އަދަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ބަރާބަރު 20 އަހަރު ފުރުނު ދުވަހެވެ. އެމްޑީޕީ ރަޖިސްޓްރީ ކޮށްދިނީ 2005 ޖޫން 26 ވީ އާދީއްތަ ދުވަހުގެ ރޭ 7:15 ގައެވެ. އެކަން އެމްޑީޕީން އިއުލާންކުރީ އެރޭ އިސްކަންދަރު ސްކޫލްގައި ބޭއްވި އެމްޑީޕީގެ އާންމު ބައްދަލުވުމުގައެވެ. ހޯމް މިނިސްޓްރީގައި އެމްޑީޕީ ރަޖިސްޓްރީ ކޮށްދިންކަން އަންގައި އެ މިނިސްޓްރީ ދީފައިވާ ސިޓީ އެ ޖަލްސާގައި އިއުލާން ކުރިއެވެ.
އޭގެ ފަހުން 20 އަހަރު ފުރިގެން ދިޔައިރު، އެމްޑީޕީއަށް ވަނީ ކާމިޔާބު ތަކާއި ނާކާމިޔާބުތަކާ ކުރިމަތިވެފައެވެ. އެންމެބޮޑު ކާމިޔާބަކީ ޕާޓީއެއްގެ ގޮތުގައި ދެމިއޮތް އޮތުމެވެ. އެމްޑީޕީ އާއެކު އެ ދުވަސްވަރު ރަޖިސްޓްރީކުރި އެއްވެސް ޕާޓީއެއް މިއަދަކު ނެތެވެ.
އެމްޑީޕީގެ އިސްނެގުމާއެކު ސުހްލަވެރި ސިޔާސީ ހަރަކާތް ހިންގުމަށްޓަކައި ގިނަ ރައްޔިތުންގެ މިންނަތް މަސައްކަތުގެ ނަތީޖާއަކީ އާ ގާނޫނުއަސާސީއެއް އެކުލަވައިލުމެވެ. އެ ގާނޫނުއަސާސީން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމެވެ. ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއް ތައާރަފްވުމެވެ. ސިޔާސީޕާޓީ އުފައްދައި ހިންގުމެވެ. ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ގާއިމްކުރުމެވެ. ސިޔާސީ ގޮތުން ރައްޔިތުން ހޭލުންތެރިވުމެވެ. ހަމަހަމަ ކަމާއެކު އެންމެ ރައްޔިތުންނަށްވެސް އަދުލު އިންސާފް ލިބުމަށް އެމްޑީޕީން ކުރި ވަކާލާތާ ދެކޮޅަށް އަޑުއުފުލި މީހުންވެސް މިއަދުތިބީ އެމްޑީޕީގެ ފަލްސަފާ ގަބޫލުކޮށްގެނެވެ.
އެމްޑީޕީގެ ހަޔާތުން 20 އަހަރު ފާއިތުވީއިރު، ގިނަ ރައްޔިތުން އުންމީދުވެސް ނުކުރާފަދަ ފަސޭހަތަކާއި ޚިދުމަތްތަކާއި ގޮތްތައް އެމްޑީޕީން ތައާރަފް ކޮށްދީފިއެވެ. ކިޔަވާ ކުދިންގެ ފޮތްލިސްޓަށް ދައުލަތުން ޚަރަދު ކުރުމާއި، މާލެއެކޭ އެއްގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ގެސްޓްހައުސް ހިންގަން ފުރުސަތު ހޯދުމަކީ ވެރިކަން ލިބުމުގެ ކުރިން، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެމްޑީޕީން ހޯދި ފުރުސަތުތަކެވެ.
ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު، ކާމިޔާބު ކުރެއްވުމަކީ އެމްޑީޕީއަށް ލިބުނު ވަރަށްބޮޑު ކާމިޔާބެކެވެ. 2008 ނޮވެމްބަރު 11 ގައި ފެށި ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން 2012 ފެބްރުއަރީ 7 ގައި ބަގާވާތަކުން ވައްޓާލުމާ ހަމައަށް އެމްޑީޕީ ސަރުކާރުން ވަނީ ރައްޔިތުންނަށްޓަކައި ގިނަ ގުނަ ޚިދުމަތްތަކެއް ދޭން ފަށާފައެވެ. މުޅިން އާ ސިޔާސަތުތައް ތައާރަފުކޮށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަންފަށާފައެވެ. ގައުމާއި ރަށުގެ ތަރައްގީގެ އިތުރުން ސީދާ ރައްޔިތު މީހާގެ ޖީބަށް ލުއިވާނޭފަދަ ސިޔާސަތުތަކެއް އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ތައާރަފްކޮށް ރައްޔިތުންނަށް އެފަސޭހަކަން ލިބިދިނެވެ. އުމުރުން ދުވަސްވީ މީހުންނަށްދޭ އިނާޔަތެވެ. އާސަންދައިގެ ޚިދުމަތެވެ. އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބިދޭ އިނާޔަތެވެ. ރަށު ބަންދުން ވީއްލުމަށްޓަކައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރާނެ ފެރީ ނިޒާމެވެ. ޓެކްސް ނިޒާމަކުން ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުކުރުމެވެ.
