ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރު މިކަން ހާމަކުރެއްވީ އިއްޔެ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައެވެ. އެކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންގެ ފަރާތުން ހުށަހަޅާ ކަންކަމުގެ ވަގުތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ސްކޫލްތަކުގައި ބާއްވާ ޕްރައިޒްޑޭގައި ދާއިރާގެ ރަށްރަށުން މެންބަރުންނަށް ދައުވަތު ދިންނަމަވެސް އެޑިއުކޭޝަންގެ ސަބަބުން މެންބަރުންނަށް އެ ފުރުސަތު ނުލިބޭ ކަމަށެވެ.
"މިހާރު ސްކޫލްތަކުގެ ޕްރައިޒް ޑޭގައި އިނާމް ދެމުންދާއިރު، މެންބަރުންނަށް ދައުވަތު ދޭނެތާ ދާއިރާގެ ރަށްރަށުން. އެކަމު އެޑިއުކޭޝަންގެ ގަވާއިދު ބުނާގޮތުން މަޖިލިސް އެއްވެސް މެންބަރަކަށް ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިއެއް ނުވެއް ވެވޭ. އެކަމަކީ ފުދޭވަރަކަށް މެންބަރުންވެސް ކަންބޮޑުވާ ކަމެއް. ދެކޮޅު ޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުވެއްފެނޭ. އިންތިހާބީ ބައެއް މަގާމުތަކުގައި ތިބޭ މީހުން އެބަކުރޭ. ކައުންސިލަރުންނަށް، މިނިސްޓަރުންނަށް އަދި އެހެން ފަރާތްތަކަށްވެސް ކުރެވޭ. އެހެންނަމަވެސް މަޖިލިސް މެންބަރުންނަށް ބައިވެރި ނުވެވޭތީ. އަޅުގަނޑު ހަމަ ކަންބޮޑުވާ ކަމެއް ކަމުގައި ވާތީ ހަމަ ދަންނަވާލީ." ވިލުފުށީ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
އެ މެންބަރުގެ ވާހަކައަށް ތާއީދުކުރައްވާ އިސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއީލް ޝަފީއު ވިދާޅުވީ ޕްރައިޒްޑޭ ފަދަ ހަރަކާތްތައް ކުރިއަށްދަނީ ދާއިރާގެ މެންބަރުގެ އެހީތެރިކަމާއެކު ކަމަށާ، އެކަން އޮތްނެތް ގޮތެއް ބެލުން މުހިންމުކަމަށެވެ.
އެވާހަކައަށް އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނަސީރުވެސް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި އެވެ.
"އެކަހަލަ ހަފުލާތަކަށް އަޅުގަނޑުމެންގެ ވާދަވެރި، ރަށުގައި ހުންނަ ވަރުގަދަ ވިޔަފާރިވެރިން އެ ދައުރު އެބަ ފުރުއްވާ. އެހެންވީމާ އަޅުގަނޑަށް ފެނޭ ސިޔާސީ ބޭފުޅުންނަކީ ކޮބައިކަން އަޅުގަނޑުމެން ގަވާއިދު ކޮމިޓީން ދެނެގަންނަން. އަޅުގަނޑުމެން މަޖިލިސް މެންބަރުންނަށް އައިމަ އެ ފުރުސަތު ގެއްލޭތީވެ އަޅުގަނޑުމެންނާ ވާދަކުރަން ރަށުގައި ރެޑީވަމުންދާ އިދިކޮޅު ފަރާތްތަކުން އެ ފުރުސަތު ހޯދަމުން ދާކަމަށްވަންޏާ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ނުޖެހުމަކަށް ވާތީވެ." އިހަވަންދޫ މެންބަރު ނަސީރު ވިދާޅުވިއެވެ.
މެންބަރުންގެ މި ކަންބޮޑުވުންތަކާއެކު، ގަވާއިދު ކޮމިޓީގެ މުގައްރިރު ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ނަސީމް ވިދާޅުވީ މިކަން އޮތްގޮތެއް އެޑިއުކޭޝަނުން ބެލުމަށްފަހު ދެން އޮންނަ ކޮމިޓީއެއްގައި މަޝްވަރާ ކުރުމަށްފަހު އެކަމުގައި ކުރިއަށްދާނެ ގޮތެއް ނިންމާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަހަރުގެ އޭޕްރިލް މަހު އަމަލުކުރަންފެށި އުސޫލެއްގައި ވަނީ ސްކޫލް ފެންވަރުގައި ބާއްވާ ރަސްމިއްޔާތުތަކުގެ ޝަރަފުވެރި މެހެމާނަކަށް އެ ސްކޫލެއްގެ ޕްރިންސިޕަލް ހަމަޖައްސައި، އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރާ ރަސްމިއްޔާތުތަކަށް އެ މިނިސްޓްރީން މެހެމާނުން ހަމަޖެއްސުމަށް ކަނޑައަޅައިފައެވެ.
އެ އުސޫލުގައި ބުނެފައިވާ ގޮތުގައި ސްކޫލްތަކުން ބާއްވާ ރަސްމިއްޔާތުތައް ޝަރަފުވެރި ކުރުމަށް ހަމަޖައްސާ މީހަކީ މުޖުތަމައު ގަބޫލުކުރާ އަދި އަޚުލާގީ ގޮތުން ދަރިވަރުންނަށް ނަމޫނާ މީހަކަށް ވާންޖެހެއެވެ. އަދި ދަރިވަރުންގެ އުމުރާ ގުޅޭ ގޮތަށް މައުލޫމާތު ފޯރުކޮށްދެވޭ ފަދަ މީހަކަށް ވާންޖެހެއެވެ.
އުސޫލުގައި ބުނެފައިވާ ގޮތުން ދައުލަތުގެ ތިން ބާރުގެ ވެރިންނާއި، ކެބިނެޓު މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނަކީ ވަކި ޕްރޮޓޮކޯލެއްގެ ތެރެއިން ކަންކަން ފަހިވެފައިވާ ބޭފުޅުންނެވެ.
އެހެންކަމުން އެ ބޭފުޅުން ސްކޫލްތަކުގެ އެއްވެސް ރަސްމިއްޔާތެއްގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގަންނަވާ ހާލަތުގައި، ދައުވަތު ދިނުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީން ކަމަށް ވަނީ ބުނެފައެވެ.
ފިޔެސް އަށް މައުލޫމާތު ދެއްވި ޕްރިންސިޕަލަކު ހާމަކުރެއްވި ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ކަނޑައަޅާފައި އޮންނާތީ، ސްކޫލްތަކުން ޕްރައިޒްޑޭ ފަދަ ރަސްމިއްޔާތުތަކުގެ ޝަރަފްވެރި މެހުމާނަކަށް ކަނޑައަޅަން ބޭނުންވާ ނަންތައް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅަނީއެވެ. ދައުވަތު ދޭނެ ފަރާތެއް ފައިނަލް ކުރަނީ އެ މިނިސްޓްރީން ކަމަށާ، އެއީ ރަނގަޅު އުސޫލެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް، ނަން ހާމަކުރަން ބޭނުންވެނުލައްވާ އެ ޕްރިންސިޕަލް ވިދާޅުވިއެވެ.