އެންޑީއޭގެ އެތެރޭގައި ހަރަކާތްތެރިވާ ގިނަ މުއައްޒަފުންތަކެއް ފިޔެސް އާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގި ހާމަވަނީ، އެންޑީއޭ ސިޔާސީ ނުފޫޒުން މިހާރު ހިންގަމުން ދާއިރު، އެ އިދާރާގައި ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމަނީ ވެސް ފަންނީ މުވައްޒަފުންގެ ރައުޔު އެއްފަރާތްކޮށް، ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ ފަރާތްތަކުން ބޭނުންވާ ހާލަތެއްގައި އެފަރާތްތަކުން ބޭނުންވާ ގޮތަކަށް ކަމަށެވެ.
އެހެންކަމުން މި ހާލަތު އެ އިދާރާގައި ގާއިމްވެފައި އޮތުމުގެ ސަބަބުން ތަނުގެ މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ރޫހާއި ހިތްވަރު ގެއްލި، ގައުމުގައި އިންތިހާއަށް އިތުރުވަމުންދާ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކަށް އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އެޅިގެންދާ ތަނެއް ނުފެނެއެވެ.
މައިގަނޑު ތުހުމަތުތަކާއި ކަންބޮޑުވުންތައް:
ފަންނީ ނިންމުންތަކުގެ މައްޗަށް ސިޔާސީ ބާރު ފޯރުވަމުން އަންނަ އައުމަކީ އެ އިދާރާގެ ގިނަ މުއައްޒަފުންތަކެއްގެ އެންމެބޮޑު ކަންބޮޑުވުން ކަމަށް ވާއިރު، އެ އިދާރާގެ ހުރިހާ ފަންނީ ނިންމުންތަކެއްގެ މައްޗަށް ވެސް އެންޑީއޭ ބޯޑުގެ ޗެއާޕާސަން ނޭދެވޭ ގޮތެއްގައި ނުފޫޒާއި ބާރު ފޯރުވާކަމަށް އެމީހުން ތުހުމަތު ކުރެއެވެ. އެހެންކަމުން ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ ފަރާތަކުން މިގޮތަށް ބާރު އެއްކަށިކުރުމުގެ ސަބަބުން، އެންޑީއޭގެ މުހިންމު މަސައްކަތްތަކުގައި ހިމެނެންޖެހޭ، ބިނާކުރެނިވި ފަންނީ ސިފަތައް މުޅިންހެން ވަނީ ގެއްލިފައިކަމަށް އެމީހުން ބުނެއެވެ.
ބޯޑުގެ ޗެއާޕާސަންގެ ސިޔާސީ ނުފޫޒާއި ކޮންޓްރޯލް:
ބޯޑުގެ ޗެއަރޕާސަން އެ އިދާރާގެ ހުރިހާ މުވައްޒަފުންގެ މައްޗަށް ވެސް ނުފޫޒު ފޯރުވަމުން ދާއިރުު، އެކަމުގައި އެންޑީއޭގެ މިހާރުގެ އެކްޓިން ސީއީއޯ ވެސް އެއްބާރުލުން ދެމުން އަންކަމަށް ތަނުގެ މުއައްޒަފުން ބުނެއެވެ. ސަބަބެއްކަމަށް އެމީހުން ބުނަނީ އެކްޓިން ސީއީއޯ އަކީވެސް ބޯޑުގެ ޗެއާޕާސަންގެ ބޮޑު ނުފޫޒެއް އޮވެގެން އައްޔަންކޮށްފައިވާ ފަރާތަކަށް ވުން ކަމަށެވެ. އެހެންކަމުން މުޅި އިދާރާގެ އެތެރޭގައި ވެސް ފަންނީ ތަޖުރިބާގެ ބަދަލުގައި ސިޔާސީ އަމުރުތަކަށް އިސްކަންދޭ ހައިރާކީއެއް އުފެދިފައިވާކަމަށް ވެސް އެމީހުން މައުލޫމާތު ދެއެވެ.
މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ރޫހާއި ހިތްވަރު ގެއްލި، ހިތްހަމަނުޖެހުންތައް:
އެންޑީއޭގެ ގިނަ ފަންނީ މުވައްޒަފުން އެތަނުގެ މިހާރުގެ އިސް ވެރިންނާމެދު ހިތްހަމަނުޖެހި، ހިތްވަރު ގެއްލިފައިވާކަމަށް ބުނެ އެ މުވައްޒަފުން ބުނަނީ، ސަރުކާރުގެ އެހެން މުއައްސަސާއެއްގައި އެންޑީއޭގައި އުފެދިފާއިވާ ފަދަ، ގޮންޖެހުންތަކާއި އުނދަގޫ މާހައުލެއް ތަޖުރިބާކުރަން ޖެހިފައި ވާނެކަމަށް އެމީހުން ނުދެކޭ ކަމަށެވެ. އެހެންކަމުން މުޅި އިދާރައިގައި ވަނީ މަސައްކަތުގެ ތަޖުރިބާގެ ބޭނުންހިފުމުގެ މިނިވަންކަން ގެއްލި، އެއް މުއައްޒަފަކު އަނެއް މުއައްޒަފަކަށް ކުރަންޖެހޭ އިހުތިރާމް ގެއްލިފައި ކަމަށް ވެސް ތަނުގެ މުއައްޒަފުން ބުނެއެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީ.-- ފޮޓޯ: ފިޔެސް
އިސް ވެރިންނާ މެދު މުއައްޒަފުން ކުޑައިމީސް ކޮށް ދެކުން:
ގިނަ ފަންނީ މުވައްޒަފުން އެންޑީއޭ ބޯޑުގެ ޗެއާޕާސަނާއި އެކްޓިން ސީއީއޯއާ މެދު ހާމަކަން ބޮޑު ގޮތެއްގައި މަލާމާތްކުރާ އިރު، ތަނުގެ އިސް ދެ ވެރިންނަށް ވެސް އެ މަލާމާތްތައް ރައްދުވާ މައިގަނޑު އެއް ސަބަބަކީ، ކުޑަމިނުން މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކާ ގުޅޭ އަސާސީ މައުލޫމާތު ވެސް އެ ވެރިންނަށް ނޭނގޭކަމަށް ވުމެވެ. އެހެންކަމުން މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާ ފަންނީ އަދި ތަޖުރިބާކާރު މުއައްޒަފުންނާއި އިސް ވެރިންނާ ދެމެދު އޮންނަންޖެހޭ ގާތްކަން މުޅިންހެން ވަނީ ނެތިގެން ގޮސްފައެވެ.
އިދާރާގެ ބެލެނިވެރި ފަރާތްތައް ފެއިލްވެފައި:
އެންޑީއޭގެ ބެލެނިވެރި ފަރާތްތައް ކަމަށްވާ، އެންޑީސީސީ (ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް) އާ ކަމާބެހޭ މިނިސްޓްރީއާ ގުޅޭގޮތުންވެސް ކަންބޮޑުވުންތައް އެންޑީއޭގެ މުއައްޒަފުން ފާޅުކުރަމުންދާއިރު، އެ މީހުން ބުނަނީ އެންޑީއޭއަށް ދިމާވެފައިވާ ނުރަނގަޅު ހާލަތާ ގުޅޭގޮތުން އިދާރާގެ ބެލެނިވެރި ފަރާތްތަކުން ޒިންމާ ނުނަގާކަމަށެވެ. ނުވަތަ އިދާރާގެ ހިންގުން ބޮޑުތަނުން ދަށްވަމުންދާ ކަމުގެ ސީރިއަސްކަން އެ ފަރާތްތަކުން ގަބޫލު ވެސް ނުކުރާކަމަށެވެ. އެހެންކަމުން ބެލެހެއްޓުމުގެ ޒިންމާ އެފަރާތްތަކަށް އަދާނުކުރެވުމުން، އެންޑީއޭގެ މެންޑޭޓް ރައްކާތެރިކުރުމުގައި މުޅި ނިޒާމް ފެއިލްވެފައިވާ ކަމީ ފެންނަން އޮތް ހަގީގަތް ކަމަށް ވެސް އެތަނުގެ ގިނަ މުއައްޒަފުން ބުނެއެވެ.