2018 ނޮވެމްބަރު 17 ގައި ފެށުނު އެމްޑީޕީގެ ދެވަނަ ވެރިކަމުގައި އިބްރާހީމް މުޙައްމަދު ސޯލިޙްގެ ސަރުކާރުން ވަނީ ރައްޔިތުންގެ ފުދުންތެރިކަމަށްޓަކައި އަދި ރަށްތަކުގެ ތަރައްގީއަށް ޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ. "ކުޑަ ރަށެއް، ބޮޑު ރަށެއް" ނުބަލައި އެ ރަށަކަށް އެންމެ މުހިންމު މަޝްރޫއުތައް ހިންގާފައެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ފެށި ދަތުރުފަތުރުގެ ނިޒާމު، ހަލުއި އާރުޓީއެލް ފެރީ ނިޒާމު ފެށިއެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއާއެކު އުފާފާޅުކުރަނީ.-- ފޮޓޯ: މައުރޫފް ޚަލީލް
އެމްޑީޕީގެ ދެވަނަ ވެރިކަމުގެ ދެވަނަ އަހަރު، 2020ގައި، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބޮޑު ބަލިމަޑުކަން ރާއްޖެއަށްވެސް ތަޖުރިބާ ކުރަންޖެހުނެވެ. އިގުތިސޯދީ އުފެއްދުންތެރިކަން %32 ދަށަށް ޖެއްސި އެވެ. ބޯޑަރު ބަންދުކުރަން ޖެހި، ޓޫރިޒަމް މުޅިން ހުއްޓުނެވެ. އެ ދުވަހު ކޮވިޑް މެނޭޖްކުރި ގޮތް އެއީ މުޅި ދުނިޔެއަށްވެސް ނަމޫނާއެކެވެ. ކަރަންޓީނު ފެސިލިޓީތައް ރިސޯޓްތަކުގައި ގާއިމުކޮށް ރައްކާތެރިކަމުގެ ފިޔަވަޅާއެކު، އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނެވެ. ވަޒީފާ ގެއްލުނު އެންމެންނަށް ސަރުކާރުން މާލީ އެހީތެރިކަން ދިނެވެ. ހާލުގައި ޖެހުނު ވިޔަފާރިތަކަށް އެހީތެރިވާން ލޯނު ސްކީމްތައް އުފެއްދި އެވެ. ރާއްޖޭގެ ފަހުގެ ތާރީހުގައި އެފަދަ މާލީ ބުރައެއް އުފުލަން ޖެހުނު ސަރުކާރެއް ނެތެވެ. އެހާލަތުގައި ދިވެހީން ބަނޑަށް ނުޖެހި ތިބީ އަދި އެ ހާލަތުން ދިވެހީންނަށް އަރައިގަނެވުނީ ސަރުކާރުގެ ރޭވުންތެރިކަމާއި ހިކުމަތްތެރިކަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތާއެކު، އެމްޑީޕީގެ ސިޔާސަތުތަކަށް ގާނޫނީ ބާރުވެރިކަން ހޯދިއެވެ. ގިނައިން އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނަގަން ފެށިއެވެ. މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅިއެވެ. ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސާވިސްޗާޖް ކަށަވަރު ކޮށްދިނެވެ. ސަރުކާރު މުވައްޒަފުންނަށް މެޓާނިޓީ ލީވް އާއި ޕެޓާނިޓީ ލީވް ހަމަޖައްސަން ފެށިއެވެ. އަތުން ޚަރަދެއް ނުގޮސް، މަތީ ތައުލީމްގެ ފުރުސަތު "ހިލޭ ޑިގްރީ" ޕްރޮގްރާމް ކުރިއަށް ގެންދިޔައެވެ.
އެމްޑީޕީގެ 20 އަހަރުގެ ނާކާމިޔާބީތަކުން އެއް ނާކާމިޔާބަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނާކާމިޔާބު ވުމެވެ. ހިސާބު އަދަދުން ފެންނަން އޮތް ގޮތުގައި އެ ނާކާމިޔާބުގެ އެންމެ ބޮޑު ސަބަބަކީ އެމްޑީޕީ އުފެއްދެވުމުގައި ވެސް އެންމެ އިސްކޮށް ހުންނެވި، ރައީސް ނަޝީދު އާއި އެމަނިކުފާނުގެ ސަޕޯޓަރުން އެމްޑީޕީ ދޫކޮށް އެހެން ޕާޓީއެއް އުފެއްދުމެވެ. އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެޕާޓީން ވާދަ ކުރުމެވެ. ދެވަނަ ބުރުގައިވެސް އެޕާޓީން އެމްޑީޕީއަށް ތާއީދު ނުކުރުމެވެ. އެ ހިތި ހަގީގަތުގެ ސަބަބުން ނާކާމިޔާބުވީ ހަމައެކަނި އެމްޑީޕީ އަކަށް ނޫނެވެ. ދިވެހި ރައްޔިތުންގެ ގިނަބަޔަކު މިއަދު މިވަނީ އަދުގެ ސަރުކާރާ މެދު ނާއުންމީދުވެ މާޔޫސްވެފައެވެ.
އެމްޑީޕީއަށް ވެރިކަން ގެއްލޭ ކޮންމެ ފަހަރަކީ ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭ ފަހަރުތަކެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިހުރި ހައްގުތައްވެސް އޮބަހައްޓަން މަސައްކަތްކުރާ އަހަރުތަކެވެ. އެޔާއެކު އެމްޑީޕީ ވަނީ އަނެއްކާވެސް ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ޕާޓީއަށެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަވެގެން މިދަނީ ވަރަށްވެސް އުންމީދީ ދުވަސްވަރެއްގައެވެ. މީގެ ދެއަހަރެއްހާ ދުވަސްކުރިން އެމްޑީޕީ ދޫކުރެއްވި ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ އަލުން ޕާޓީއާ ގުޅިފައެވެ. އާރޫހަކާއެކު ޕާޓީގެ ހަރަކާތްތައް ދަނީ ކުރިއަށެވެ. "އެކުގާ ގަދަކޮށް" ކުރިއަށެވެ. ކުރިއަށް، ކުރިއަށް، ބާރަށް ކުރިއަށެވެ.