ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލާފައި އޮތްއިރު މީހުން ހޯދުމުގެ މަސައްކަތް ކުރަނީ. އަދި މިހާދިސާގައި ނިޔާވި އަލީ ހާމިދު.-- ފޮޓޯ: އެމްއެންޑީއެފް
ބަންޑުންޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު އެކަކު ފެނުއިރު އޮތީ ނިޔާވެފައި
ޖުނާން އަޙުމަދު 25 ޖޫން 2025 (ބުދަ)   14:45
ޅ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު، ފެނުނުއިރު އޮތީ ނިޔަވެފައި ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލުމާ ގުޅިގެން، އެ އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަނިކޮށް އޭގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުންގެ މަސައްކަތުން ފެނިފައިވަނީ ސިފައިންގެ ބޭކަލެއް ކަމަށްވާ ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު އެވެ. އަލީ ހާމިދު، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ.

އަލީ ހާމިދު ނިޔާވި ޚަބަރާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތައުޒިއާ ވިދާޅުވެފައެވެ. ރައީސް އެކްސް ގައި ކުރެއްވި ޕޯސްޓްގައި، ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައިވާ އަލީ ހާމިދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީވެސް ޤައުމީ ޚިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް ކަން ވަނީ ފާހަގަ ކުރައްވާފައެވެ. 

"މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުންއެދި ދުޢާ ކުރަމެވެ." ރައީސް މުއިއްޒުގެ ޕޯސްޓްގައި ވެއެވެ. 

your imageލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ސަރަހައްދު.-- ފޮޓޯ: އެމްއެންޑީއެފް 

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓުން 6 މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީންނެވެ.

އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އެއިން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.

މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރުވެސް ދަނީ ކުރަމުންނެވެ.

ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުގައި ހުރި ބައެއް ސާމާނު އެ ސަރަހައްދުން އޮޔާ ދާތީ ދަތުރުވެރިން ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފް އިން އިލްތިމާސްކުރެއެވެ. 

ކޮމެންޓް