ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
މިހާރު އޮތީ ހަރާމް ޓޫރިޒަމްކަމަށް ދޭހަވާ މޭރުމުން ރައީސް މުއިއްޒު ވިދާޅުވެއްޖެ
ރާއްޖޭގައި ހަލާލް ޓޫރިޒަމް ތައާރަފު ކުރުމުގެ ޕްލޭން މި ފެށޭ ހަފްތާގައި ޓޫރިޒަމް މިނިސްޓްރީން އާންމު ކުރާނެ
ޖުނާން އަޙުމަދު 27 ޖޫން 2025 (ހުކުރު)   18:39
ރާއްޖޭގައި މިހާރު މިއޮތީ ހަރާމް ޓުއަރިޒަމްކަމަށް ދޭހަވާ ބީދައިން ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު އެކްސްގައި މިއަދު ޕޯސްޓެއް ކުރައްވައިފިއެވެ.

އެމަނިކުފާނު ކުރެއްވި އެކްސްޕޯސްޓްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި ހަލާލް ޓޫރިޒަމް ތައާރަފު ކުރުމުގެ ޕްލޭން މި ފެށޭ ހަފްތާގައި ޓޫރިޒަމް މިނިސްޓްރީން އާންމު ކުރާނެ ކަމަށާ، އެކަމަށްޓަކައި ހާއްސަ ރަށްތަކެއް ކަނޑައަޅަން މިހާރު ނިންމަވާފައި ވާނެކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް މުޅި ދުނިޔޭގައި މަޝްހޫރުވެފައި ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތް ކުރިއަރުވައި ޓޫރިސްޓުން ރާއްޖޭގައި ކުރާ ތަޖުރިބާ އާއި އަދާކުރާ މެހެމާންދާރީގެ ނަމޫނާއެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއިން މިހާރު އަމާޒު ހިފާފައިވަނީ، ހަލާލް ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ވެސް ދުނިޔޭގެ މަގުބޫލުކަން ރާއްޖެއިން ހޯދުމަށް ކަމަށެވެ.

ރާއްޖޭގައި ހަލާލް ޓޫރިޒަމް ތައާރަފްކުރާ ވާހަކަ ރައީސް މުއިއްޒު ދެއްކެވުމުން، މިހާރު ރާއްޖޭގައި މިއޮތީ ހަރާމް ޓޫރިޒަމްތޯ؟ މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެހެންކަމުން ކުރީއްސުރެ ވެސް ރާއްޖޭގައި އޮންނަނީ ހަރާމް ޓޫރިޒަމް ކަމަށް ވާއިރު މިހާ ދީނީ ސަރުކާރަކުން އެފަދަ ކަންކަމަށް މަގުފަހިކޮށްދީ އެ ޓޫރިޒަމްގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިވެރިންގެ ދަށުވަނީ ކީއްވެތޯ؟ ބައެއް މީހުން މީސް މީޑިއާގައި ބުނެފައި ވެއެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތު ކުރުމުގައި ލިބޭނެ ބޮޑު އެހީތެރިކަމެއް ކަމަށް ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިކަމުގެ ތެރެއިން އިންވެސްޓަރުންނަށް ވެސް ބޮޑެތި އިނާޔަތްތަކާއި ލުއިތަކެއް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާ، އެހެންކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންނަށް މަރުހަބާ ކިޔުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމަށެވެ.

"ދިވެހިރާއްޖެ އޮތީ އިންވެސްޓްމަންޓަށް ތައްޔާރުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ތައްޔާރަށް،" ރައީސް މުއިއްޒު ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވި ނަމަވެސް ހަލާލް ޓޫރިޒަމަށް ވަދެ މާލެއަތޮޅު މާފުށީގައި ގެސްޓްހައުސްތަކެއް ހެދުމަށް ހަމަ މި ސަރުކާރުގައި ހައްޖު ކޯޕަރޭޝަނުން ނިންމި ނަމަވެސް، އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ލަފާދެއްވުމުން އެ މަޝްރޫއު ކުރިއަކަށް ނުގެންގޮސް ހުއްޓާލިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ފަޒީން
1 week ago
ގާތް ބަޔަކަށް ފައިދާ ކޮށްދޭންވެގެން ހަލާލާ ކިޔައިގެން އެ އުޅެނީ.
އަބްދުއްރަޙްމާ
1 week ago
އެކަމަކު ލިބޭ ޱޮލަރު ހަމަ އޯކޭ ……