އޭ.އައި އިން އުފައްދާފައިވާ ފޮޓޯއެއް.--
ދުންފަތުގެ އިސްތިއުމާލް ނުކުރާ އާބާދީތަކަށް ފައިސާ ދޭން ދިރާސާއެއް ކުރަނީ
މަރްޔަމް މުޙައްމަދު 24 ޖޫން 2025 (އަންގާރަ)   10:24
ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމަށް ދިރާސާއެއް ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ވާނީ ދަންނަވާފައި ކަމަށެވެ.

މިއީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމެވުމެއް ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އަންނަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން މީހުން ދުރުކުރުމަށް މީގެ ކުރިން ރާއްޖޭގައި ނާޅާ ފަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ސަރުކާރުން ވަނީ ސިނގިރޭޓްގެ ޑިއުޓީ ބޮޑުކޮށް ވޭޕް ރާއްޖެ އެތެރެ ކުރުން ވެސް މަނާ ކޮށްފައެވެ. އަދި އަންނަ ނޮވެމްބަރުން ފެށިގެން، 2007 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުންވެސް މަނާ ވާނެއެވެ.

ކޮމެންޓް