ރައީސް ނަޝީދުއަށް ތާއީދުކުރާ މީހުންނާއެކު އުފެއްދި ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީ ދޫކޮށްލައި އެމްޑީޕީއާ ގުޅުމަށް އިގުރާރުވީ 17 ޖޫންގައި ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގައެވެ. އޭގެ ފަހުން އެ ޕާޓީގެ ބައެއް މެންބަރުން އެމްޑީޕީއާ ގުޅުނެވެ.
ރައީސް ނަޝީދު، ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 23 ޖޫން ގައެވެ. އެދުވަހުން ފެށިގެން ހިނގާ މިދިޔަ 10 ދުވަހުގެ ތެރޭގައި (މިއަދުގެ މެންދުރުފަހު 2:00 އާ ހަމައަށް) އެމްޑީޕީގެ ދަފްތަރު ގައި ހިމެނިފައިވަނީ 437 މެންބަރުންނެވެ. އޭގެ އިތުރުން އެމްޑީޕީއަށް ވަނުމަށް އެޕްލައި ކޮށް، ޕްރޮސެސިން މަރުހަލާގައި 76 ހުށަހެޅުން އެބައޮތެވެ. އެހެންވީމާ ޖުމްލަ އެއީ 500 އަށްވުރެ ގިނަ މެންބަރުންނެވެ. މި މައުލޫމާތަކީ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ފިޔެސް އާ މިއަދު ހިއްސާކުރި މައުލޫމާތެވެ.
މި މައުލޫމާތާ ގުޅިގެން ފިޔެސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ވައިސް ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ، ޑިމޮކްރެޓްސްގެ ގިނަ މެންބަރުން އެމްޑީޕީއާ ގުޅުމުގެ މަސައްކަތް އެބަ ކުރާ ކަމަށެވެ. އެހެންނަމަވެސް އީފާސް ހެދުމާއި ވެރިފައި ކުރުމުގައި އުނދަގޫ ތަކެއް ހުރުމުން ވަގުތުކޮޅެއް ނަގާ ކަމަށެވެ. އެކަންކަން ހައްލުކޮށް ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ މެންބަޝިޕް އިތުރުވެގެންދާތަން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލަރުންގެ މަގާމުގައި ތިއްބެވި ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ޕާޓީ ބަދަލުކުރުމުގައި ދަތިތަކެއް ހުރިކަންވެސް އިބުރޭ ފާހަގަ ކުރެއްވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކުގައި މެންބަރުން ތިބި އަދަދު ރޭ ހާމަކުރިއިރު އެމްޑީޕީގައި ތިބީ 43،765 މެންބަރުންނެވެ. މިއަދަދު ކުރިއަށް އޮތްތާ އިތުރުވާނެކަމަށް ބެލެވެއެވެ.