ރާއްޖޭގެ ރިސޯޓެއް.--
ހަލާލު ޓޫރިޒަމްގެ ޕްރޮޖެކްޓްތަކާއެކު ޓޫރިޒަމްގެ 31 ޕްރޮޖެކްޓެއް އިއުލާންކޮށްފި
އެކި އުސޫލުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ތަރައްގީ ކުރަން ހުޅުވާލާފައި ވަނީ ވަރަށް ހާއްސަ އަގުތަކެއްގައި
ފިޔެސް 29 ޖޫން 2025 (އާދީއްތަ)   21:03
ހަލާލު ޓޫރިޒަމްގެ ޕްރޮޖެކްޓްތައް ހިމެނޭހެން ރާއްޖޭގައި މިހާތަނަށް ޓޫރިޒަމް ފުޅާނުވެ އޮތް އަތޮޅުތަކުގައި އެ ދާއިރާ ތަރައްގީކުރަން ވަރަށް ބޮޑެތި ލުއިތަކާ އެކު 31 ޕްރޮޖެކްޓެއް ހިންގަން ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިފަހަރު މަޝްރޫއުތައް ހިންގަން އިއުލާންކޮށްފައި ވަނީ، ހއ، ހދ، ށ، ތ، ލ އަދި އައްޑު އަތޮޅުގަ އެވެ. އެ ރަށްތަކުގެ އަގުތައް ވެސް ވަނީ މީގެކުރިން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ގާތްގަނޑަކަށް 30-70 ޕަސެންޓު ހެޔޮކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައި ވަނީ އޯޕަން ބިޑިން އުސޫލުންނާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށްތަކާއި ފަޅުތަކާއި ބިމުގެ ކުއްޔާ ބެހޭ ގަވައިދުގެ ދަށުން އެތަންތަނުގެ ލީޒް އެކުޒިޝަންގެ ހެކްޓަރަކަށް ކަނޑައަޅާފައިވާ ރޭޓުތައް ކުޑަކޮށްފައިވާ ކަމަށެވެ.

ކްލޯޒް ބިޑިންގެ ދަށުން ވެސް ރަށްތަކުގެ އަގުތަކަށް ބޮޑެތި ލުއިތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ތ އަތޮޅުގެ ރަށްރަށަށް ލޮކޭޝަން ޕްރެމިއަމް އުނިކުރުން.
  • ހއ، ހދ ،ށ، ތ އަދި އައްޑު އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް އުނިކުރުން.
  • ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150،000 އެމެރިކާ ޑޮލަރުން 100،000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.
  • ހއ، ހދ، ށ ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 ޕަސެންޓު ކުޑަކުރުން.

ރަށްތަކުގެ ޕްރީމިއަމް އަކީ، އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ އިރު ހިމަނާ އަގެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ކްރޮސް ސަބްސިޑީ އުސޫލުން ރަށްތަކާއި ފަޅުތައް ދޫކުރާ އިރު 20–40 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރެމިއަމްތައް އުނިކޮށްފައިވާ ކަމަށެވެ. އަދި ހަ އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް ދެ މިލިއަން ޑޮލަރުން އެއް މިލިއަން ޑޮލަރަށް ކުޑަކޮށްފައިވާ ކަމަށެވެ.

އޯޕަން ބިޑިން އުސޫލުން އަދި ކްރޮސް ސަބްސިޑީ އުސޫލުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރަން ދޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވައިފި ނަމަ، އެ މުއްދަތުގައި ދައްކަން ޖެހޭ ކުލި ފަސްކޮށްދޭނެ އެވެ. އަދި ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސަންތަ ވެސް 15 ޕަސެންޓަށް ވަނީ އިތުރުކޮށްފަ އެވެ.

އޭގެ ތެރޭގައި ރަށްތައް އަދި ފަޅުތައް ތަރައްގީ ކުރުމަށް ފަހު ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް އިން ޑިއުޓީ މައާފްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީޒް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ ކަމަށެވެ. އެ ލުއިތަކާ އެކު ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި އަތޮޅުތަކުގައި ޓޫރިޒަމް ފުޅާވެ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކްލޯޒް ބިޑިންގެ އުސޫލުން ހއ އަތޮޅުން 2 ޕްރޮޖެކްޓް، ހދ އަތޮޅުން 5 ޕްރޮޖެކްޓް، ތ އަތޮޅުން 3 ޕްރޮޖެކްޓް، ލ އަތޮޅުން 2 ޕްރޮޖެކްޓް ހުޅުވާލާފައިވެ އެވެ. އަދި އޯޕަން ބިޑިންގެ އުސޫލުން ހއ އަތޮޅުން 3 ޕްރޮޖެކްޓް، ހދ އަތޮޅުން 5 ޕްރޮޖެކްޓް، ށ އަތޮޅުން 3 ޕްރޮޖެކްޓް، ތ އަތޮޅުން 2 ޕްރޮޖެކްޓް، ލ އަތޮޅުން 1 ޕްރޮޖެކްޓް ހުޅުވާލައިފައިވެ އެވެ.

