ދިވެހިން އާންމުކޮށް އޮމްލައިން ވިޔަފާރި ކުރަމުން އަންނަ ސައިޓުތަކަކަށް ފައިސާ ދެއްްކުމުގައި ބޭންކަށް ނަގާ ފީއެއްގެ ގޮތުގައި 30 އިންސައްތައިގެ ފީއެއް ނެގުމަށް ބީއެމްއެލް (ބޭންކް އޮފް މޯލްޑިވްސް) އިން ނިންމުމަކީ ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުނުކުރެވުމުގެ ބުރަ ރައްޔިތުން އުފުލަން ޖެއްސުން ކަމަށް ސިފަކުރައްވާ މިއަދު އެކްސް ގައި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ މަލްޓިޕަލް އެކްސްޗޭންޖް ރޭޓް ސިސްޓަމެއް ތަންފީޒު ކުރުމުގެ މަރުހަލާއަށް ސަރުކާރުން ދިޔުމަކީ މި ޕީއެންސީ ސަރުކާރު ފެއިލްވެއްޖެކަން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.
"ބީއެމްއެލް އިން ނަގަން ނިންމި ފީ އާއެކު ދޭހަވަނީ ޕީއެންސީގެ ސަރުކާރުގެ އިގްތިސާދީ އަދި ފޮރިން އެކްސްޗޭންޖްގެ ސިޔާސަތުތައް ފެއިލްވެ، އެ ބުރަ ރައްޔިތުން އުފުލަން ޖެހޭ މަންޒަރު." ފައްޔާޒްގެ އެކްސް ޕޯސްޓްގައި ވިދާޅުވިއެވެ.
އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ނުލިބެނީސް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ގާބިލު އަދި ފަންނީ ބޭފުޅުންނާއި މަޝްވަރާކޮށް އެ ބޭފުޅުންގެ ލަފާ ހޯއްދަވައިގެން އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ޖެހޭކަމަށް ސަރުކާރަށް ގޮވާލައްވަމުން ފައްޔާޒް ވިދާޅުވީ، ބީއެމްއެލް އިން ނަގާ 30 ޕަސަންޓުގެ ފީގެ ސަބަބުން އެކްސްޗޭންޖް ރޭޓު މަތިވެ، ރުފިޔާއަށް ޑޮލަރު ބަދަލު ކުރުމުގެ ޕެރެލަލް މާކެޓު ރަސްމީ ވެގެންދާނެ ކަމަށް ވެސް ބެލެވޭ ކަމަށެވެ.
30 އިންސައްތަ ފީއެއް ނަގަން ސަރުކާރުން މިއަދު ނިންމި ނިންމުން ހާމަކޮށް ބީއެމްއެލްއިން ބުނެފައިވާ ސައިޓުތަކަކީ ޓެމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ.
މި ނިންމުން މީޑިއާއާ ހިއްސާކުރަމުން ބީއެމްއެލްއިން ބުނެފައި ވަނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުމަކީ ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުވެގެންދާ އެއްކަންތައް ކަމަށާ، ފައިސާދައްކާއިރު 30 އިންސައްތައިގެ ފީއެއް ނަގަން ނިންމީ އެހެންވެގެން ކަމަށެވެ.