ރައްޔިތުންގެ މަޖިލީހުން ޓީޖީއެސްޓީ ގޮތުގައި ނަގާ އަދަދު ބޮޑުކުރީ، ސަރުކާރަށް އާމްދަނީ އިތުރުކުރަން ޓޫރިޒަމް ސިނާއަތާ ގުޅުން ހުރި ބައެއް ގާނޫނުތަކަށް ބަދަލުގެނައި ދުވަސްވަރު ގެނައި ބަދަލެއްގެ ދަށުންނެވެ. ޓީޖީއެސްޓީގެ އިތުރުން އެއާޕޯޓު ޑިޕާޗާ ޓެކްސް އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ގްރީން ޓެކްސް ވެސް އެފަހަރު ބޮޑު ކުރި އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް، 2024 ނޮވެމްބަރު 5 ގައި ގެނައި 7 ވަނަ އިސްލާހުގައި ބުނެފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގައި 2025 ޖުލައި 1 އިން ފެށިގެން %17 (ސަތާރަ އިންސައްތަ) ނަގާނެ ކަމަށެވެ. މިހާރު ނަގަމުންދަނީ %16 އެވެ.
ޓެކްސް ބޮޑުކުރުމުގެ ބިލު މަޖިލީހަށް ބަލައިގަތް އިރު، ސަރުކާރާއި މަޖިލިސް ކޮންޓްރޯލް ކުރާ ޕީއެންސީގެ މެންބަރުން ވަނީ މި ބަދަލު ގެންނަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި މިއީ ޓޫރިޒަމް ވިޔަފާރިވެރިން ނުރުހުނަސް ގެންނަން ޖެހޭ ބަދަލެއް ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.
ޓީޖީއެސްޓީ އާއި ޓޫރިސްޓުންނާ ގުޅުން ހުރި އެހެނިހެން ޓެކްސްތައް ބޮޑުކުރުމާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން ވާހަކަ ދެއްކިނަމަވެސް، ސަރުކާރު ބޭނުންވާ ގޮތަށް މަޖިލީހުން ވަނީ އެ ބަދަލު ފާސްކޮށްފައެވެ.
ސަރުކާރުން ޓޫރިޒަމް ދާއިރާގެ ޓެކްސްތައް ބޮޑުކުރީ، އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ ހިލާފަށެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ރާއްޖެއަށް އެއް މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ގާތްގަނޑަކަށް ނުވަ ޕަސެންޓު އިތުރު އަދަދެކެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. މިއީ މިދިޔަ އަހަރަށް ވުރެ ތިން ލައްކަ ޓޫރިސްޓުން އިތުރު އަދަދެކެވެ. މިދިޔަ އަހަރަކީ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އަހަރެވެ.
ޓީޖީއެސްޓީ ބޮޑުކުރުމުން މި އަހަރު 219 މިލިއަން ރުފިޔާ އިތުރަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. އަދި އަންނަ އަހަރު 330 މިލިއަން ރުފިޔާ އާއި 538 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ވެސް ސަރުކާރުން ލަފާކުރެ އެވެ.