އޯޕަން ބިޑިންގެ އުސޫލުން ދޫކުރާ ރަށްތަކުގެ އަގުތައް އުޅެނީ 1.5 މިލިއަން ޑޮލަރާއި 2.1 މިލިއަން ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.

އޯޕަން ބިޑިން، ކްލޯޒް ބިޑިން އަދި ކްރޮސް ސަބްސިޑީ އުސޫލުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ތަރައްގީ ކުރަން ހުޅުވާލި އިރު، އެ މިނިސްޓްރީން ވަނީ ހަލާލު ޓޫރިޒަމް ތަރައްގީ ކުރުމަށްވެސް ފުރުސަތު ހުޅުވާލާފައެވެ. ހަލާލު ޓޫރިޒަމަށް ހުޅުވާލީ، ހއ، ހދ، ށ، ތ އަދި ލ އަތޮޅުގެ ފަސް ޕްރޮޖެކްޓަކަށެވެ. އޭގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑެ ވެސް ވަނީ ހަލާލު ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅައިފަ އެވެ. ނަމަވެސް، އެތަން އަދި ބިޑަށް ހުޅުވައެއް ނުލަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހަންކެޑެ އަށް ބިޑަށް ހުޅުވާލާނީ އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ނިމުމުން ކަމަށެވެ. އެތަނަށް ވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަަމަށް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި އެންމެ ކުޑަ ލީޒް އެކުއިޒިޝަން ކޮސްޓެއް ކަނޑައަޅާފައިވަނީ ތ. މާގުޅިއަށެވެ. އެރަށުގެ އެކުއިޒިޝަން ކޮސްޓް އުޅެނީ 189،000 ޑޮލަރު (2.9 މިލިއަން ރުފިޔާ) ގަ އެވެ. އެންމެ ބޮޑު އަގެއް އިނީ ހދ. މަކުނުދޫ ފަރުގެ ބައަކަށެވެ. އެތަނުގެ އަގު 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ)އަށް އަރަ އެވެ. އެތަނަކީ 200 ހެކްޓަރުގެ ސަރަހައްދެކެވެ.

ހަލާލު ޓޫރިޒަމް ތަރައްގީ ކުރާ ރަށްތަކަކީ؛ 

  • ހއ. ބީނާފުށި، ހއ. ކަނޑާލިފިނޮޅު: 392،000 ޑޮލަރު (6 މިލިއަން ރުފިޔާ)
  • ހދ. މަކުނުދޫ ފަރު: 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ)
  • ށ.ފުށިފަރު: 234،000 ޑޮލަރު (3.6 މިލިއަން ރުފިޔާ)
  • ތ. މާގުޅި: 189،000 ޑޮލަރު (2.9 މިލިއަން ރުފިޔާ)
  • ލ.ފޮނަގާދޫ: 588،000 (9.1 މިލިއަން ރުފިޔާ)


ހަލާލު ޓޫރިޒަމް މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ ޖުލައި 15 އިން އޮގަސްޓް 4 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރެވޭނެ އެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 1 ވަނަ ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ހަލާލު ޓޫރިޒަމްގެ ރަށްތަކުގައި ރަލާއި އޫރު މަހުގެ މުއާމަލާތްތައް ނުހިންގޭނެ ކަމަށެވެ. އެފަދަ ރަށްރަށުގައި ކެއުން ބުއިމުގައި ބޭނުން ކުރަން ޖެހޭނީ ވެސް ހަލާލު ކާބޯތަކެއްޗެވެ.

އިސްލާމް ދީނާ ގުޅޭ ފަދަ ތަންތަން ރަށު ތެރޭގައި ހުންނަން ޖެހޭ ކަމަށާއި އެގޮތުން މިސްކިތް ފަދަ ތަންތަން ވެސް ހަދަންވާނީ، އެ ރަށުގެ އެންމެ އައިކޮނިކް ބިލްޑިންތަކުގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުންޏެވެ. ޓޫރިސްޓުންނަށާއި ސްޓާފުންނަށް ހާއްސަ ދެ މިސްކިތް ހުންނަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި ބައެއް ހިދުމަތްތަކަށް ބޭނުންވާ ހަލާލް ސެޓިފިކޭޝަން ވެސް ހޯދަން ޖެހޭނެ އެވެ.

ކޮމެންޓް