ެއެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް.--
ހަލާލު ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ - ފައްޔާޒު
"މިއީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެއް"
ޖުނާން އަޙުމަދު 30 ޖޫން 2025 (ހޯމަ)   08:43
އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރި އައްޑޫ ސިޓީ ހަންކެޑެ މަޝްރޫއު، ހަލާލު ޓޫރިޒަމްގެ މޮޑެލަށް ނުހިންގޭނެ ކަމަށާއި މަޝްރޫއަށް ބަދަލު ގެނައުމަކީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ ހަލާލް ޓޫރިޒަމް ތަރައްގީކުރާ ފަސް ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެއްގެ ގޮތުގައި، ހަންކެޑެ ކަނޑައަޅައި އިއްޔެ ސަރުކާރުން އިއުލާން ކުރުމުން، އެކަމާ ދެކޮޅަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"އައްޑޫއަށް 400 މިލިއަން ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓުތައް އެމްޑީޕީން ޔަގީންކޮށްދީފައި ވަނިކޮށް، ހަންކެޑެ ހަލާލް ޓޫރިޒަމަށް މި ހާއްސަކުރީ އެ މަޝްރޫއު ކުރިއަށްނުގެންގޮސް ހުއްޓައިލުމަށް. ހަލާލު ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ." އެމްޑީޕީގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު ލިޔުއްވާފައި ވެއެވެ.

ފައްޔާޒު ވިދާޅުވެފައިވަނީ، އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގައި ހިއްކާފައިވާ ރަށްރަށް ހަލާލު ޓޫރިޒަމަށް ހާއްސަ ކުރެވިދާނެ ކަމަށާއި، އެ ރަށްރަށް އޮއްވައި ހަންކެޑެ މަޝްރޫއު ހުއްޓުވައިލަން ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް ކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ފާހަގަ ކުރައްވާފައިވާ ގޮތުގައި، ހަންކެޑެ މަޝްރޫއުއަކީ ހުރިހާ ޕްލޭނެއް ނިމިފައިވާ، ފައިސާ ހަމަޖެހިފައިވާ އައްޑޫގެ ޓޫރިޒަމް އަދި އައްޑޫގެ މުޅި އިގްތިސާދު ބަދަލުކޮށްލާނެ މުހިންމު މަޝްރޫއެކެވެ.

"އަދިވެސް އެ ފައިސާ ރާއްޖެ ގެނެސް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވަނީ ސަރުކާރުން ދަރަނި ރީފައިނޭންސް ކުރުމުގެ ވާހަކަ ދައްކަމުންދާތީ. އެކަން ވެސް ކުރެވިފައި ނުވޭ."

ހަންކެޑެ އާ ގުޅޭގޮތުން ސަރުކާރުން ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައި މައްޗަށް ތެދުވިޔަ ނުދޭން ސަރުކާރުން ކުރާ ކަމެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"މިއީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެއް. އައްޑޫގެ ރައްޔިތުން އިގުތިސޯދީ ގޮތުން ބާރުވެރި ކުރުވުމުގެ ތަސައްވުރު އޮތީ އެމްޑީޕީގައި." ފައްޔާޒު ވިދާޅުވިއެވެ.

ހަލާލު ޓޫރިޒަމަކީ މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، ހުރިހާ ފަތުރުވެރިންނަށް ވެސް އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ. މި ކޮންސެޕްޓު ތަންފީޒު ކުރާނީ ރިޒޯޓު ތަރައްގީ ކުރެވޭ މަރުހަލާގެ ތެރެއިންނާއި ރިޒޯޓު އޮޕަރޭޝަންސްގެ މަރުހަލާގައެވެ.

ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީއާ އެވެ.

އެގޮތުން 2023ވަނަ އަހަރު އެމްއެފްއެމްސީ އާ ހަންކެޑެގެ މަސައްކަތް ހަވާލުކުރުމަށްފަހު، މި ސަރުކާރުން 2024 އޭޕްރީލް 15 ގައި ބަޑިބޭހުގެ ކުޅިވަރުތަކާއެކު އެ މަޝްރޫއު އިފުތިތާހު ކުރުމަށް ކުލަގަދަ ރަސްމިއްޔާތެއްވެސް ބޭއްވި އެވެ.

ކޮމެންޓް