ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: މަޖިލިސް
ރިސޯޓްގައި ތިބޭ ޓޫރިސްޓުން ސިއްރުން އެހެން ތަންތަނަށް ގެންދިޔުމުގެ ކަންބޮޑުވުން
ފިޔެސް 24 ޖޫން 2025 (އަންގާރަ)   19:15
ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ޓޫރިސްޓުން އެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް، އެ ރިސޯޓަށް ސިއްރުން އެހެން ތަންތަނަށް ގެންދާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ ގައި ފާޅުކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންގެ ފަރާތުން އެކި ކަންކަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މި ކަންބޮޑުވުން ފާޅުކުރެއްވީ އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ރިސޯޓްތަކުގައި ތިބެ ރިސޯޓްތަކަށް ނޭގި ރިސޯޓްތަކަށް ނޭނގި، އެކި ފަރާތްތަކާ އެކު އެކްސްކާޝަނަށް ދާ ކަމަށެވެ.

"އެހެން ދިޔުމުގެ ސަބަބުން ބައެއްފަހަރު ބައެއް ކަހަލަ ހިތާމަވެރި ހާދިސާތައްވެސް ހިނގާފައި އެބަހުރި. މިފަދަ ހާދިސާތައް ހިނގައިގެން ދާއިރު ޒިންމާވާނެ ފަރާތެއްވެސް އޮންނަން އެބަޖެހޭ. އެހެންވީމަ މިކަން އިސްލާހު ކުރުމަށްޓަކައި ގަވާއިދެއްގެ ސިފައިގަ ނަމަވެސް މިކަން ކުރުމަށް އަޅުގަނޑު ހަމަ ހުށަހެޅުމެއް ހުށަހަޅާލަން."

މެންބަރު އިސްމާއީލް ޝަފީއު ހުށަހެޅުއްވި މިހުށަހެޅުމަށް ތާއީދުކުރެއްވީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކެވެ. އޭނާ ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގައި އެކަން އެގޮތަށް ހިނގާނަމަ އެކަން ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކަމާ ބެހޭގޮތުން ހަދާފައި ހުރި ގަވައިދުގައި އޮތީ ކޮންގޮތަކަށް ތޯ އާއި ގަވައިދުގައި އޮތީ ކޮން ލޫޕްހޯލެއްތޯ ނުވަތަ ގަވާއިދަށް ގެންނަންޖެހެނީ ކޮން ބަދަލެއްތޯ ބަލަންޖެހޭ ކަމަށް ހުސްނީ ވިދާޅުވިއެވެ.

މި ހުށަހެޅުން ހުށަހެޅުމުގެ ކުރިން އޮފްދަ ރެކޯޑްގައި ވާހަކަ ތަކެއް ދައްކާފައިވާކަން ކޮމިޓީ ބައްދަލުވުމުން ފާހަގަ ވާތީ، ގަވާއިދު ކޮމިޓީގެ މުގައްރިރު ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމަށް ގުޅުމުން ވިދާޅުވީ އެއީ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލަ އެއް ކަމަށެވެ.

"ގިނަފަހަރު ވާގޮތަކީ ރިސޯޓްތަކުގައި ތިބޭ ޓޫރިސްޓުން ރިސޯޓްތަކަށް ނޭނގި ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސް ނޫނީ ވޯޓާސްޕޯޓްސް ނޫނީ އެކްސްކާޝަން ސެންޓަރު ތަކާ ގުޅިގެން ރިސޯޓަށް ވަގަށް މިދަނީ. ވޯޓާސްޕޯޓްސް، އެކްސްކާޝަން ސްނޯކްލިން ކަހަލަ ކަންކަމަށް. ކޮންމެގޮތެއްގައިވެސް އެމީހުން ރިސޯޓްތަކަށްވުރެ އަގުހެޔޮވާނެތާ. ރިސޯޓްތަކުގެ ސެކިއުރިޓީންނަށްވެސް ފިލައިގެން ދާކަމަށްވަނީ. ރިސޯޓުގެ ތުނޑިއެއް ނޫނީ ޖެޓީ ނޯންނަ ދިމާލަކުން." ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އެގޮތަށް މުއާމަލާތް ކޮށްފައި ޑިންގީ ނުވަތަ ޖެޓް ސްކީ ކަހަލަ އެއްޗެތީގައި ރިސޯޓަށް ނޭނގި ރިސޯޓުން ބޭރުވާ ކަމަށެވެ. އެފަދަ ބައެއް ހާދިސާގެ މައުލޫމާތު އެކި ފަރާތްތަކުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތަށްދާ ޓޫރިސްޓަކަށް ދެރަ ގޮތެއް ވިޔަސް ނޫނީ ކޮންމެވެސް ހާދިސާއެއް ހިނގިޔަސް ދެން ނުކުންނާނީ ވަރަށް ބޮޑު މައްސަލައެއް. އެހެންވީމާ ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކޮށްގެން މިކަން ހައްލުކުރުމަށް ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ބަލަން ބޭނުންވަނީ. ގަވާއިދެއް ހަދަންޖެހޭ ނަމަ ހަދަން. އިސްލާހު ކުރަންޖެހޭ ނަމަ އިސްލާހު ކުރަން." ގަވާއިދު ކޮމިޓީގެ މުގައްރިރު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުން ނިންމަވައިލައްވަމުން މުގައްރިރު ވިދާޅުވީ، މިހާރު ގަވައިދުތައް ހުރިގޮތް ބަލައި ދިރާސާ ކުރުމަށްފަހު ދެން އޮންނަ ބައްދަލުވުމެއްގައި ކަމާގުޅުންހުރި ފަރާތްތަކާ ބައްދަލުކުރަން ޖެހޭ ކަމަށް ވާނަމަ ބައްދަލުކޮށްގެން އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ. 

ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންނަށް އެކިފަހަރު ހިތާމަވެރި ހާދިސާތަކާ ކުރިމަތިލާންޖެހިފައި ވެއެވެ. އާންމުގޮތެއްގައި އެފަދަ ހާދިސާތައް މެދުވެރިވަނީ ސްނޯކްލިންގ އަށް ގޮސް އުޅެނިކޮށެވެ.

ކޮމެންޓް