މިނިސްޓަރު ސައީދު މިހެން ވިދާޅުވީ މިރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ސައީދު މިފަދަ ޕޯސްޓެއް ކުރެއްވީ ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. މިއީ ސައުތު އޭޝިޔާގައި ހަދާ އެފަދަ ފުރަތަމަ އެގްރިމަންޓް ކަމަށާ މި ކަމުން ދެ ގައުމުން މުހިންމު ކަންތައްތަކަކަށް އެއްބަސްވާނެ ކަމަށް ރިޕޯޓްތައް ބުނެފައިވެ އެވެ.
މި ޚަބަރު ފުރަތަމަ އާންމުކުރީ ސްރީލަންކާގެ ބައެއް ނޫސްތަކުންނެވެ. އޭގެ ފަހުން އެ ނޫސްތަކާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުންވެސް އެ ޚަބަރު ރިޕޯޓްކޮށްފައި ވެއެވެ.
ނަމަވެސް މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމު ކުރަން ސަރުކާރުން މަސައްކަތް ކުރާ ވާހަކަ އަކީ ރަނގަޅު ވާހަކަ އެއް ނޫން ކަމަށެވެ.
"ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމް ކުރަން ދިވެހި ސަރުކާރުން މަސައްކަތް ކުރާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން. އެއީ މިހާތަނަށް ހިޔާލު ކުރެވި ނުވަތަ މަޝްވަރާ ކުރެވިފައިވާ ކަމެއްވެސްނޫން." އެކްސް ގައި ކުރެއްވި ޕޯސްޓްގައި ސައީދު ވިދާޅުވެފައި ވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމު ކުރަން ނިންމާފައިވާއިރު، އަންނަ ޖުލައި މަހު ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ރާއްޖެ ވަޑައިގަންނަވާނެ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ ސަރުކާރުން އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.