މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ ފައިސާ އިސްރާފުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ފާހަގަކުރެއްވާ ޝަމްހީދު ވިދާޅުވީ، މަޖިލީހުގައި މަސައްކަތެއް ނެތި ކޮންމެ ދުވަހަކު ހެނދުނު ޖަލްސާ ނިންމާލަމުންދާއިރު، މެންދުރުގެ ފަރިއްކޮޅު ތައްޔާރުކުރާ ވަގުތު މެންބަރުން ތިއްބަވަނީ ގޭގައި ކަމަށެވެ.
އެހެންކަމުން މެންބަރުން ގޭގައި ތިއްބެވި ނަމަވެސް އެ މެންބަރުންނަށް ފަރީއްކޮޅު ތައްޔާރުކުރަމުން އަންނައިރު، އެކަމަކީ މަޖިލީހުގައި ކުރެވެމުންދާ ވަރަށްބޮޑު އިސްރާފެއް ކަމަށް ވެސް ޝަމްހީދު ވިދާޅުވިއެވެ.
މީގެއިތުރުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ފާޑުވިދާޅުވެ މިއަދުގެ ޖަލްސާގައި ޝަމްހީދު ވިދާޅުވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، އެހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ގަނެފައި ކަމަށެވެ.
"މާލީ ވަޒީރު އެ ހެރީ މަޖިލިސް މެންބަރުން ގަނެގެން އެބޭފުޅާގެ ކަންތައް ހަމަޖައްސައިގެން، ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭ،" ޝަމްހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުދި ވިޔަފާރިތައް "ފުނޑާލާފައިވާ" ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ވެސް ޝަމްހީދު މިއަދު ފާޅުކުރައްވާފައިވާ ކަން ވެސް ފާހަގަ ކޮށްލެވެއެވެ.