭގޮތުން އެ މައްސަލަ ހުށަހެޅި ދުވަހު އޭނާ ވަނީ ގަނޑުކޮށް އެ ދަރަނި ދައްކައި ނިންމައިފައި ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް