ކުރިގެ ޗީފް އޮފް ޑިފެންސް އަޙުމަދު ޝިޔާމް - ފޮޓޯ: އެމްއެންޑީއެފް
ޝިޔާމަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި
ދައުވާ އަނބުރާ ގެންދިޔައީ ހަތް އަހަރު ފަހުން
ޖުނާން އަޙުމަދު 3 ޖުލައި 2025 (ބުރާސްފަތި)   10:21
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަޙުމަދު ޝިޔާމްގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފަށް ހުށަހެޅުމަށް ފަހު އެމައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އޭނާ ހުންނެވި ދުވަސްވަރު ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ޝިޔާމްގެ ބައްޕަ ބަހައްޓައި އަދި ސިފައިންގެ އޮފިސަރަކު ބައްޕަގެ ކަންކަން ބަލެހެއްޓުމަށް ހާއްސަކޮށް ބެހެއްޓުމުން ކަމަށް ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު މި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ހައި ކޯޓުގައި އިސްތިއުނާފްކުރީ މިއަހަރުގެ ޖެނުއަރީ މަހު ނަމަވެސް މައްސަލަ ކުރިއަށް ދަނިކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މައްސަލަ ބާތިލްކޮށް ހައި ކޯޓުން ދައުވާ ފޯމު ބާތިލްކޮށްފައި މިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

ދައުވާ ފޯމު ބާތިލްކޮށްދިނުމަށް ދައުލަތުން އެދިފައިވަނީ މި ހާދިސާ ހިނގި ފަހުން ހަތް އަހަރުވެފައި ވާތީ އާއި ޝިޔާމްގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލައެއް ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ނެތުމުން އެ ކަންކަމަށް ރިއާޔަތްކޮށްފައި ކަމަށް، އިސްތިއުނާފުގެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކޮށް ހައި ކޯޓުން ނެރުނު ރިޕޯޓްގައި ވެއެވެ.

ޝިޔާމްގެ މައްޗަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ކުރިން އޭސީސީން ނިންމާފައި އޮއްވާ، ކުށް ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށް ކަނޑައަޅައި ކުށް ސާބިތުވާ ނުވާ ކަމަށް ޝިޔާމަށް ކްރިމިނަލް ކޯޓުން ވެސް ހުކުމްކުރިއެވެ.

ޝިޔާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ އޭރުގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އެންގެވުމަށް 2020 ވަނަ އަހަރު އެވެ.

ކޮމެންޓް