ސިޔާސީ ގޮތުން އައްޔަންކުރެވޭ ފަރާތްތަކުން ޕީއާރަށް އިސްކަންދިނުން:
މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކާ ގުޅޭ އަސާސީ މައުލޫމާތު ވެސް އެންޑީއޭގައި ސިޔާސީ ގޮތުން އައްޔަންކުރެވިފައިވާ ފަރާތްތަކަށް ނޭނގޭ ހާލު، މައިގަނޑު ގޮތެއްގައި އަމިއްލަ ޕީއާރު (ޕަބްލިކް ރިލޭޝަންސް) ހަރަކާތްތަކަށް އިސްކަންދޭކަމަށް ތަނުގެ ގިނަ މުއައްޒަފުން ތުހުމަތު ކުރެވެއެވެ. މިކަން މިހެން ހިނގަނީ ސިޔާސީ އިސްވެރިންގެ ސަމާލުކަމާއި ތާއީދު ހޯދުމަށް އެންޑީއޭގެ އިސް ވެރިން އިސްކަން ދިނުމުގެ ސަބަބުން ކަމަށް އެ މީހުން ބުނާއިރު، އެ އަމަލުތަކުގެ ސަބަބުން، އެކަށީގެންވާ އިސްތިރާޖުތައް އެކުލަވާލައި ތަންފީޒުކުރުމުގެ ގާބިލުކަމުން މުޅި އިދާރާ މަހުރޫމްވެފައިވާ ކަމަށް ވެސް މުއައްޒަފުން ބުނެއެވެ.
ވަގުތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ގޮވާލުން:
މި ތުހުމަތުތަކަށް ސަމާލުވެ ވަގުތުން ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އާންމު ރައްޔިތުންނަށް މިހާ މުހިންމު މުއައްސަސާއެއް ސިޔާސީ ނުފޫޒުގެ ދަށުވެ، ފަންނީ ތަޖުރިބާއަށް އިހުތިރާމްނުކުރެވޭ ހާލު ބޮޑެތި ދަތި އުނދަގޫތައް އާންމު ރައްޔިތުންނަށް ކުރިމަތިވާނެކަމަށާ، ނޭޝަނަލް ޑްރަގް އޭޖެންސީއަކީ މިނިވަން މުސްތަގިއްލު އަދި ހަރުދަނާ މުއައްސަސާއެއްގެ ގޮތުގައި އޮތުން އެއީ ރައްޔިތުންނަށް ލިބެންޖެހޭ މުހިންމު ހައްގެއްކަމަށް އެންޑީއޭގެ މުއައްޒަފުން ދެކެއެވެ.
ފިޔެސް އަށް މައުލޫމާތު ދިން އެންޑީއޭގެ ގިނަ މުއައްޒަފުން ބުނީ، ރައީސް އޮފީސް، ރައްޔިތުންގެ މަޖިލިސް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް، އަދި މިނިސްޓްރީ އޮފް ހެލްތް ފަދަ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެމީހުން އެދޭ އެދުންތަކަކާއި އިލްތިމާސްތަކެއް ވެސް އެބައޮތްކަމަށެވެ.
އެގޮތުން އެންޑީއޭގައި ސިޔާސީ ނުފޫޒު ފޯރުވާކަމަށާ، ތަނުގައި ހުރި ގިނަ ނޭދެވޭ ކަންކަމާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކުގެ ހަގީގަތްބަލާ މިނިވަން އަދި ފުރިހަމަ ތަހުގީގެއް ވަގުތުން ފެށުމަކީ އެމީހުންގެ ވަރަށްބޮޑު އެދުމެއް ކަމަށް އެމީހުން ބުނެޏެވެ.
އަދި އެކަންކަން ހައްލުކުރުމުގައި ޒިންމާދާރު ހަރުދަނާ ފިޔަވަޅުތަކެއް އަޅާ، އާންމު މުއައްޒަފުންނަށާއި ރައްޔިތުންނަށް ފަސޭހަ މާހައުލެއް އެންޑީއޭގައި ގާއިމްކޮށްދިނުމަކީ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެމީހުން އެދޭ އެދުން ކަމަށް ވެސް އެމީހުން ބުންޏެވެ.