110 ބިލިޔަން ރުފިޔާ ވަގަށް ނޮޅާކައި ފުނޑުވައިފި މި ސަރުކާރުން – ގަފޫރު
"ފަސްދޮޅަސް ހާސް ފުލެޓް އަޅަން އައި ސަރުކާރުން އަދި ބިންމަތީގަ ގާގަނޑެއް ނުބާއްވާ"
ޖުނާން އަޙުމަދު 25 ޖޫން 2025 (ބުދަ)   11:19
މިއަދުގެ ސަރުކާރުން ސަތޭކަ ދިހަ ބިލިޔަން ރުފިޔާ ވަގަށް ނޮޅާކައި ފުނޑުވައިފި ކަމަށާ، އެހެންނަމަވެސް ރައްޔިތަކަށް ބައިރުފިޔާވެސް އިތުރު ނުވާކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ތައުލީމާއި ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ އިތުރުގަޑީގެ އުޖޫރަދިނުމާ ގުޅޭ ގަރާރަށް ވާހަކަ ދައްކަވަމުން މެންބަރު ގަފޫރު ވިދާޅުވީ، ބަޖެޓްގައި ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ޖެހި ނަމަވެސް އެކަން ސަރުކާރުން ނުކުރާ ކަމަށެވެ.

"މިދިޔަ އަހަރުވެސް އޭގެ ކުރީ އަހަރުވެސް 500 މިލިޔަން ރުފިޔާ ބަޖެޓްގައި ޖަހައިގެން ފާސްކުރީމޭ ސިވިލްސާވިސް މުސާރަ ބޮޑުކުރަން. ކޮބައިތޯ ބޮޑުކޮށްދިން މުސާރައަކީ. ރައްޔިތަކަށް އިތުރަށް ބައިރުފިޔާއެއްވެސް މުސާރައިގެ ގޮތުގައި ލިބިއްޖެތޯ." ގަފޫރު ވިދާޅުވިއެވެ.

"ސަތޭކަ ދިހަ ބިލިޔަން ރުފިޔާ ވަގަށް ނޮޅާ ކައި ފުނޑުވައިފި މި ސަރުކާރުން. މިއީ ހަގީގަތް، މިއަހަރުގެ ބަޖެޓްވެސް އިތުރަށް ސަޕްލިމެންޓްރީ ބަޖެޓް ފާސްނުކޮށް ނުނިންމޭނެ."

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ގަފޫރު ވިދާޅުވީ "ފަސްދޮޅަސް ހާސް ފުލެޓް އަޅަން އައި ސަރުކާރުން އަދި ބިންމަތީގަ ގާގަނޑެއް ނުބާއްވާ" ކަމަށެވެ.

ރައްޔިތުންނަށް ދޮގާ މަކަރާ ހަދައިގެން ވެރިކަމަށް އައިސް ރައްޔިތުންގެ ފައިސާ ކައި ހުސްކުރަނީ ކަމުގައި ވެސް ގަފޫރު ވިދާޅުވިއެވެ. ރަށްރަށުގައި ޕްރޮޖެކްޓްތައް ހިންގުމުގެ ބަދަލުގައި އެންމެ ބޮޑު ޚަރަދެއް ކުރަމުން ދަނީ ސިޔާސީ މުވައްޒަފުންނަށް ކަމަށާ، އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ސަރުކާރުން ޖަވާބުދާރީ ނުވާކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް ހުށަހަޅުއްވާފައިވާ، "ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ޞިއްޙީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި ޢަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާފައި އޮތް ގަރާރު" ގެ ބަހުސް ގެ އިތުރުން ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްވެސް ކުރިއަށް ގެންދިޔައެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް ބަދަލު މި ގެންނަނީ އެ އޮފީސް ސިވިލް ސާވިސް އިން ވަކިކޮށް އެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތަކެއް އަންނާނެހެން އެކުލަވާލި ގާނޫނު ތަސްދީގުކުރިތާ މަހެއްވެސް ނުވަނީހެވެ.

ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ފުވައްމަލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި ބިލުގައި، މިދިޔަ މަހުގެ 29، ގައި ތަސްދީގުކުރި ގާނޫނަށް 14 އިސްލާހެއް ހުށަހަޅާފައި ވެ އެވެ. އޭގެ ތެރޭގައި ބަންޑާރަނައިބަށް ލިބިދޭ ބައެއް ބާރުތައް އުނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އެ އޮފީހަށް ނުފޫޒު ފޯރުވޭ ގޮތަށް ގެނެސްފައިވާ ބަދަލުތައް ހިމެނެއެވެ.

ކޮމެންޓް