މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބާރްތުވާލްއާއެކު، ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު، މިއަދު އެ ވުޒާރާގައި ބޭއްވި ބައްދަލުވުމެއް ގައެވެ.
މި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސަޢީދު ވިދާޅުވީ އިންޑިއާގެ ކޮމާސް ސެކެޓްރީއާއެކު ބޭއްވުނު މި ބައްދަލުވުމަކީ ވަރަށް ފައިދާހުރި ބައްދަލުވުމެއް ކަމަށާ، މި ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވިއްޖެ ކަމަށެވެ.
އެގޮތުން މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް ގުޅުންތައް ވަރުގަދަކުރުމާއި، އިގުތިސާދީ އެއްބާރުލުމަށް އައު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ސައީދު ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމާ ބެހޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވެސް ބުނެފައި ވަނީ އެ ބައްދަލުވުމުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް ގުޅުން ބަދަހިކުރުމާއި ދެ ގައުމުގެ އިގުތިސާދީ އެއްބާރުލުން ވަރުގަދަކުރުމާ ގުޅޭ ގޮތުން އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދިނުމަށް ތައްޔާރަށް އޮތް ކަމަށް އިންޑިއާ އިން މީގެކުރިން ވެސް ބުނެފައި ވާއިރު، އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ބޮޑަށް އެހީވާ އެއް ގައުމުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެ ގައުމުން ރާއްޖެ އަށް މާލީ ގޮތުން އެތައް އެހީތަކެއް މާޒީގައި ވެސް ވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ.