ފިޔެސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު ސޮއިކުރި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިތާ 6 މަސް ވެގެން ދިޔައިރު ވެސް، މެލޭޝިއާގެ ހެކްސްޓާ ކުންފުނިން އެއްވެސް މުއާމަލާތެއް ނުކުރާތީ، ގިނަ ގޮތްގޮތުން އެ ކުންފުންޏާ މުއާމަލާތްކުރުމަށް ސަރުކާރުން ކުރި މަސައްކަތްތައް ވެސް ނާކާމިޔާބުވުމުން އެ އެއްބަސްވުން މިހާރުވަނީ ބާތިލުކޮށްފައެވެ.
ސަރުކާރުން އެ އެއްބަސްވުން ބާތިލުކުރިކަން އާރުސީސީއަށް އެނގުމުން، އާރުސީސީން އެ މަޝްރޫއު ކުރިއަށް ގެންދަން ހުށަހެޅިކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން ސަރުކާރުން މިހާރު މިވަނީ އާންމުކޮށް އިއުލާން ކުރުމަކާ ވެސް ނުލާ އެ މަޝްރޫއު އާރުސީސީއާ ހަވާލުކޮށްފައިކަމަށް ފިޔެސްއަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މަޝްރޫއު ހިންގުމަށް އާރުސީސީއާ އެކު ވެސް ޖުމްލަގޮތެއްގައި ސަރުކާރުން އެއްބަސްވެފައި ވަނީ ހެކްސްޓާއާ އެކީ ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށާ، އެ އެއްބަސްވުމުގައިވާ ފަދައިން އެ މަޝްރޫއުގެ ފައިސާ އާރުސީސީއަށް ދިނުމަށް ހަމަޖެހިފައި ވަނީ ވެސް ޑޮލަރުން ކަމަށް މައުލޫމާތު ލިބެއެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހެކްސްޓަރ ގްލޯބަލް އާއެކު މަޝްރޫއުގައި ސޮއިކުރި ފަހުން ވެސް މި އިމާރާތްތައް އެޅުމުގެ އަމަލީ މަސައްކަތް، މި އަހަރުގެ އޭޕްރީލް މަހު ފެށިގެންދާނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މި އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ވިދާޅުވައިވާ ކަން ފާހަގަ ކޮށްލެވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރި ހިސާބުން ވެސް، މި މަޝްރޫއާ މެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އާންމުންގެ ފަރާތުން ސޯޝަލްމީޑިއާގައި ފާހަގަކުރިއެވެ. އަދި ފިޔެސް އިން ބެލި ބެލުމުންވެސް ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.
ފުރަތަމަ ކަމަކަށް މިފަދަ ބޮޑު މަޝްރޫއެއް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ދޫކޮށްލިއިރު އާންމުކޮށް އިއުލާން ނުކުރުމެވެ. މި މަޝްރޫއަށް ބިޑު ހުށަހެޅުމަށް ނުވަތަ ޝައުގުވެރިކަން ފާޅުކުރުމަށް އިއުލާން ކޮށްފައެއް ނުވެއެވެ.
ދެވަނަ ކަމަކަށް، މަސައްކަތާ ހަވާލުވި ކޮންޓްރެކްޓަރަކީ މެލޭޝިއާގެ "ހެކްސްޓަރ ގްލޯބަލް" ކަމަށާއި އެއްބަސްވުމުގައި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އަލީ ޝަރީފް ކަމަށް މިނިސްޓްރީން އާންމުކުރި ޚަބަރުގައި އޮތްނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ކޮންޓްރެކްޓް ގައި ސޮއިކުރެއްވި އަލީ ޝަރީފަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައި އޮތް ހެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރެވެ. އެކުންފުނީގެ ހަމައެކަނި ޝެއާހޯލްޑަރަކީވެސް އޭނާއެވެ. ކުންފުނި ރަޖިސްޓްރީކޮށްފައިވަނީ 16 އޮކްޓޯބަރު 2024 ގައެވެ.
ހެކްސްޓާއާ ހަވާލުކުރުމަށް ފަހު ބާތިލުކުރި އެއްބަސްވުމުގައި ހިމެނޭ 55 ކައުންސިލު އިމާރާތަކީ، ސަރުކާރު ހަރަދުގައި އިމާރާތްކުރާ ގޮތަށް ހަމަޖެއްސި ކޮމްޕޯނަންޓެއް ކަމަށް ވާއިރު، މި މަޝްރޫއާމެދު ގިނަބަޔަކު ސުވާލު އުފައްދަން ފެށުމުން، އެ ކަންބޮޑުވުންތަކުގައި އަސްލެއް ނެތް ކަމުގެ ޔަގީންކަން ދެއެްވަމުން ވަޒީރު އާދަމް ޝަރީފް އޭރު ވިދާޅުވީ، އެ މަސައްކަތް ކުރާނީ މެލޭޝިއާ ކުންފުނިން ކަމަށާ، ދިވެހި ކުންފުނީގެ ހިއްސާދާރު އެ އެއްބަސްވުމުގައި ސޮއިކުރީ މެލޭޝިއާ ކުންފުނިން ޕަވާ އޮފް އެޓާނީ ދީފައި އޮތުމުން ކަމަށެވެ.