ށ.ފުނަދޫން ބިން ދޫކުރުމާ ގުޅޭގޮތުން އެރަށު ކައުންސިލުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް
ފަތުރުވެރިކަމުގެ މަސައްކަތް ކުރުމަށް ށ. ފުނަދޫން ބިން ދޫކުރަނީ
ދޫކުރުމަށް ހަމަޖެހިފައި ވަނީ 5000 އަކަފޫޓުގެ 5 ބިން
ޖުނާން އަޙުމަދު 25 ޖޫން 2025 (ބުދަ)   18:53
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ފަތުރުވެރިކަމުގެ އެކިއެކި މަސައްކަތް ކުރުމަށް ބީލަމުގެ އުސޫލުން ބިން ދޫކުރުމަށް ނިންމާ މިއަދު އެކަން އިއުލާން ކޮށްފިއެވެ.

އެކަމަށް ޝައުގުވެރިވާ އެންމެހައި ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ދައުވަތު، ފުނަދޫ ކައުންސިލުން މިއަދު ހުޅުވާލާފައި ވާއިރު، އެރަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 30 އަހަރުގެ މުއްދަތަށް ދޫކުރާ 5 ބިމެކެވެ.

އެއާޕޯޓް ވެސް އަޅާފައިވާ ށ. ފުނަދޫން 5000 އަކަފޫޓުގެ ފަސް ބިން ދޫކުރަނީ އެރަށު "ގޮނީ ފެންގަނޑު" ކިޔާ ސަރަހައްދުގެ ދެކުނުން އޮންނަ ސަރަހައްދުން ކަމަށާ، ބީލަން ބަލައިގަތުމާއި ހުޅުވުން ވެސް އޮންނާނީ އަންނަ ޖުލައި މަހުގެ 13 ވާ އާދިއްތަދުވަހުގެ މެންދުރު 13:00 ގައި، ފުނަދޫ ކައުންސިލް އިދާރާގެ މީޓިންރޫމްގައި ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ.

ފުނަދޫ ކައުންސިލުން މިކަމަށް ކޮށްފައިވާ އިއުލާނުގައި ވަނީ، ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެއްވުމަށް [email protected] އަށް 2025 ޖުލައި 03 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން އީމެއިލްކުރުމަށް އެދޭކަމަށާ، ރަޖިސްޓްރީ ކުރައްވަން ހުށައަޅުއްވާފަރާތްތަކުން 500 ރުހިޔާގެ ރެވެނިއު އެއް އެ އިދާރާގެ ނަންބަރު 7724700306001 އެކައުންޓަށް ޖަމާކުރަންޖެހޭނެކަމަށެވެ.

އަދި ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށާ، ބީލަމުގައި ރަޖިސްޓްރީވެވިއްޖެ ކަން ޔަގީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ މެއިލް ލިބުމުން ކަމަށް ވެސް ށ. ފުނަދޫ ކައުންސިލް އިދާރާއިން މައުލޫމާތުދެއެވެ.

ފުނަދޫން ބިން ދޫކުރުމާބެހޭ މައުލޫމާތު ކަރުދާސް މި ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ.

ކޮމެންޓް